މަޢްލޫމާތު އޮޅުވާލުމާއި ދޮގު މަޢްލޫމާތު ފެތުރުން

ނީނާ ޝިކްއަކީ ނޭޕާލް އުފަން ނޭޕާލާއި ޖަރުމަންވިލާތަށް ނިސްބަތްވާ މީހެކެވެ. އޭނާއަކީ މިނިވަން ޕޮލިޓިކަލް ކޮންސަލްޓެންޓެކެވެ. ތާރީޚާއި ޕޮލިޓިކަލް ސައިންސްގެ ރޮނގުން އޭނާ ބާއްޗާ ލެކްޗަރތައް އަޑުއެހުމަށް ގިނަ އަދަދަކަށް މީހުން އެއްވެއެވެ. މަޢްލޫމާތު އޮޅުވާލުމާއި ދޮގު މަޢްލޫމާތު ފެތުރުމުގެ މައްޗަށް އޭނާ ލިޔެފައިވާ ފޮތް: Deepfakes and the infocalypse ޚުލާސާ ކޮށްފައި މިވަނީއެވެ.

ޔޫޓިއުބްގައި ފެންނަ ވީޑިއޯއެއްގައި އެމެރިކާގެ ކުރީގެ ރައީސް އޮބާމާ ވިދާޅުވާކަމަށް އެވީޑިއޯއިން ފެނި އިވެނީ، މިހާރުގެ ރައީސް ޓްރަމްޕް އަކީ ސީ ތަފާއްޔެއް ކަމަށެވެ. 7.5 މިލިއަން މީހުން ބަލާފައިވާ މި ވީޑިއޯ ހީވަނީ ވައިޓްހައުސްގައި ނަގާފައިވާ ވީޑއޯއެއް ހެންނެވެ. ވީޑިއޯ ފައްޓަވަމުން އޮބާމާ ވިދާޅުވާ ކަމަށް ވަނީ މިއޮތް ޒަމާނުގައި ކޮންމެ މީހަކު ކޮންމެ ތަނެއްގައި ކޮންމެފަދަ އެއްޗެއް ބުނާކަމަށް ދެއްކިދާނެއެވެ. އެކަމަކު އެމީހާ އެފަދަ ވާހައެއް ބުނެފައެއް ނުވާނެއެވެ. ޓްރަޕްއާ ބެހޭ ގޮތުން އަޅުގަނޑުވެސް އާންމު ތަނެއްގައި ޔަގީނުން އެފަދަ ވާހަކައެއް ނުބުނާނެ ކަން ޔަގީނެވެ.

ދެން އަނެއް މަންޒަރުގައި އޮބާމާ ވިދާޅުވަނީ މި ވީޑިއޯއަކީ މިއީ ފޭކް ވީޑިއޯއެއް ކަމަށެވެ. އަދި މިފެންނަ މީހާ މިއީ، ޚުދު އޮބާމާއެއްވެސް ނޫނެވެ. މަސްނޫއީ ސިކުނޑި ނުވަތަ އާރޓިފިޝަލް އިންޓެލިޖެންސްގެ ދުނިޔެއަށް މަރުޙަބާއެވެ! މި ޒަމާނުގައި ކޮންމެ މީހެއްގެ ސޫރަ ދައްކައިގެން އެމީހާއަށް ނިސްބަސްކޮށް ކޮންމެފަދަ ވާހަކައެއް ބުނާކަމަށްވެސް ދެއްކިދާނެއެވެ. މިއީ އޮޅުވާލުމަށް ފަތުރާ މަޢްލޫމާތެވެ. މިކަން ސިފަ ކުރެވެނީ މިސްއިންފޮމޭޝަންއާއި ޑިސްއިންފޮމޭޝަން ގެ ގޮތުގައެވެ.

މިއަށް ކިޔަނީ ޑީޕްފޭކްއެވެ. މި ފޮތުގެ މުސައްނިފާ ޑީޕްފޭކް މާނަކޮށްފައިވަނީ، އެއީ، މަސްނޫއީ މީޑިއާގެ ޒަރީއާއިން މަންޒަރާއި އަޑާއި ވީޑިއޯ މެނިޕިއުލޭޓް ކޮށްގެން މަސްނުއީ ސިކުނޑި ބޭނުންކޮށްގެން އުފައްދާ މަޢްލޫމާތެވެ.

