އެލަން ޕާޕޭގެ ފޮތް، ފަލަސްތީނުގެ ނަސްލު ސާފުކުރުން

މިއަދު ހުށަހަޅާ ފޮތަކީ ފަލަސްތީނު މީހުންނަށް ޒަޔަނިސްޓް ޔަހޫދީން އުފެއްދި ކާރިސާއަށް 75 އަހަރު ފުރޭ މުނާސަބާއާ ދިމާކޮށް ހުށަހަޅާ ފޮތެކެވެ.

މިއަދު ހުށަހަޅާ ފޮތް “ދަ އެތްނިކް ކްލެންސިންގ އޮފް ފަލަސްތީން” ނުވަތަ ފަލަސްތީނުގެ ނަސްލު ސާފުކުރުން މި ފޮތަކީ، ވަރަށް ބޮޑަށް ޚިޔާލުތަފާތުވުންތަކެއް އުފެދި، އެކި ޖަމާއަތްތަކާއި ފަރުދުންގެ ވަރުގަދަ ރައްދުތަކެއް އުފެދިފައިވާ ގޮތެކެވެ. އިސްރާއީލުގައި އިލާން ޕަޕޭ ގެ މަސައްކަތް ވަރަށް ބޮޑަށް އެކަހެރިކޮށްފައި ވެއެވެ. އަދި އޭނާއަކީ އިސްރާއީލުގެ ދައުލަތާ ޢަދާވާތްތެރިއެއްގެ ގޮތުގައި ދެކޭ ގިނަ ޔަހޫދީ ސިޔާސީ ފަރާތްތަކާއި ޒަޔަނިސްޓް ޢިލްމުވެރިންނާއި އާންމުންގެ ފަރާތުން މި ފޮތަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެ ކުށްވެރިކޮށްފައިވެއެވެ.

ބައެއް ޒަޔަނިސްޓް ފާޑުކިޔުންތެރިން ތުހުމަތު ކުރަނީ ޕަޕޭ ތާރީޚީ ހާދިސާތައް އޮޅުވާލައި، 1948 ވަނަ އަހަރުގެ ހާދިސާތަކަކީ ގަސްތުގައި ނަސްލީ ސާފުކުރުމުގެ ސިޔާސަތެއް ކަމަށް ބުނަނީ ކަމަށެވެ. ޔަހޫދީންގެ އަނެއް ބަޔަކު ބުނަނީ ޔަހޫދީންނާ ދެކޮޅު އެޖެންޑާއެއް ޕްރޮމޯޓް ކޮށް އިސްރާއީލުގެ ދައުލަތުގެ ޝަރުއީ ހައިސިއްޔަތު ގެއްލުވާލުމަށް މަސައްކަތް އޭނާ މަސައްކަތް ކުރާ ކަމަށް ތުހުމަތުކޮށްފަ އެވެ.

ނަމަވެސް މި ފާޑުކިޔުންތަކާ އެކުވެސް “ދަ އެތްނިކް ކްލެންސިންގ އޮފް ފަލަސްތީން” ފޮތަށް ގިނަ އިލްމުވެރިންނާއި އިންސާނީ ހައްގަށް މަސައްކަތް ކުރާ އެކްޓިވިސްޓުން ތައުރީފުކޮށްފައިވެ އެވެ. މި ފޮތަކީ އިސްރާއީލާއި ފަލަސްތީނުގެ މައްސަލަ ދިރާސާކުރުމަށް ފާހަގަކޮށްލެވޭ ޙިއްޞާއެއްގެ ގޮތުގައި ބެލެވޭ މި ފޮތަށް ތައުރީފުކޮށްފައިވާއިރު، މި މައްސަލައިގައި އާންމު ބަހުސްތަކާއި މަޝްވަރާތައް ބައްޓަންކުރުމުގައި މި މުހިންމު ފޮތް ވަރަށް މުހިންމު ދައުރެއް އަދާކޮށްފައިވެއެވެ.

