އެއްބާވަތެއްގެ ގޮންޖެހުންތަކެއް ޙިއްސާކުރާ ދެ ޤައުމު: ޖަޔަޝަންކަރު

އިންޑިއާގެ ޚާރިޖީ ވަޒީރު އެސް ޖަޔަޝަންކަރުގެ ދަތުރުފުޅުގައި ސަރަޙައްދީ ސަލާމަތާއި ރައްކާތެރިކަމުގެ މަޝްވަރާއަކީ މުހިންމު ދާއިރާއެކެވެ. މިއަދު ޖަޔަޝަންކަރު ވަނީ ދިފާޢީ ވުޒާރާގައި ދިފާޢީ ވަޒީރު ޣައްސާން މައުމޫނާ ބައްދަލު ކުރައްވާފައެވެ. ޣައްސާނާއެކު ކުރެއްވި މަޝްވަރާތަކުގައި ސަލާމަތީ ދާއިރާއިން ދެޤައުމު އެކުގައި މަސައްކަތްކުރުމަށާއި އިންޑިއާ ކަނޑުގެ ރައްކާތެރިކަމާއި ސަރަހައްދީ އަމަން އަމާންކަން ދެމެހެއްޓުމުގައި ދެ ގައުމަށް އެކުގައި ކުރެވޭނެ ކަންތައްތަކާ މެދު މަޝްވަރާ ކުރެއްވިކަމަށް އެކްސްގައި ކުރެއްވި ޕޯސްޓްގައި އިންޑިއާގެ ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.

ރޭ، ޖަޔަޝަންކަރު ދެއްވި މީޑިއާ ބްރީފިންގައި ސަލާމަތާ ބެހޭ ބައެއް ނުކުތާތަކަށް އަލިއަޅުވައި ލެއްވިއެވެ.  އޭނާ ވިދާޅުވީ، “އެއްބާވަތެއްގެ ގޮންޖެހުންތަކާ ދެޤައުމަށްވެސް ކުރިމަތިލާން ޖެހިފައިވާ ކަމަށާއި ސަރަހައްދުގައި ސުލްޙައާއި އަމަންއަމާންކަން ދެމެހެއްޓުމަށް ދެ ޤައުމުގެ މަޞްލަޙަތެއް އޮތް” ކަމަށެވެ. އަދި ރާއްޖެއަކީ އިންޑިއާގެ ސާގަރް ނަޒަރިއްޔާއާއި ނެއިބަހުޑް ފަސްޓް ނަޒަރިއްޔާގެ މުހިންމު އަސާސެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ދަނީ އިންޑިއާއާއި އެކު ގުޅުން ބަދަހި ކުރުމަށް މަސައްކަތް ކުރަމުންނެވެ. އަދި މި ގުޅުމަކީ، އިޤްތިޞާދީ ދުޅަހެޔޮކަމާއި ޤައުމަށް ފައިދާ ހުރިގުޅުމެއް ކަން ފާހަގަ ކުރެވިގެން، މިހާރު އިންޑިއާ އައުޓުގެ ބަދަލުގައި އިންޑިއާއަށް މަރުޙަބާ ކިޔާ ނަޒަރިއްޔާއެއް ގެންގުޅެން ވަނީ ފަށާފައެވެ. އަދި އިންޑިއާ އައުޓު ހަރަކާތަކީ ކުރީގެ ރައީސް ނަޒަރިއްޔާއެއް ކަމަށްވެސް މަސްއޫލުވެރިން ދަނީ ވިދާޅުވަމުންނެވެ.

ހިއްސާ ކުރައްވާ!