ކުރިން ކޮންމެވެސް ވަރަކަށް ފޮޓޯޝޮޕްއާއި އިންސްޓަގްރާމް ފިލްޓަރުތައް ބޭނުންކޮށްގެން މަޢްލޫމާތު ބޭނުން ގޮތަށް ބައްޓަން ކޮށް ހެދެއެވެ. ނަމަވެސް މިހާރު އާރޓީފިޝަލް އިންޓެލިޖެންސް ބޭނުން ކޮށްގެން މި ކަން ވަނީ އެތައް ގުނައަށް ކުރިއަށް ޖައްސާ ލެވި، މަސްނޫއީ މީޑިއާގެ ފުޅާދާއިރާއެއް އުފެއްދިފައެވެ. މިހާރުވެސް މޮބައިލް ފޯނުން މަތީފެންވަރުގެ ވީޑިއޯ އުފެއްދެއެވެ. އަދި މުސްތަގްބަލުގައި ހޮލީވުޑް ފެންވަރުގެ ފިލްމުތައް އުފެއްދޭނެކަންވެސް ޔަގީނެވެ.

އޮޅުވާލައިގެން އުފައްދާ މެނިޕިއުލޭޓްކޮށްފައި ހުންނަ މަޢްލޫމާތަކީ ހަތިޔާރެކެވެ.

މި ފޮތް ފަށާއިރު އިޝާރާތް ކޮށްފައިވާ އޮބާމާ ވީޑިއޯއަކީ، ހޮލީވުޑްގެ ޑައިރެކްޓަރ ޖޯން ޕީލީއާއި ބަޒްފީޑް ގުޅިގެން އުފައްދާފައިވާ ވީޑއޯއެކެވެ. މިއީ މަޢްލޫމާތު ދިނުމުގެ މަގްސަދުގައި އުފައްދާ ފައިވާ ވީޑިއޯއެކެވެ. މިވީޑިއޯގައި އިތުރަށް އޮބާމާގެ ސިފައިގައި ހުރި މީހާ ބުނެފައި ވަނީ މި ޒަމާނުގައި އިންޓަރނެޓަށް އިތުބާރު ކުރުމުގައި ސަމާލުވާން ޖެހޭނެ ކަމަށެވެ. ނުރަނގަޅު މަޢްލޫމާތު ފަތުރައި ހަލާކުކޮށްފައިވާ މުޖުތަމައެއްގައި އަހަރެމެން ރައްކާތެރިވެ ތިބެންވީތޯ ނުވަތަ ހަލާކުވާން ވީތޯ އަހަރަމެން ކނޑައަޅަން ޖެހޭނެ ކަމަށެވެ. ހަގީގަތަކީ އަހަރަމެންގެ މި ޒަމާނަކީ ދޮގު މަޢްލޫމާތުން ހަލާކުކޮށްފައިވާ މުޖުތަމައެއްގެ ޒަމާނެކެވެ. މަޢްލޫމާތުގެ ވެށި ވަނީ ކިލަނބުވެފައެވެ. ނުރައްކާތެރި ވެފައެވެ.

މުސައްނިފް މި ކަމަށް ނަންދީފައިވަނީ އިންފޯކްލިޕްސްގެ ނަމުންނެވެ. 2016ގައި އެމެރިކާގެ ޓެކްނޮލޮޖިސްޓް އަވީވް އޮވާޑިއާ މި ނަން އުފެއްދީ ނުބައި ނުވަތަ ދޮގު މަޢްލޫމާތުން މުޖުތަމައު ކިލަނބު ކުރުން ސިފަ ކުރުމުގެ ގޮތުންނެވެ. އިންފޯކްލިޕްސްއިން މީހުންގެ ދިރިއުޅުމާއި ދޭދޭ ގައުމުތަކުގެ ގުޅުން ދަނީ ކިލަނބު ވަމުންނެވެ.

އިންސާނުންނަށް ފޮޓޯގްރަފީ އީޖާދު ކުރެވުނީ ޗާޕް މެޝިން އުފެއްދިތާ ހަތަރު ގަރުނު ފަހުން ނެވެ. ނަމަވެސް މިދިޔަ 30 އަހަރު ތެރޭގައި މުޅި މަޢްލޫމާތުގެ ވެށްޓަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. ދޮގު މަޢްލޫމާތުން ކިނަބުވެފައިވާ ވެށްޓެއްގައި، އެއީ އިންފޯކްލިޕްސްގެ ވެށްޓެއްގައި ކޮންމެ މީހަކުވެސް މަސައްކަތް ކުރަނީ ތިމާގެ ކޮޅު މޮޅު ކުރާށެވެ. ނަތީޖާއެއްގެ ގޮތުން ޖަމާއަތުގައި އިތުރަށް ބައިބައި ވުން އުފެއްދެއެވެ.

