ދީނީ ޖަމާޢަތްތަކުން ޝަރީޢަތުގެ ކަންކަން މާނަ ކުރަނީ ހަވާ ނަފްސަށް

ޕާކިސްތާންގެ ދީނީ ޖަމާޢަތްތަކުން، އެމީހުންގެ މިޒާޖަށް އިސްލާމީ ޝަރީޢަތުގެ ކަންކަން މާނަ ކުރަމުންދާ ކަމަށް ޕާކިސްތާންގެ ކައުންސިލް އޮފް އިސްލާމިކް އައިޑިއޮލޮޖީ (ސީއައިއައި) ގެ ޗެއާމަން ވިދާޅުވެ އެވެ. ޑރ ރަގީބް ހުސައިން ނަޢީމީ ވިދާޅުވަނީ ކީރިތި ޤުރުއާނަށް އިހާނެތިކޮށް ހިތިކަމަށް ތުހުމަތުކޮށް، މީހާގެ މަރު ހުއްދަ ކުރާ އެއްވެސް ދީނީ ނައްޞެއް ފެންނާން ނެތް ކަމަށެވެ. ނަމަވެސް ބައެއް ފަރާތްތަކުން ހަވަރު އެއްކޮށްގެން އެފަދަ ކަންކަމަށް ހިތްވަރު ދޭކަމަށް އޭނާ ވިދާޅުވިއެވެ. މިފަދަ ކަންކަމަކީ އިސްލާމީ އުޞޫލާ ޚިލާފު ވުމުގެ އިތުރުން ޤައުމުގެ ޤާނޫނާވެސް ޚިލާފު ޢަމަލުތައް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ސީއައިއައިގެ ވެރިޔާ ވިދާޅުވީ، ކީރިތި ޤުރުއާނަށް އިހާނެތިކޮށް ހިތުމުން އެކަމަށް ޤާނޫނުގައި ބުނާ އަދަބަކީ ޢުމުރަށް ޖަލަށް ލުމެވެ. އަދި ސަލާމާއި ޞަލަވާތް ލެއްވި، ކީރިތި ރަސޫލާއަށާއި އާލުބައިތުންނާއި އަޞްޙާބު ބޭކަލުންގެ ޙުރުމަތް ކަނޑާލުމުގެ އަދަބަކީ، ހަތް އަހަރުގެ ޖަލު ހުކުމެކެވެ. އަދި ޤާދިނާނިއްޔަތު ފެތުރުމުގެ މައްސަލަތަކުގައި ދޭ އަދަބަކީ، 3 އަހަރަށް ޖަލަށް ލުމެވެ. ޕާކިސްތާންގައި އުޅޭ ޤާދިޔާނީ ޖަމާޢަތުގެ މީހުން ޤަބޫލުކުރާ ގޮތުން އެންމެ ފަހުގެ މާތް ނަބިއްޔާއަކީ މުޙައްމަދު ކަލޭގެފާނެއް ނޫނެވެ!

ނަޢީމީ ވިދާޅުވީ ޕާކިސްތާންގެ ޤާނޫނުގައި މަރުގެ އަދަބު ދޭން ކަނޑައަޅަނީ، ކީރިތި ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) އަށް ފުރައްސާރަ ކުރިކަން ސާބިތުވުމުން އެކަންޏެވެ. ނަމަވެސް ދީނީ ޖަމާޢަތްތަކުން ޙުރުމަތް ކަނޑާލުމުގެ އެހެން ކުށްތަކަށްވެސް މަރުގެ އަދަބުދޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭގެ އިތުރުން އޭނާ ވިދާޅުވީ މީހުން މެރުމަށް ފަތުވާ ދިނުމަކީ ކޮންމެ މީހަކު ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ. އަދި ގިނަ ކަންކަމަކީ މީހުންގެ ޝުޢޫރު ކައްކާލައި، ސިޔާސީ މަންފާއެއް ހޯދުމުގެ މަޤްޞަދުގައި ކުރާކަންކަން ކަމުގައި އޭނާ ވިދާޅުވިއެވެ. އަދި ބައެއް ފަހަރަށް ހަރުކަށިކަމާ ދެކޮޅަށް ޙައްޤު ބަސްބުނުމަށް ދަންނަބޭކަލުން ޖެހިލުންވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ނަޢީމީ ވިދާޅުވީ މުޖުތަމަޢުގައި އަނެކާގެ ޚިޔާލު ބަލައިގަނެ ތަފާތު ޚިޔާލުތަކަށް ޖާގަ ދިނުން މިހާރު ހަނިވެފައިވާ ކަމަށާއި، ގިނަ ބަޔަކަށް “މީޑިއާ މެސެޖުތައް ލިބޭއިރަށް ޖަޒުބާތީ ގޮތުން ޗާޖުވާ” ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި، ދީނުގައި ކަންކަން އޮންނަ ގޮތް އަޑުއަހަން މީހުން ބޭނުން ނުވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ހިއްސާ ކުރައްވާ!