މުސްލިމުންނާ ދެކޮޅަށް ޔޫކޭގައި ގޭސް އެނބުރުމުގައި އުޅުނީ ހަތަރު މީހެއް

އިނގިރޭސިވިލާތުގައި ހިނގި ނަސްލީ ހަމަނުޖެހުން ފެށުމުގައި ޕާކިސްތާނަށް ނިސްބަތްވާ ދެ ފަރާތެއް ހިމެނޭ ކަމަށް ޑޯން ނޫހުން ބުނެއެވެ. އެނޫހުން ވަނީ، ހަމަނުޖެހުމާ ގުޅިގެން ޑެއިލީ މެއިލް ނޫހުން އެތައް ފަރާތަކާ ގުޅިގެން ހަދާފައިވާ ފޮރެންސިކް ރިޕޯޓެއް ގެނަސްދީފައެވެ.

އެ ރިޕޯޓުގައި ބުނާ ގޮތުން މި ހަމަނުޖެހުން ފެށުމަށް ޔޯލަ ވާހަކަތައް ފެތުރި ފުރަތަމަ ފަރާތާއި އަދި ފަހުން އެވާހަކަތަކަށް ބުރަދަނެއް ދިން އެންމެ އިސް ހަތަރު ފަރާތަކީ، އެއް ގޮތަކަށް އެއްބަޔަކު އަނެއް ބަޔަކަށް ދަންނަ ފަރާތްތަކެއް ނޫން ކަމަށެވެ. ނަމަވެސް ޔޯލަ ވާހަކަ ފެތުރުމަކީ އެމީހުންގެ މައިގަނޑު މަސައްކަތް ކަމުން، އެކަމުގައި އެއް ބަޔަކު އަނެއް ބަޔަކަށް ވާގިވެރިވާން މަގު ފަހިވެގެން ދިޔައީ ކަމަށެވެ.

މި ހަމަނުޖެހުން އުފެދުނީ، ރުވަންޑާއިން ހިޖުރަކޮށްފައިވާ ފުރާވަރަށް އަރާ ޒުވާނަކު ޔޫކޭގައި ކުޑަ ތިން އަންހެން ކުއްޖަކު މަރާލުމާ ގުޅިގެން ނެވެ. އެ ހާދިސާއަށްފަހު އެންމެ ފުރަތަމަވެސް ވިޔަފާރިވެރިޔާ ބާރނަރޑެޓް ސްޕޮފޯތު ވަނީ އެކްސްގައި މުސްލިމުން ބަދުނާމުވާ ގޮތަށް ޕޯސްޓެއް ކޮށްފައެވެ.

ޖުލައި 29 ގައި ހިނގައި ދިޔަ ޖަރީމާ ހިންގާފައި ވަނީ ޢަލީ އައްޝަކަތީ ކިޔާ ޒުވާނެއް ކަމަށާއި އޭނާއަކީ އިނގިރޭސި ޖާސޫސީ އިދާރާއިން ހޯދަމުންދާ މީހެއް ކަމަށް މި އަންހެން މީހާ އެކްސްގައި ޕޯސްޓު ކުރިއެވެ. މި ފުލޯކު ވާހަކައިގެ މައްޗަށް ބިނާކޮށް މީހުން ވާހަކަ ފެތުރީ މުސްލިމުން ނުބައި މީސްކޮށެވެ.

މި އަންހެން މީހާ ވަނީ ފަހުން އޭނާގެ އެ ޕޯސްޓާއި ޓުއިޓާގައި އޭނާގެ އެކައުންޓު ޑިލީޓްކޮށްފައެވެ. އަދި އޭނާ ބުނެފައި ވަނީ ތިމަން އެވާހަކަ ޕޯސްޓު ކުރީ މީހަކު ދިން މަޢުލޫމާތެއްގެ މައްޗަށް ބިނާ ކޮށް ކަމަށެވެ. މި ކަމަނާއަކީ، މިއީ ހަރުކަށި ކަނާތު ފިޔައިގެ މީހުންގެ ޙައްޤަށް ވަކާލާތު ކުރާ މީހެކެވެ. އަދި އިޖުތިމާޢީ މައްސަލަތަކުގައި ވާހަކަ ދައްކާ މީހެއްގެ ގޮތުގައި ޓީވީއަށް އަރައި އިންޓަރވިއުވެސް ދީހަދާ މީހެކެވެ.