މުސައްނިފާ ބުނާ ގޮތުން އޭނާ “ޑީޕްފޭކްސް”އާއި “އިންފޯކްލިސްޕްސް”އަށް ޝައުގުވެރިވީ ރަޝިޔާއިން ދޮގު މަޢްލޫމާތު ފެތުރުމަށް ކުރަމުން ދިޔަ މަސައްކަތަށް އޭނާ ހޭލުންތެރިވި ހިސާބުންނެވެ. އޮޅުވާލުމާއި ދޮގު މަޢްލޫމާތު ފެތުރުމުގައި ރަޝިޔާއިން ކޮށްފައިވާ މަސައްކަތުގެ މިސާލުތައް ދައްކަމުން މުސައްނިފާ ބުނަނީ، މެލޭޝިއާގެ އެމްއެޗް 17 މަތިންދާބޯޓް ވައްޓާލި ހާދިސާގައި ރަޝިޔާ މީޑިއާއިން އެމީހުންގެ ލަންޑަންގެ ސްޓޫޑިއޯތަކުން ދެއްކީ އޫކްރޭން ގެ ހަނގުރާމަވެރިން މި ބޯޓް ވައްޓާލި ކަމަށެވެ.

ފަހުން ހޯދާފައިވާ މައްލޫމާތުގެ އަލީގައި އެނގެނީ މި ބޯޓް ވައްޓާލި މިސައިލް ލޯންޗާ އައިސްފައި ވަނީ ރަޝިޔާގެ ސަރަހައްދުން ކަމަށާއި އަދި މި ލޯންޗާ އަނބުރައި ވަދެފައިވަނީވެސް ރަޝިޔާގެ ސަރަހައްދަށް ކަމަށެވެ. އިނގިރޭސި ޕާލަމެންޓްގައި މި މައްސަލާގައި ކުރި ބަހުސްގައި 2017ގައި ހެއްކާއެކު މި ބޯޓް ރަޝިޔާއިން ވައްޓާލިކަން ކަށަވަރު ކޮށްދީފައި ވެއެވެ. އެކަމަކު މިއަދާ ހަމައަށްވެސް ރަޝިޔާއިން މިކަމަށް ޒިންމާ އުފުލާފައެއް ނުވެއެވެ.

ރަޝިޔާއަށް ޓަކައި އެންމެ ބޮޑަށް ދޮގު މަޢްލޫމާތާއި އޮޅުވާލައިގެން މަޢްލޫމާތު ފަތުރާ ޓީވީ ސްޓޭޝަނަކީ އާރްޓީ އެވެ. އާރްޓީގެ އެޑިޓަރ އިން ޗީފް މާރގަރީޓާ ސީމޯންޔާން ބުނާ ގޮތުންނަމަ، އާރްޓީން މަޢްލޫމާތު ފަތުރަނީ ހުޅަނގާ ދެކޮޅަށް ރަޝިޔާގެ ދިފާއުގައެވެ.

2017ގައި ޔޫޓިއުބްގައި އާރްޓީ ދުވާލެއްގެ މައްޗަށް އެތައް “ބިލިއަން” ގަޑިއަށް ބަލާފައިވާ ކަމަށް ދައްކައެވެ. މިއީ އެންމެ މީހަކު އެއް ލައްކަ އަހަރު ވަންދެން ޓީވީ ބެލުމުން ބެލޭނެ ވަރުގެ ވަގުތެވެ. އާރްޓީއަކީ އިނގިރޭސިއާއި ސްޕެނިޝްއާއި ފްރެންޗާއި ޖަރމަން އަރަބި އަދި ރޫސީ ބަހުން ގެނެސްދޭ ޓީވީ ޗެނަލްއެކެވެ.

ރަޝިޔާއިން މެނިޕިއުލޭޓް ކުރަނީ އެކަނި ޔޫޓިއުބެއް ނޫނެވެ.

