ރިޝްވަތު ހިފި އެމެރިކާ ސެނެޓަރު މަގާމުން ދުރުކޮށްލަނީ

އެމެރިކާގެ ސެނެޓުގެ މެމްބަރަކު މަގާމުން ދުރުކުރުމަށް ސެނެޓުގެ މެމްބަރުން ނިންމައިފިއެވެ. ނިއުޖާޒީން ހޮވިފައިވާ ބޮބް މެންޑޭޒް، ރިޝްވަތު ނަގާފައިޥާ ކަމުގެ ކުށުގައި ކޯޓުން އޭނާގެ މައްޗަށް ކުށްސާބިތުކޮށްފައި ވެއެވެ. އެމައްސަލާގައި މެންޑޭޒްއާއި އޭނާގެ ދެ ކުދިންވެސް ބައިވެރިވާ ކަމަށް ޙުކުމް ކޮށްފައި ވެއެވެ.

އުމުރުން 70 އަހަރުގެ މެންޑޭޒަށް ޙުކުމެއް އައިކަމުގައިކަމުގައ ވިއަސް އޭނާގެ ގޮނޑިގެއްލޭ ގޮތަށް ހަމަޖެހިފައެއް ނުވެއެވެ. ނަމަވެސް މެމްބަރަކު ކުށްވެރިވުމުން އެމީހަކާ މެދު ގޮތެއް ނިންމާނީ ސެނެޓުގެ ސުލޫކީ މައްސަލަ ބަލާ ކޮމިޓީންނެވެ. އޭނާއަކީ ޑިމޮކްރެޓިކް ޕާޓީގެ މެމްބަރެކެވެ.

ސެނެޓުގެ 230 އެތައް އަހަރެއްގެ ތާރީޚުގައި މަދު ފަހަރަކު މެނުވީ މެމްބަރަކާ މެދު އެފަދަ ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.

3 ދުވަސްވަންދެން 13 ގަޑިއިރަށް ހިންގާފައިޥާ ޝަރީއަތުގައި ބެލި 16 މައްސަލާގައިވެސް އޭނާ ކުށްވެރިވާކަން ސާބިތުވެފައި ވެއެވެ.

ބޮބް މެންޑޭޒްގެ މައްޗަށް ރިޝްވަތު ހިފިކަން ސާބިތުވެފައި ވެއެވެ. އޭނާ ވަނީ ޚާރިޖީ ގުޅުމާ ބެހޭ ކޮމިޓީގައި އިންނަވައިގެން މިސްރާއި ޤަތަރާއި އެމެރިކާގެ ވިޔަފާރިވެރިންނަށް ރިޝްވަތުގެ މުޤާބިލުގައި ކަންކަން ފަހި ކޮށްދެއްވާފައެވެ. އެގޮތުން އޭނާގެ ޚިދުމަތުގެ ބަދަލުގައި ނަގުދު ފައިސާއާއި ރަން އަދި ބީއެމްޑަބްލިއު ކާރެއްވެސް ހޯއްދަވާފައި ވެއެވެ.

އޭނާގެ ގޮނޑި ގެއްލިއްޖެނަމަ، އޭނާގެ މިލްކިއްޔާތު ނެގޭނެއެވެ. އަދި އޭނާއަށް މެމްބަރުކަން ކުރުމުން ލިބޭ ޕެންޝަނުންވެސް މަހުރޫމް ވާނެއެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން އޭނާއަށް މަހަކަށް ލިބިވަޑައިގަންނަވާ 225ހާސް ދިވެހި ރުފިޔާއަށް ވާވަރުގެ މުސާރަ ފިޔަވައި އޭނާއަށް އިތުރު އާމްދަނީއެއް ނުލިބެއެވެ.

މެންޑޭޒަށް ޙުކުމް ކުރުން އޮންނާނީ އޮކްޓޯބަރު 29ގައެވެ. އަދި އޭނާގެ މައްޗަށް 20 އަހަރުގެ ޙުކުމެއް އަންނާނެ ކަމަށް ބެލެވެއެވެ.

 

ހިއްސާ ކުރައްވާ!