ރަޝިޔާގެ ކާސްކް ރީޖަންގައި ތިބި ދިވެހިން ދާދި އަވަހަށް މޮސްކޯއަށް ދާނެ

ރަޝިޔާގެ ކާސްކް ރީޖަންގައި ތިބީ މެޑިސިން ކިޔަވާ 3 ކުއްޖަކާއި އިންޓަރނޭޝަަނަލް ރިލޭޝަންގެ ދާއިރާއިން ކިޔަވާ ކުއްޖެއް. ލަފާ ކުރެވޭ ކުރެވޭ ގޮތުގައި އެކުދިން ދާދި އަވަހަށް މޮސްކޯއަށް ދާނެ: ޖަރމަނީއަށް ކަނޑައަޅާފައިވާ ރާއްޖޭގެ ސަފީރު، އެމްބެސެޑަރ ޝާން ޝާކިރު

ރަޝިޔާގެ ކާސްކް ރީޖަނަށް ޔުކްރެއިންއިން ދީފައިވާ ޓެރަރިސްޓް ހަމަލައާ ގުޅިގެން، ކާސްކް ރީޖަންގައި އުޅޭ ކިޔަވާ ކުދިންގެ ޙާލު ގާތުން ބަލަމުންދާ ކަމަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ބުނެއެވެ. ފޮރިން މިނިސްޓްރީން މަޢުލޫމާތު ދިން ގޮތުގައި ޖަރުމަންވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީން  ވަނީ އެކުދިންނާ މުވާސަލާތީ ގުޅުން ޤާއިމްކޮށް، އެކުދިންގެ ޙާލު ބަލާފައެވެ.

ކާސްކްގައި ތިބިކަމަށް އަދި މަޢުލޫމާތު ލިބިފައި ވަނީ 4 ކުދިންނާ ބެހޭ ގޮތުންނެވެ. އެ ހުރިހައި ކުދިންގެ ޙާލު ރަނގަޅު ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ. އަދި އިތުރު ކުދިން އެރީޖަންގައި ތިބިތޯ ޔަގީން ކުރަމުންދާ ކަމަށްވެސް ބުނެފައި ވެއެވެ.

ކާފު ނޫހާ ވާހަކަ ދައްކަވަމުން، ފޮރިން މިނިސްޓްރީން ވާހަކަ ދެއްކެވި މަސްއޫލުވެރިޔާ ވިދާޅުވީ ބައެއް ކުދިން ޔުނިވާސިޓީ ބަދަލުކުރަން ބޭނުންވާ ކަމަށް ބުނެފައި ވުމާއެކު އެކަމަށްވެސް މަސައްކަތް ކުރެވެމުންދާކަމަށާއި އެކަމަށް ބޭނުންވާ ހުއްދަތައް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމާށެވެ.

ރާއްޖޭގައި ހުންނަ ރަޝިޔާގެ އޮނަރަރީ ކޮންސުލް ޢަލީ ފައުޒީ ވިދާޅުވިގޮތުގައި އޭނާގެ އޮފީހުންވެސް ދަނީ ޙާލަތު މޮނީޓާ ކުރަމުންނެވެ. އަދި ޖަރުމަންވިލާތުގައި ހުންނަ އެމްބެސެޑަރާވެސް ވާހަކަ ދެކެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޔުކްރެއިން އިން ކާސްކު ރީޖަނަށް ހަމަލަ ދީފައި ވަނީ އަންގާރަ ދުވަހުއެވެ. އަދި ބުދަ ދުވަހު ޔުކްރެއިންގެ ހަނގުރާމަވެރިން އެރީޖަންގެ ވެރިރަށް، ސުދްޖާ ވަށާލާފައި ތިއްބެވެ.

ހިއްސާ ކުރައްވާ!
ގުޅުންހުރި ލިޔުންތައް