ބައެއް އޮބްޒާވަރުން ދެކޭ ގޮތުގައި މި ފޮތަކީ އިޒްރޭލާއި ފަލަސްތީނުގެ ސަރަހައްދުގެ ތާރީޚާ ބެހޭ ގޮތުން ލިޔެފައިވާ އެ ވަރުގެ ދެވަނައެއް ނެތް މަސައްކަތެކެވެ. އިމްލުވެރިން މި ފޮތަށް ތައުރީފުކޮށްފައިވާއިރު، އަނެއް ބަޔަކު ފާޑުކިޔާފައިވަނީ ޔަހޫދީންނަށް އެއިން ގެއްލުމެއް ލިބޭނެ ކަމަށް ޓަކައެވެ.

“ދަ އެތްނިކް ކްލެންސިންގ އޮފް ފަލަސްތީން” އަކީ އިސްރާއީލުގެ ތާރީޚް ލިޔުންތެރިޔާ އިލާން ޕަޕޭ ލިޔުއްވާފައިވާ ފޮތެކެވެ.

މި ފޮތުގައި 1948 ވަނަ އަހަރު އިސްރާއީލުގެ ދައުލަތް އުފެދުމުގެ ކުރިންނާއި އޭގެ ފަހުން ހިނގި އުދުވާނީ ކަންތައްތަކާއި، ފަލަސްތީނުގެ 700،000 އަށް ވުރެ ގިނަ ފަލަސްތީނު މީހުން ގެދޮރާއި ބިންތަކުން ބޭރުކޮށްލުމުގެ ހާދިސާތައް ދިރާސާކޮށްފައިވެއެވެ.

މިފޮތް ހަތް ބާބަކަށް ބަހާލެވިފައިވާއިރު، އެއީ؛

1 ވަނަ ބާބު: 1948 ވަނަ އަހަރު ހަނދާނުން ފޮހެލުން

މި ބާބުގައި ޕަޕޭ ބުނަނީ ފަލަސްތީނުގެ އެތައް ލައްކައެއްހާ މީހުން މަޖުބޫރުކޮށްގެން ގެދޮރު ދޫކޮށްލުމަށް ހިންގި 1948 ވަނަ އަހަރުގެ ޖަރީމާ ހާދިސާތައް އާންމުންގެ ހޭލުންތެރިކަމުން ބޮޑުތަނުން ފޮހެވިފައިވާ ކަމަށާއި، މި ފޮހެލުމަކީ ގަސްތުގައި އެ ހާދިސާތަކުގެ ހަގީގީ ސިފަ އޮއްބާލުމުގެ މައްސަކަތެއް ކަމަށެވެ.

2 ވަނަ ބާބު: ނަސްލު ނައްތާލުމުގެ ޖަރީމާ ރޭވުމާއި އެ ޖަރީމާ ތަންފީޒު ކުރުން

މި ބާބުގައި ފަލަސްތީނުގެ ނަސްލު ސާފުކުރުމުގެ ކެމްޕޭން ރޭވުމާއި ހިންގުމުގެ މައްޗަށް ބަލާލާފައިވާއިރު، ކެމްޕޭން ފަރުމާކޮށް ކުރިއަށް ގެންދިއުމުގައި ޒަޔަނިސްޓް ލީޑަރުންނާއި އަސްކަރީ ކޮމާންޑަރުންގެ ދައުރު ތަފްސީލުކޮށްދީފައި އެވެ.

3 ވަނަ ބާބު: ފަލަސްތީނުގެ އަވަށްތަކާއި ރަށްތައް

މިބާބުގައި ޕަޕޭ ފަލަސްތީނުގެ ރަށްރަށުގެ މީހުން، އެމީހުންގެ ގެދޮރާއި ބިންތަކުން ބޭރުކޮށްލި ގޮތުގެ ތަފްސީލީ ވާހަކަތައް ގެނެސްދީފައިވާއިރު، އިސްރާއީލުގެ ބާރުތަކުން އަމާޒުކުރި ރަށްތައް ވަކި ވަކި މިސާލުތަކުގެ ގޮތުގައި ދައްކާފައި ވެއެވެ.

