ތާރީޚުގެ އަނދިރި ސަފުހާއެއް: މުސްލިމް އުންމަތް 300 އަހަރަށް ފަހަތަށް ސޮއްސައިގެންދިޔަ ނިންމުން

އުޘްމާނީ ދައުލަތުގެ ސުލްޠާން ބާޔަޒީދު ދެވަނަ 1485 ގައި، އަދި ސުލްޠާން ސަލީމް ފުރަތަމަ  1515 ގައި، ދީނީ ފޮތް ޗާޕުކުރުން މަނާކުރައްވައި ފަރްމާނުތައް ނެރުއްވާފައިވާކަން ތާރީޚީ ލިޔެކިޔުންތަކުން ސާބިތުވެއެވެ.

ޔޫރަޕްގައި ޔޯހަން ގުންޓެންބާގް ޗާޕު މެޝިން އީޖާދުކޮށް، މުޅި ޔޫރަޕްގެ ބައްރު ޢިލްމީ އަދި ސައިންޓިފިކް އިންގިލާބަކަށް ހޭލަމުންދިޔައިރު، ދުނިޔޭގެ އެންމެ ބާރުގަދަ އިސްލާމީ ޚިލާފަތުން އޮތީ ފޮތް ޗާޕުކުރުން މަނާކޮށް ޝާހީ ގަރާރެއް ނެރެފައެވެ. މިއީ ހަމައެކަނި ފޮތްތަކެއް މަނާ ކުރުމެއް ނޫނެވެ. މިއީ މުޅި އުންމަތުގެ މުސްތަޤްބަލް 300 އަހަރަށް ހުއްޓުވާލި ހާދިސާއެކެވެ.

އެމެރިކާގެ އިޤްތިޞާދީ މާހިރު ޖެރާޑް ރޫބިން އޭނާގެ
Rulers, Religions, and Riches: Why the West Got Rich and the Middle East Did Not
މި ފޮތުގައި ތިލަކޮށްދެއްވަނީ މި ބިރުވެރި ހަގީގަތްތަކެވެ. މިއީ ކިޔާލުމުން ހިތަށް އަސަރުކުރުވާ، ހަމައެއާއެކު މިއަދުގެ ދުނިޔެއަށް ލޯ ހުޅުވައިދޭނެ ފޮތެކެވެ.

ސުލްޠާނުން މިފަދަ ނިންމުމެއް ނިންމެވީ ކީއްވެ؟

މި ފޮތް ކިޔާއިރު އުފެދޭނެ އެންމެ ބޮޑު ސުވާލަކީ، ޢިލްމަށް އެހާ ބޮޑަށް ހިތްވަރުދޭ އިސްލާމީ މުޖުތަމަޢެއްގައި މިފަދަ ހަރުކަށި ފިޔަވަޅެއް ޚަލީފާ އެޅުނީ ކީއްވެގެން ހެއްޔެވެ؟ މުޞައްނިފު ރޫބިން ބަޔާންކުރައްވާ ގޮތުގައި މީގެ ފަހަތުގައި އޮތީ ސިޔާސީ ބާރާއި ދީނީ ނުފޫޒު ގުޅިފައި އޮތް ގޮތެވެ.

  • ޢުލަމާއިންގެ ފިއްތުންތައް: އޭރުގެ ސުލްޠާނުން ވެރިކަމުގެ ޝަރުޢިއްޔަތު ދެމެހެއްޓުމަށް ބަރޯސާވީ ދީނީ ޢިލްމުވެރިންގެ ތާއީދަށެވެ. ބައެއް ޢިލްމުވެރިން ޤަބޫލުކުރެއްވި ގޮތުގައި ޢިލްމަކީ އަނގަބަހުން ޝައިޚުންގެ އަރިހުން ހޯދަންޖެހޭ އެއްޗެކެވެ. މެޝިނަކުން ފޮތް ޗާޕުކޮށްގެން އާންމު ބާޒާރުގައި ވިއްކަން ފެށުމުން ޢިލްމުގެ ހައިބަތު ގެއްލިދާނެ ކަމާމެދު އެބޭފުޅުން ބިރުގަތެވެ.
  • ޤުރުއާނު ޗާޕުކުރުމުން ކުށް ހުރެދާނެކަމުގެ ބިރު: ޖަރުމަނުވިލާތުގައި ޣައިރު މުސްލިމުން ފުރަތަމަ ޗާޕުކުރި މުޞްޙަފްތަކުގައި އިންތިހާއަށް ގިނަ ކުށްތައް ހުއްޓެވެ. މިއީ ގުރުއާން ޗާޕް ކުރުމުން އުފެދުނު ބިރުވެރިކަން މުސްލިމް ބިންތަކުގައި ސަތޭކަ ގުނައަށް އިތުރުވެގެންދިޔަ ސަބަބެކެވެ.

