އިންސާނިއްޔަތާ ދެކޮޅު ޖަރީމާތައް ހިންގުކަމުގެ ތަޙުޤީޤެއް ޝެއިޚު ޙަސީނާއާ ދެކޮޅަށް

ބަނގްލަދޭޝްގެ ސަރުކާރުގެ ވަޒީފާތަކަށް މީހުން ނެގުމުގައި ތަފާތު ކުރުމަށް އެކުލަވާލި ކޯޓާ އިޞްލާޙު ކުރުމުގެ ޙަރަކާތުގައި ޖުލައި 15 އިން އޮގަސްޓް 5 އަށް ހިނގި އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކުގެ ތުހުމަތު ބަނގްލަދޭޝްގެ އިންޓަރނޭޝަނަލް ކްރައިމްސް ޓްރިބިއުނަލުން ތަޙުޤީޤު ކުރަން ފަށައިފިއެވެ. އެ ތަޙްޤީޤު ހިންގަނީ، ބަނގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝެއިޚް ހަސީނާއާ އެކު މަސްއޫލުވެރިންގެ 10 މީހަކާއި އޭނާގެ ޕާޓީއާ ދެކޮޅަށެވެ.

ބަނގްލަދޭޝްގެ އިންޓަރނޭޝަނަލް ކްރިމްސް ޓްރައިބިއުނަލްއަކީ، މިނިވަންކަމުގެ ހަނގުރާމައިގައި ހިންގާފައިވާ ޖަރީމާތައް ތަޙުޤީޤު ކުރުމަށް 2009ގައި އެކުލަވާލާފައިވާ ޓްރައިބިއުނަލެކެވެ.

ބަނގްލަދޭޝްގެ ހަމަނުޖެހުންތަކުގައި ހިނގާފައިވާ އިންސާނިއްޔަތާ ޚިލާފް ޢަމަލުތައް ތަޙުޤީޤު ކުރުމަށް އދގެ ޓީމެއްވެސް މާދަމާ ޑާކާއަށް ވަޑައިގަންނަވާނެއެވެ.

ލޯޔަރ ތަމީމް މީޑިއާއަށް މަޢުލޫމާތު ދެއްވި ގޮތުގައި ބުދަ ދުވަހުގެ ރޭ މިމައްސަލަ އެ ޓްރައިބިއުނަލުން ތަޙްޤީޤު ކުރަން ވަނީ ފަށާފައެވެ.

މި މައްސަލަ ހުށަހަޅާފައި ވަނީ ކުރީގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ އާއި އަވާމީ ލީގުގެ ޖެނެރަލް ސެކްރެޓަރީ އަދި ކުރީގެ ރޯޑް ޓްރާންސްޕޯޓް އެންޑް ބްރިޖްސް މިނިސްޓަރު ޢުބައިދުލްޤާދިރުއާއި ކުރީގެ ހޯމް މިނިސްޓަރު އަސަދުއްޒާމާން ޚާން ކަމާލްގެ މައްޗަށެވެ. އޭގައި ބުނެފައި ވަނީ ނަސްލު ނައްތާލުމާއި އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ތަޙުޤީޤު ކުރުމަށް އެދޭ ކަމަށެވެ. އޭގެ އިތުރުން ފުލުހުންގެ އިސްވެރިންނާއި މަތީ މަގާމުތަކުގައި ތިއްބެވި އެހެން މަސްއޫލުވެރިންވެސް ހިމަނާފައި ވެއެވެ.

މި މައްސަލައަކީ، ތަފާތުކުރުމާ ދެކޮޅަށް ދަރިވަރުން ހިންގި ޙަރަކާތުގެ ތެރޭގައި މަރާލި 9 ވަނަ ކްލާހުގެ ދަރިވަރެއް ކަމަށްވާ ޢާރިފް އަޙުމަދު ސިޔާމްގެ ބައްޕަ ބުލްބުލް ކަބީރު އެދިގެން ހުށަހެޅި މައްސަލައެކެވެ.

ހިއްސާ ކުރައްވާ!