ޗައިނާއަށް ދަރާފައިޥާ ދަރަންޏަށް ލުޔެއް ދިނުމަށް ޕާކިސްތާނުން ހުށަހަޅައިފި

ޕާކިސްތާނުން ޗައިނާއަށް ދަރާފައިވާ ދަރަންޏަށް ލުޔެއް ދިނުމާ ބެހޭ ގޮތުން ޕާކިސްތާންގެ ބޮޑު ވަޒީރު ޝެހްބާޒް ޝަރީފް، ޗައިނާގެ ރައީސް ޝީ ޖިންޕިންއަށް ފަތްކޮޅެއް ފޮނުއްވައިފިއެވެ. ދަރަންޏާ ހެދި ޕާކިސްތާންގެ އިޤްތިޞާދު އަނދަވަޅަކަށް ވެއްޓިފައި އޮތުމުގެ ސަބަބުން ބޭރު ފައިސާ މެނޭޖުކުރުމާއި އިޤްތިޞާދު ހިންގުމަށް ދަތިތަކާ ދިމާވެފައި ވެއެވެ.

ޕާކިސްތާނުން ދަނީ އިޤްތިޞާދީ ދަތި ޙާލަތުން ސަލާމަތްވުމަށް، އައިއެމްއެފްއާއެކު 7 ބިލިއަން ޑޮލަރުގެ ލޯނެއް ހޯދުމަށް މަޝްވަރާ ކުރަމުންނެވެ. ޕާކިސްތާންގެ މަޝްވަރާތައް ކާމިޔާބު ވާނީ ޗައިނާއިން ދަރަންޏަށް ލުޔެއް ދޭން އެއްބަސްވުމުންނެވެ.

ޕާކިސްތާނުން ވަނީ ރަޙުމަތްތެރި ޤައުމުތަކަށް ދަރާފައިވާ 27 ބިލިއަން ޑޮލަރުގެ ދަރަންޏަށް ލުޔެއް ލިބޭތޯ މަސައްކަތް ކުރަމުންނެވެ. އެ ޤައުމުތަކުގެ ތެރޭގައި ޗައިނާއާއި ސަޢޫދީ ޢަރަބިއްޔާއާއި ޔޫއޭއީ ހިމެނެއެވެ. މި ޤައުމުތަކުން ދަރަންޏަށް ލުޔެއް ދީފިނަމަ، އައިއެމްއެފްއިން 37 މަހަށް ދޫކުރާ ބެއިލްއައުޓް ޕެކޭޖު ޕާކިސްތާނަށް ލިބޭނެއެވެ.

އޭގެ އިތުރުން ޝެހްބާޒް ޝަރީފް ބޭނުން ފުޅުވަނީ ޗައިނާގެ ކުންފުނިތަކުން ޕާކިސްތާންގައި ހިންގާ އިންޖީނުގެތަކަށް އެތެރެ ކުރާ ކޯލާ ދެލި އެތެރެކުރުން ހުއްޓާލައި ޕާކިސްތާންގައި އުފައްދާ އަމިއްލަ ކޯލާ ދެލި ބޭނުން ކުރާށެވެ. މި އިންޖީނު ގެތަކަށްވެސް 15 ބިލިއަން ޑޮލަރަށް ދަރާފައި ވެއެވެ. ކެބިނެޓްގައި ވާހަކަ ދައްކަވަމުން ޝެހްބާޒް ޝަރީފް ވިދާޅުވެފައި ވަނީ ޗައިނާ ރައީސް ވަނީ ކޯލާ ދެއްޔާ ބެހޭ ގޮތުން ހުށަހަޅާފައިވާ ހުށަހެޅުމަށް ފެހިސިގްނަލެއް ދެއްވާފައެވެ.

ޕާކިސްތާން ބޮޑު ވަޒީރު ވަނީ ޗައިނާ ރައްޔިތުންގެ އަތުން ނަގާ ވިސާފީ މަޢާފް ކޮށްދޭނެ ކަމަށްވެސް ވިދާޅުވެފައެވެ.

ހިއްސާ ކުރައްވާ!