ޒަޔަނިސްޓް ނަތަންޔާހޫގެ މޮޓޯކޭޑަށް ހުރަސްއަޅަން ރައްޔިތުން ތިބީ ތައްޔާރަށް

ޒަޔަނިސްޓް ބޮޑު ވަޒީރު ނަތަންޔާހޫ އެމެރިކާގެ ކޮންގްރެސްގެ ދެ ގޭގެ މަންދޫބުންނާ މުޚާތަބުކޮށް ވާހަކަ ދައްކާއިރު، ޑިމޮކްރެޓިކް ޕާޓީގެ ބައެއް މެމްބަރުން އެޖަލްސާގައި ނުތިއްބަވާނެއެވެ. އަދި ކޮންގްރެސްގެ ބައެއް އިދާރީ މުވައްޒަފުން އޮފީހަށް ސަލާން ބުނާނެއެވެ.

ނަތަންޔާހޫ ކޮންގްރސްގައި ތަގްރީރުކުރާނީ މާލޭ ގަޑިން މިރޭ 11 ޖަހާއިރުއެވެ.

ނަތަންޔާހޫ ހިންގާ ހަނގުރާމައަށް ފާޑުކިޔުންތައް އަމާޒުވެފައިވާ އިރު، ޑިމޮކްރެޓިކް ޕާޓީގެ ނިއުޔޯކުގެ ރެޕްރެޒެންޓޭޓިވް އެލެގްޒެންޑްރިއާ އޮކާސިއޯ-ކޯޓޭޒްއާއި ކުރީގެ ސްޕީކަރު ނޭންސީ ޕެލޯސީ އާއި އަދި ކޮންގްރެސްގައި ހިމެނޭ ފަލަސްޠީނުގެ ދަރިކޮޅުގެ ހަމައެކަނި މެމްބަރު، މިޝިގަންގެ މަންދޫބު ރަޝީދާ ޠުލައިބް ވަނީ ނަތަންޔާހޫއަށް ދިން ދައުވަތާ ދެކޮޅަށް ވާހަކަ ދައްކަވާފައެވެ.

އެގެ އިތުރުން، ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ކަމަށް ބެލެވޭ ކަމަލާ ހެރިސް ވެސް ވަނީ ނަތަންޔާހޫ ވާހަކަ ދައްކާ ޖަލްސާގެ ރިއާސަތު ނުބަލަހައްޓަވާނެ ކަމަށް ވިދާޅުވެފައެވެ. އޭނާގެ އުޒުރަކީ، އެވަގުތު އެހެން ސްޓޭޓެއްގައި އޭނާ ކެމްޕޭންގައި އުޅުއްވުމެވެ.

ނަތަންޔާހޫ ކޮންގްރެސްގެ އިމާރާތަށް ދަތުރުކުރާ މަގުމަތީގައި މޮޓޯކޭޑް ހުއްޓުވާނެކަމަށް މުޒާހަރާ ކުރާ މީހުން މީހުން ވަނީ އިންޒާރު ދީފައެވެ. ފަސް ހާހެއްހައި މީހުން ވަނީ މުޒާހަރާއަށް ކޮންގްރެސް އިމާރާތާ ކައިރި ސަރަހައްދަށް އެއްވެފައެވެ. އެމީހުން ވަނީ ފަލަސްޠީނުގެ ދިދައާއި ކާފިޔާ ގައިގައި އޮޅައިގެން ނަތަންޔާހުއާ ދެކޮޅު ބެނާތައް ނަގަހައްޓާފައެވެ.

ނަތަންޔާހޫ ބުރާސްފަތި ދުވަހު ވޮޝިންޓަންގައި އެމެރިކާ ރައީސްއާއި ނާއިބް ރައީސްއާ ބައްދަލު ކުރާނެއެވެ. އަދި އެއަށްފަހު އޭނާގެ ދަރިފުޅު ޗުއްޓީ ހޭދަ ކުރާ ފްލޮރިޑާއަށް ޒިރާޔަތް ކޮށް އެމެރިކާގެ ރިއާސީ ކެންޑިޑޭޓް ޓްރަމްޕާ ބައްދަލު ކުރާނެއެވެ.

ޒަޔަނިސްޓް ބޮޑު ވަޒީރު އެންމެ ފަހުން ކޮންގްރެސްގައި ތަޤްރީރުކޮށްފައި ވަނީ  2015 ވަނަ އަހަރު އެވެ. އޭރު ރިޕަބްލިކަން ޕާޓީން އޭނާއަށް ދައުވަތު ދިނީ ރައީސް އޮބާމާއަށް އެންގުމަކާ ނުލައެވެ.

މުޒާހަރާގެ ބައިވެރިން މަގުމަތިން ދުރުކުރުމަށް ފުލުހުން މަސައްކަތް ކުރަމުން ދިޔަ ނަމަވެސް ނަތަންޔާހޫ މޮޓޯކޭޑް ދަތުރުކުރާނެ ކަމަށް ލަފާކުރެވޭ މަގުތައް ފުރާލުމަށް އެމީހުން ދަނީ މަސައްކަތް ކުރަމުންނެވެ.

ސްޓޭޖު މަތިން ގޮވަމުން ދާކަމަށް ވަނީ، މޮޓޯކޭޑް ދާ ކޮންމެ ތަނަކަށް ރައްޔިތުން އެއްވެ ނަތަންޔާހޫ ހުއްޓުވުމަށް މަސައްކަތް ކުރުމަށެވެ.

މުޒާހަރާ ކުރާ މީހުން ގޮވަމުން ދަނީ ނަތަންޔާހޫއަކީ “ހަނގުރާމައިގެ ކުށްވެރިއެއް” އަދި “ނަސްލު ނައްތާލުމުގެ ބޮޑުވަޒީރެއް” ކަމަށެވެ.

ކޮންގްރެސްގެ އިމާރާތުގެ ސަރަހައްދުގެ ސަލާމަތީކަން ބެލެހެއްޓުމަށް ސަލާމަތީ ކަންކަން ބަލަހައްޓާ 5 އިދާރާއަކުން ހަރަކާތްތެރިވަމުން ދެއެވެ. އެއީ، ބެލްޓިމޯ ޕޮލިސް، ވޮޝިންޓަނުގެ ޕޮލިސް، ނިއުޔޯކް ސިޓީ ޕޮލިސްގެ އިތުރުން ވޮޝިންޓަނުގެ ރޭލްވޭ ސްޓޭޝަންގެ ފުލުހުންނެވެ.

ނަތަންޔާހޫގެ ތަގުރީރާ ދިމާކޮށް ކޮންގްރެސްގައި މަސައްކަތް ކުރާ މުވައްޒަފުންވެސް އިހުތިޖާޖު ކުރުމުގެ ގޮތުން މިއަދު ވަނީ އޮފީހަށް ސަލާން ބުނެފައެވެ. ހައުސް އާއި ސެނެޓްގެ ގާތްގަނޑަކަށް 100 މުވައްޒަފުން ވަޒީފާއަށް ނުދާނެ ކަމަށް ބުނެ ސަލާން ފޮނުވާފައި ވެއެވެ.

ހިއްސާ ކުރައްވާ!