ޔޫރަޕްގައި ޗާޕު މެޝިނުގެ ސަބަބުން ފޮތްތައް ތިޔާގިވެ، އާންމު ރައްޔިތުން ލިޔަންކިޔަން ދަސްކޮށް، ސައިންސާއި އިޤްތިޞާދުގެ އައު ހޯދުންތައް ހޯދަމުންދިޔައެވެ. ނަމަވެސް، މުސްލިމް ދުނިޔޭގައި ފޮތެއް ބޭނުންވެއްޖެނަމަ ޖެހެނީ އަތުން ލިޔާ މީހަކު ލައްވައި ކޮޕީއެއް ހަދާށެވެ. މިއީ ބޮޑު ހޭދައެއް ހިނގާ، އަދި އެތައް މަހެއް ނަގާ ލަސް ކަމެކެވެ. އަދި މިކަމުގެ ސަބަބުން އާންމު ރައްޔިތުންނާ ހަމައަށް އިލްމު އައުން ލަސްވެ މަޑު ޖެހުނެވެ.

އިސްލާމީ ދައުލަތުގައި ފުރަތަމަ ފަހަރަށް ފުޅާދާއިރާއެއްގައި ފޮތް ޗާޕުކުރަން ފެށުނީ، ޗާޕްޚާނާ އުފެއްދިތާ 300 އަހަރު ފަހުން 1798 ގައި ފަރަންސޭސި ޖެނެރަލް ނަޕޯލިއަން ބޮނަޕާޓް މިޞްރު ހިފުމަށް އައި ދަތުރު، އޭނާއާއެކު ގެނައި ޗާޕު މެޝިނުންނެވެ.

ޖެރާޑް ރޫބިންގެ މި ފޮތަކީ ހަމައެކަނި މާޒީގެ ވާހަކައެއް ނޫނެވެ. މިއީ މިއަދުގެ މުސްލިމުންނަށް އޮތް ބާރުގަދަ އިންޒާރެކެވެ. މިއަދު ދުނިޔެއަށް އަންނަމުންދާ އާޓިފިޝަލް އިންޓެލިޖަންސް އާއި، އައު ޓެކްނޮލޮޖީތަކަކީ "ބިދުޢައެއް" ނުވަތަ "ބިރުވެރި އެއްޗެއް" ކަމަށް ބަލައި، އެއާ ދުރަށް ޖެހިއްޖެނަމަ، މާޒީގައި ހެދުން ބޮޑު ގޯސް އަލުން ތަކުރާރުވެދާނެއެވެ.

މި ފޮތް ކިޔާލުމުން އެނގިގެންދަނީ، އިސްލާމްދީނަކީ ތަރައްޤީއަށް ހުރަސްއަޅާ ދީނެއް ނޫންކަމެވެ. ނަމަވެސް، ތާރީޚުގައި ސިޔާސީ ބާރުވެރިކަން ދެމެހެއްޓުމަށްޓަކައި ނިންމުނު ބައެއް ނިންމުންތަކުގެ ހިތި ނަތީޖާ މުޅި އުންމަތުން މިއަދާ ހަމައަށްވެސް އަންނަނީ ތަހައްމަލު ކުރަމުންނެވެ. މިއީ ކޮންމެހެން ކިޔާލުން މުހިންމު، ހޭލުންތެރިކަން އިތުރުކޮށްދޭނެ ފުރިހަމަ ފޮތެކެވެ.

މިފޮތް ޝާއިއު ކުރީ 2017ގައި ކެމްޕބްރިޖު ޔުނިވަރސިޓީ ޕްރެސްއިން.

ހިއްސާ ކުރައްވާ!