އިނގިރޭސިވިލާތަށް ކަނޑައަޅާ އައު ސަފީރުކަމަށް ޖަމީލާ ޢަލީގެ ނަން މަޖިލީހަށް

އިނގިރޭސިވިލާތުގައި ހުންނަވާ ދިވެހިރާއްޖޭގެ އައު ސަފީރުގެ މަޤާމަށް ގ. މާފަހި، އަލްފާޟިލާ ޖަމީލާ ޢަލީ ޚާލިދު ޢައްޔަންކުރެއްވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖޫމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުށަހަޅުއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސުލްހޫރިއްޔާ ފޮނުއްވި ސިޓީފުޅު އިއްވެވުމަށްފަހު، މި މައްސަލަ އިތުރަށް ދިރާސާކޮށް ގޮތެއް ނިންމުމަށްޓަކައި ވަނީ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުއްވާފައެވެ. ދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ ޤާނޫނުގައިވާ ގޮތުން، ރާއްޖެއިން ބޭރު ޤައުމުތަކަށާއި ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކަށް ކަނޑައަޅުއްވާ އެމްބެސަޑަރުންނާއި ހައިކޮމިޝަނަރުން، އަދި ނޮން-ރެޒިޑެންޓް ސަފީރުން ޢައްޔަންކުރެއްވުމުގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ އިޢުތިބާރާއި ރުހުން ހޯދަންޖެހެއެވެ.

އެހެންކަމުން، އިނގިރޭސިވިލާތުގެ ސަފީރުކަމުގެ މަޤާމަށް ޖަމީލާ ޢައްޔަންކުރެއްވުމާ މެދު ގޮތެއް ނިމޭނީ، މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން އެކަމަނާގެ ނަންފުޅު ދިރާސާކުރުމަށްފަހު އެކުލަވާލާ ރިޕޯޓަށް މަޖިލީހުގެ ތަޅުމުގައި ވޯޓަށް އަހައި، މެންބަރުންގެ އަޣުލަބިއްޔަތުން ފާސްވުމުންނެވެ.

އިނގިރޭސިވިލާތުގައި ހުންނަވާ ދިވެހި ސަފީރުގެ މަޤާމު ހުސްވެފައިވަނީ، އެ މަޤާމުގައި ކުރިން ހުންނެވި ޑރ. އިރުތިޝާމް އާދަމް، ރައީސުލްޖޫމްހޫރިއްޔާގެ ކެބިނެޓުގެ ޚާރިޖީ ވަޒީރުގެ މަޤާމަށް ޢައްޔަންކުރެއްވުމާ ގުޅިގެންނެވެ.

އިނގިރޭސިވިލާތުގެ ސަފީރުކަމަށް ހުށަހެޅުއްވި ޖަމީލާ ޢަލީ ޚާލިދަކީ ދިވެހިރާއްޖޭގެ ޚާރިޖީ ދާއިރާއާއި ދައުލަތުގެ މުއައްސަސާތަކުގައި  ޚިދުމަތް ކުރައްވައި، މުހިންމު ތަޖުރިބާތަކެއް ހޯއްދަވާފައިވާ ބޭފުޅެކެވެ.

އެގޮތުން، ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި އެކަމަނާ ވަނީ ބެލްޖިއަމަށް ރާއްޖެއިން ކަނޑައެޅުއްވި ފުރަތަމަ ރެސިޑެންޓް ސަފީރުކަމުގެ މަޤާމު ފުރުއްވާފައެވެ. އޭގެ އިތުރުން، ޔޫރަޕިއަން ޔޫނިއަން (އީޔޫ) އަށް ރާއްޖެއިން ކަނޑައެޅުއްވި މިޝަންގެ ވެރިޔާގެ މަޤާމާއި، ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ) ގެ މެންބަރުކަންވެސް އެކަމަނާ ވަނީ ކުރައްވާފައެވެ.

އިނގިރޭސިވިލާތަކީ ދިވެހިރާއްޖެއާ ސިޔާސީ، އިޤްތިޞާދީ އަދި ތަޢުލީމީ ގޮތުން ވަރަށް ބަދަހި ގުޅުމެއް ބާއްވަމުން އަންނަ މުހިންމު ބައިވެރިއެކެވެ. ޚާއްޞަކޮށް، ޔޫރަޕްގެ ޤައުމުތަކާއެކު އޮންނަ ޚާރިޖީ ގުޅުންތައް އިތުރަށް ހަރުދަނާކުރުމަށް ސަރުކާރުން އިސްކަންދެމުންދާ މި ދަނޑިވަޅުގައި، ޖަމީލާ ފަދަ ތަޖުރިބާކާރު ރާއްޖޭގެ ޑިޕްލޮމޭޓަކު އެ މަޤާމަށް ހަމަޖެއްސެވުމަށް ނިންމެވުމަކީ ދެކަންފަރާތުގެ ގުޅުމަށް ލިބޭނެ ބޮޑު ކުރިއެރުމެކެވެ.

ހިއްސާ ކުރައްވާ!