ޔޫރަޕްގެ އާބާދީ އެއްވަރަށް އިންޑިއާގައި ޑިޖިޓަލް މުޢާމަލާތްތައް ހިންގާ

އިންޑިއާގައި އަމިއްލަ ޔޫޕީއައި މެދުވެރިކޮށް ހިންގާ ޑިޖިޓަލް މުޢާމަލާތްތަކަކީ، ޔޫރަޕްގެ އާބާދީ އެއްވަރުގެ މުޢާމަލާތެއްކަމަށް އިންޑިއާގެ ބޮޑު ވަޒީރު ވިދާޅުވެއެވެ. ޔުކްރެއިންއަށް ކުރައްވާ ދަތުރުފުޅުގައި ޕޮލެންޑްގެ ވާސޯގައި މަޑުކުރައްވައި، އިންޑިއާ މީހުންނާ އެކު ބޭއްވެވި ބައްދަލުވުމެއްގައި ނަރެންދްރަ މޮދީ ވިދާޅުވީ، އިންޑިއާގައި ޔޫޕީއައި މެދުވެރިކޮށް ހިންގާ ޑިޖިޓަލް މުއާމަލާތްތަކުގެ ޢަދަދު، މިހާރު ޔޫރަޕިއަން ޔޫނިއަންގެ މުޅި އާބާދީއާ އެއްވަރު ވެފައިވާ ކަމަށެވެ.

ޔޫރަޕްގެ އާބާދީއަކީ 448 މިލިއަނެވެ. އަދި އިންޑިއާއިން ދުވާލެއްގެ މައްޗަށް 466 މިލިއަން ޑިޖިޓަލް ޓްރާންސެކްޝަން ހިންގައެވެ. އޮގަސްޓް މަހުގެ ފުރަތަމަ 20 ދުވަހު އެކަނިވެސް އިންޑިއާގައި 9.8 މިލިއަން ޔޫޕީއައި ޓްރާންސެކްޝަން ރެކޯޑްކޮށްފައިވެއެވެ.

އިންޑިއާއިން އަމިއްލައަށް އީޖާދުކޮށްފައިވާ ޔޫޕީއައި މެދުވެރިކޮށް މުޢާމަލާތު ކުރަން ފެށުމުން ފައިސާއާ ނުލައި މުޢާމަލާތު ކުރުމަށް ވަނީ މަގުފަހިވެގެން ގޮސްފައެވެ.

ޔޫޕީއައި ބަލަހައްޓާ ސަރުކާރުގެ މައި އެޖެންސީ އެންޕީސީއައި އިން ބުނާ ގޮތުގައި ޔޫޕީއައި ޕޭމަންޓު އިންޑިއާގައި އަހަރުން އަހަރަށް ބަލާއިރު 45 ޕަސެންޓަށް އިތުރު ވަމުން ދާކަމަށެވެ. އަދި ފައިސާއާއި ނުލައި ކުރާ މުޢާމަލާތްތަކުގެ ޖުމްލަ އަގު 20.64 ޓްރިލިއަން ރުޕީސް ފަހަނައަޅައި ގޮސްފައި ވާކަމަށެވެ. މިއީ ޖެހިޖެހިގެން 20 ޓްރިލިއަންގައި މުޢާމަލާތްތައް އުޅޭ ތިން ވަނަ މަހެވެ. ޖުލައި 2024 ގައި ޔޫޕީއައި މެދުވެރިކޮށް ދުވާލަކު އެވްރެޖްކޮށް ކޮށްފައިވާ މުއާމަލާތުގެ އަގު 466 މިލިއަން ރުޕީސްއަށް އަރައެވެ.

ރިޒާވް ބޭންކް އޮފް އިންޑިއާ އިން ވެސް ވަނީ ޔޫޕީއައިގެ އާދަޔާ ޚިލާފު ކުރިއެރުން ފާހަގަކޮށް، 2019-20 ވަނަ އަހަރު 12.5 ބިލިއަން ރުޕީސްއިން 2023-24 ވަނަ އަހަރު 131 ބިލިއަން ރުޕީސްއަށް، މުޢާމަލާތްތަކުގެ ޢަދަދު ދިހަ ގުނަ އިތުރުވެފައިވާކަން ފާހަގަކޮށްފަ އެވެ.

އިންޑިއާގެ ހުރިހައި މުޢާމަލާތެއްގެ ތެރޭން ޑިޖިޓަލް ޕޭމަންޓުގެ ނިސްބަތަކީ 80 ޕަސެންޓެވެ.

ހިއްސާ ކުރައްވާ!