2013 ވަނަ އަހަރު ރަޝިޔާ ސަރުކާރުން އިންޓަރނެޓް ރިސާރޗް އެޖެންސީއެއް އުފެއްދިއެވެ. މިތަނަކީ ރަޝިޔާގެ ޖާސޫސީ އިދާރާގެ ބައެކެވެ. މިއިދާރާގެ މަގްސަދަކީ، ބޭރުގައުމުތަކުގެ ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކަށް ފޭދިގަނެ، މަޢްލޫމާތު ފަތުރައި މޮސްކޯއަށް ފަހިވާ ގޮތަށް ނުފޫޒު ފޯރުވުމެވެ. މިތަނުގެ ފުރަތަމަ މަސައްކަތަކީ ޔޫކްރޭން އެވެ. އެއަށްފަހު ހުޅަނގު ޔޫރަޕްގެގ ގައުމުތަކެވެ. ދެން އެމެރިކާގެ އިންތިޚާބެވެ. ރަޝިޔާއިން ގޮދު މަޢްލޫމާތު ފެތުރައި މަޢްލޫމާތު މާހައުލު ކިލަނބު ކުރާކަމުގެ އަނެއް މިސާލެއްގެ ގޮތުން ދައްކަނީ ޔޫރަޕްގައި ރަޝިޔާއިން ކޮށްފައިވާ މަސައްކަތެވެ.

ސޫރިޔާގައި ހަނގުރާމައިގައި ސޫރިޔާ ރައްޔިތުން އެގައުމުން ފައްސާލައި ބޭރުކޮށްލުމަށް ރަޝިޔާއިން ޚާއްސަ ކެމްޕޭނެއް ހިންގިއެވެ. 2015ގައި ރަޝިޔާއިން އައިސިސްގެ ތަންތަނަށް ހަމަލަ ދެނީ ކަމަށް ހަދައިގެން ސޫރިޔާގެ މަދަނީންނާ ދެކޮޅަށް ހަމަލާތައް ދިނެވެ. ނޭޓޯއިންވެސް ސިފަ ކޮށްފައިވަނީ މިއީ މީހުން ހިޖުރަ ކުރުން ހަތިޔާރެއްގެ ގޮތުގައި ބޭނުން ކުރުމަށް ރަޝިޔާއިން ކުރި މަސައްކަތެއް ކަމަށެވެ.

ރަޝިޔާގެ މި ހަމަލާތަކަށް ފަހު ޔޫރަޕްގެ ސަރަހައްދަށް ނުކަތާވަރަށް މީހުން ޔޫރަޕަށް ވަނުމަށް ދިމާ ކުރިއެވެ. 2015ގެ ނޮވެމްބަރު މަހު ޕެރިހަށް އަދި މާޗް 2016ގައި ބްރަސްލްސްއަށް އަދި ޑިސެމްބަރު 2016ގައި ބަރލިންއަށް ގިނަ އަދަދަކަށް ރެފިއުޖީން ވަންނަން ދިމާކުރިއެވެ. 2014އާއި 2018އާ ދެމެދު ނަން މަޝްހޫރު މުސްލިމް ޓެރަރިސްޓުންގެ 104 މީހަކު ޔޫރަޕަށް ވަނެވެ. މިއިން 28 މީހަކު ހަމަލާތައް ރާވައި 170 މީހަކު މަރާލިއެވެ. އަދި 878 މީހަކު ޒަޚަމް ކޮށްލިއެވެ.

މިވަރުން ނުވެގެން ރަޝިޔާއިން ދިޔައީ އިތުރަށްވެސް ދޮގު މަޢްލޫމާތު ފަތުރަމުންނެވެ. ރަޝިޔާގެ މިފަދަ އެއް ކެމްޕޭނަކީ “ލީސާ”ގެ ވާހަކައެވެ. ރަޝިޔާ މީޑިއާއިން ފެތުރި މިވާހަކައިގައި އުމުރުން 13 އަހަރުގެ ޖަރުމަން އަންހެން ކުއްޖާ، ލީސާ މަރާލާފައި ވަނީ ރެފިއުޖީންގެ ބައެކެވެ. މި ވާހަކަ އެންމެ ފުރަތަމަ ރިޕޯޓް ކުރީ ރަޝިޔާގެ ގައުމީ ޓީވީންނެވެ. އެސާހިތަކުން މީސްމީޑިއާއަށް މިވާހަކަތައް ފެތުރިގެން ދިޔައެވެ. ލީސާގެ މައްސަލާގައި ސަރުކާރުން މަތި ޖަހަނީ ކަމަށް ބުނެ، ޖަރުމަން ސަރުކާރުގެ އޮފީސްތަކުގެ ބޭރުގައި މީޙުން މުޒާހަރާ ކުރަން ފެއްޓިއެވެ.