ޕާކިސްތާނާއި މިމައްސަލަ ގުޅެނީ ޕާކިސްތާނުގެ ލާހޯރުގައި އުޅޭ ނޫސްވެރިއެއް ކަމަށް ބުނާ މީހަކާއި އޭނާ ބައިވެރިވާ ވެބްސައިޓްތައް މި ކަމުގައި ބައިވެރިވާތީ އެވެ. ޕާކިސްތާން ޕަންޖާބު ފުލުހުން ދަނީ އެމީހާއާއި އޭނާ ބައިވެރިވާ ތަންތަނުގެ މައްސަލަތައް ތަޙުޤީޤު ކުރަމުންނެވެ.

ޗެނަލް3ނައު ކިޔާ މީޑިއާ ވެބްސައިޓެއް ޕާކިސްތާނުގައި ހިންގައެވެ. އެތައް އަހަރެއް ކުރިން ފެށި މި މީޑިއާ އުފައްދާފައި ވަނީ ރަޝިޔާގެ ކަންކަމާ ބެހޭ ޔޫޓިއުބު ޗެނަލެއްގެ ގޮތުގައެވެ. ނަމަވެސް ފަހުން އެކަން ބަދަލުކޮށް ޔޯލަ ވާހަކަތައް ފެތުރުމުގެ މަސައްކަތް ފަށާފައި ވެއެވެ. އަދި އައިޕީ މާސްކު ކުރާ އެމެރިކާގައި އުޅޭ ކުންފުންޏަކީ މި ޗެނަލާ ގުޅިފައިވާ ބައެކެވެ. އެމީހުން ވަނީ ފޮކްސް ނިއުސްގެ ނަން ވަގަށް ނަގައިގެން ފޮކްސް3ނައު ކިޔާ ވެބްސައިޓަކާއި ފޮކްސްގެ ނަމަށް ނިސްބަތް ކޮށް އިތުރު އެހެން ވެބްސައިޓެއްވެސް ހިންގަން ފަށާފައެވެ.

މި އެންމެން ގުޅެނީ ލާހޯރުގައި އުޅޭ ނޫސްވެރިއެއް ކަމަށް ބުނާ މީހާއާއެވެ. އޭނާއަކީ މި ތަންތަން ޕާކިސްތާންގައި ހުރެގެން ހިންގާ މީހާއެވެ.

އަދި އެމެރިކާގައި އުޅޭ މިފަދަ ޔޯލަ ވާހަކަ ފަތުރާ ބޮކްސިން ތަޅާ މީހަކުވެސް މިވާހަކަތަކަށް ބުރަދަނެއްދީ ވާހަކަ ފަތުރާފައި ވެއެވެ. މިއެންމެންގެ އެތައް ލައްކަ ފޮލޯވަރުން މި ވާހަކަތައް ކޮޅުކޮޅުމައްޗަށް އަނބުރައި ހެދުމުން ގޭސްގަނޑު ރަނގަޅަށް އެނބުރިގެން ދިޔައީއެވެ.

މި އޮޅުވާލުމާއި ޔޯލަ މަޢުލޫމާތު ފެތުރުމުން އެނގިގެން ދަނީ ޔޯލަ ވާހަކައިން މީސްމީޑިއާއިން ގޭސް އަނބުރައި، މީހުންގެ ޝުޢޫރު ކައްކާލާ ގޮތެވެ. އަދި އޭގެ އިތުރުން މުޖުތަމަޢުތައް އެފަދަ ވެށްޓަކަށް ފައްކާވެފައި އޮންނަ ހިނދު އެ ވެށްޓާއި އެ މަޢުލުމާތެއް ފަތުރާ ގޮތް ހޯދައި އެކަން ދިރާސާ ކުރުމުގެ ޤާބިލު ކަމަކީވެސް މުހިންމު ކަމެއް ކަމުގައި މިކަމުން އެނގިގެން ދެވެ.

ސައިބާ ސެކިއުރިޓީ އަކީ މަޢުލޫމާތުގެ ރަސްމަގުގައި ސަލާމަތީ ކަންކަމަށް، ފޯރި މެރުމުގެ ދާއިރާގެ އެއް މަސައްކަތެވެ. ނަމަވެސް ދަ ބިއުރޯ އޮފް އިންވެސްޓިގޭޓިވް ޖާނަލިޒަމް އިން ކުރި ފަދަ މަސައްކަތެއް ކޮށް މިފަދަ ކަންކަން ތިލަ ކޮށް އެ ޖަރީމާގެ މުގުލަށް ގޮސް އެ ރޫޅާލުމުގެ ޤާބިލުކަން ޤައުމުގައި ހުރުމަކީ ވެސް މުހިންމު ކަމެކެވެ.

ހިއްސާ ކުރައްވާ!