4 ވަނަ ބާބު: ނަސްލު ސާފުކުރުމާއި އިސްރާއީލުގެ ދައުލަތް އުފެދުން

މި ބާބުގައި ޕަޕޭ ހެކި ދައްކަނީ ފަލަސްތީނުގައި ޔަހޫދީންގެ އަޣުލަބިއްޔަތު އޮންނަ ދައުލަތެއް އުފެއްދުމަށްޓަކައި ނަސްލު ސާފުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ޝަރުތެއް ކަމަށް ޒަޔަނސްޓު ލީޑަރުން ދެކޭ ކަމަށާއި، އިސްރާއީލުގެ ދައުލަތް އުފެއްދުމަށް ފަލަސްތީނުގެ ނަސްލު ސާފުކުރުމުގެ ކެމްޕޭނުން ފައިދާ ކުރި ގޮތްތައް އޭނާ ކިޔައި ދީފައި ވެއެވެ.

5 ވަނަ ބާބު: 1948 ވަނަ އަހަރުގެ ވޭނާއި ކެކުޅުން

މި ބާބުގައި ބަލާލާފައިވަނީ ފަލަސްތީނުގެ ނަސްލު ނެތިކޮށް ސާފުކުރުމުގެ ކެމްޕޭނުގެ ސަބަބުން ފަލަސްތީނުގެ އާބާދީއަށް ކުރިމަތިވި ޒާތީ އަދި ޖަމާޢީ ގެއްލުންތަކާއި އެމީހުންގެ ކެކުޅުންތަކާއި ގެދޮރާއި ބިންތަކާއި ލޯބިވާ މީހުން ގެއްލުމުގ މައްޗަށެވެ.

6 ވަނަ ބާބު: ނަސްލު ސާފުކުރި ކަމަށް ޔަހޫދީން އިންކާރުކުރުން

މިބާބުގައި ޕަޕޭ ވަނީ 1948 ވަނަ އަހަރު ހިންގި ނަސްލުނައްތާލުމުގެ އަމަލުގެ ވާހަކަ ފނަޑުކޮށް ލުމަށާއި ފޮހެލުމަށް އަދި އޮޅުވާލުމަށް އިސްރާއީލުގެ ލީޑަރުންނާއި ޢިލްމުވެރިން މަސައްކަތްކުރި ގޮތްތަކާއި، މި ޖަރީމާއަށް އިންކާރު ކުރުމުގެ ސަބަބުން ސުލްޙައާއި ސުލްޙަވެރިކަމުގެ އުންމީދުތަކަށް ކުރާނެ އަސަރުތަކުގެ މައްޗަށް ބަލާފައެވެ.

7 ވަނަ ބާބު: 1948 ވަނަ އަހަރުގެ ހާދިސާތަކުން ވާތުރަވި ތަރިކަ

އެންމެ ފަހު ބާބުގައި ޕަޕޭ ބުނަނީ 1948 ވަނަ އަހަރުގެ ހާދިސާތަކުގެ ސަބަބުން އިސްރާއީލާއި ފަލަސްތީނުގެ މައްސަލައަށް ކުރަމުންދާ އަސަރާއި، މި ސަރަހައްދުގައި އިންސާފުވެރި އަދި ދެމިއޮންނަ ސުލްހައެއް ގާއިމްކުރުމުގެ ފުރުސަތުތައް ގެއްލުންވާ ކަންކަމާ މެދުގައެވެ.

ޖުމްލަކޮށް ބަލާއިރު “ދަ އެތްނިކް ކްލެންސިންގ އޮފް ފަލަސްތީން” އަކީ މި ސަރަހައްދުގެ ތާރީޚާ ބެހޭ އާންމު ވިސްނުންތަކަށް ގޮންޖަހާ، އިސްރާއީލު ދައުލަތުން ފަލަސްތީނުގެ ރައްޔިތުންނާ މެދު އަމަލުކުރާ ގޮތުގެ ވަރުގަދަ ހަގީގަތެއް ހުށަހަޅާ ފޮތެކެވެ. މިއީ މެދުއިރުމަތީގެ މައްސަލާގެ މާޒީއާއި މުސްތަގްބަލް އަދި މިހާރުގެ ހާލަތު ދަނެގަތުމަށް ކިތާލުމަށް މުހިންމު ފޮތެކެވެ.

މި ފޮތުގެ މުސައްނިފަކީ ޔަހޫދީއެއް ކަމުގައިވިއަސް އޭނާ ފޮތް ލިޔެ މައުޟޫއަށް އިންސާފު ކޮށްފައި ވަނީ ކެރިގެންނެވެ.

ހިއްސާ ކުރައްވާ!