ހަގީގަތުގައި ލީސާއަކީ ހަދައިގެން ރިޕޯޓް ކޮށްފައިވާ ޚަބަރެކެވެ. މި ވާހަކަ ފެތުރިގެން ދިޔަ ބާރުމިނާއި ފުޅާކަމުން އެނޫން އެހެން ވާހަކައަކަށް ޖާގައެއް ނުލިބުނެވެ.

މަސްނޫއީ ސިކުންޑި ނުވަތަ އާޜޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ހަދާފައިވާ 2.6 މިލިއަން މޫނުތައް.

މި ފޮޓޯތައް ދައްކައި މުސައްނިފާ އަހަނީ މިއިން އަސްލު ފޮޓޯއަކީ ކޮން ފޯޓޯތައް ހެއްޔެވެ؟ އޭނާ ބުނަނީ މިހުރިހައި ފޮޓޯތަކަކީވެސް ފޭކް މަސްނޫއީ ގޮތުން އުފައްދާފައިވާ ފޮޓޯތައް ކަމަށެވެ. 19 ވަނަ ގަރުނުގައި އިންސާނުންނަށް ފޮޓޯގްރަފީ އީޖާދު ކުރެވުމުން ހަގީގީ މަންޒަރު ބޭނުންވާ ގޮތަށް ނަގައި މެނިޕިއުލޭޓް ކުރުމުގެ ކުޅަދާނަކަން އިންސާނުންނަށް ލިބުނެވެ. ފޮޓޯ މެނިޕިއުލޭޓް ކުރުމަކީ ޒަމާނުއްސުރެން އިންސާނުން ކޮށްފައިވާ ކަމެކެވެ.

ރަޝިޔާގެ ޑިކްޓޭޓަރު ޖޯސެފް ސްޓާލިންއަށްޓަކައި ފޮޓޯ މެނިޕިއުލޭޓް ކުރާން ބޮޑު އިދާރާއެއް ހަދާފައި ހުއްޓެވެ. ސްޓާލިންގެ ދެކޮޅުވެރިން މެރުމަށް ޖަލަށް ފޮނުވާލައި އެމީހުން ތިބި ފޮޓޯތަކުން އެމީހުންގެ ސޫރަ އެޑިޓް ކޮށް އުނިކުރުމުގެ މަސައްކަތަކީ އެ އިދާރާއިން ކުރަމުން ގެންދިޔަ މަސައްކަތެކެވެ.

މަތީގައިވާ ފޮޓޯގައި ތިބި މީހުން މެރުމަށްފަހު ސްޓާލިން ވަނީ ފޮޓޯ މެނިޕިއުލޭޓްކޮށް އޭނާގެ ގާތް މީހުންނާ އެކު އެކަނި ނަގާފައިވާ ފޮޓޯއެއް ކަމުގައި ހަދާފައެވެ.

ފޮޓޯއަށް ބަދަލު ގެނެވޭނެ ކަން މީހުން ދަނެއެވެ. ނަމަވެސް އޯޑިއޯއާއި ވީޑިއޯއާ ކުޅެލައި ނުވަތަ އެ ވަސީލަތް ބޭނުން ގޮތަކަށް އުފެއްދޭ ކަމަކަށް މީހުން އިހުސާސެއް ނުކުރެއެވެ.

2022 ގައި ދުނިޔޭގެ އިންޓަރނެޓްގެ ޓްރެފިކްގެ 82 އިންސައްތަ އޮންނާނީ ވީޑިއޯ ސްޓްރީމިންގއާއި ވީޑިއޯ ޑައުންލޯޑް ކުރުމުގައެވެ.

2023 ގައި ދުނިޔޭގެ އާބާދީގެ 70 އިންސައްތަ ތިބޭނީ މޮބައިލް ގެ ޒަރީއާއިން ގުޅާލެވިފައެވެ.

އެހެންވެ، 5.6 ބިލިއަން މީހުން ވެގެންދާނީ ހަމައެކަނި މީޑިއާ ކޮންސިއުމް ކުރާ ބަޔަކަށް ނޫނެވެ. އުފައްދާ ބަޔަކަށްވެސް މެއެވެ.

ހިއްސާ ކުރައްވާ!