ދާދި ފަހުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާ ބެހޭ ގޮތުން އިސް ބޭފުޅަކު ދެއްވި އިންޓަރވިއުއެއްގައި ހާމަކުރެއްވި ކަންތައްތަކާ ގުޅޭ ގޮތުންނާއި މީޑިއާގައި ކޮށްފައިވާ ތުހުމަތުތައް ސާފުކޮށްދެއްވުމަށް، ރައީސަށް އަމިއްލަ ދިފާޢުގައި ގިނަ ވާހަކަތަކެއް ދައްކަވަން މަޖުބޫރު ވެވަޑައިގެންފިއެވެ. ސަންގު ޓީވީއަށް ރައީސް ވަނީ ތަފްޞީލީ އިންޓަރވިއުއެއް ދެއްވައި އެކަންކަން ސާފުކޮށްދެއްވާ ފައެވެ. އެ އިންޓަރވިއުގައި ރައީސާ ދެކޮޅަށް ކޮށްފައިވާ ތުހުމަތުތައް ސާފުކޮށްދެއްވާފައި ވެއެވެ.
ބްރިޖުގައި ސައިކަލަށް ވަކި ލޭނެއް ކަނޑައަޅާފައެއް ނެތް:
ސިނަމާލެ ބްރިޖު ހުޅުވިތާ 6 އަހަރު ފުރުނު މުނާސަބާއާ ދިމާކޮށް ރައީސް ދެއްވި ބަސްދީގަތުމުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ، ސައިކަލް ދުއްވުމަށް ވަކިލޭނެއް އޮންނަން ޖެހޭނެކަމަށް ރައީސް ޔާމީން ވިދާޅުވީ ބްރިޖުގެ މަސައްކަތް ނިމެން ގާތްވެފައި ވަނިކޮށް ކަމަށެވެ. އެކަމުގެ ތަފްޞީލު ދެއްވަމުން ވިދާޅުވީ، ރައީސް ޔާމީން ބޭނުންފުޅުވީ ބައިސްކަލް/ޕެޑެސްޓްރިއަން ލައިން ވަކި ސައިކަލު ލޭނަކަށް ބަދަލު ކުރައްވާށެވެ. ނަމަވެސް ޓެސްޓްތައް ކުރުމަށްފަހުވެސް އެކަން އެގޮތަށް ހަމަޖައްސަން ނެތީކަމަށް ރައީސް ވިދާޅުވިއެވެ.
“އަޅުގަނޑުމެން ފިޒިކަލީ ވެސް އެ ލޭނު މައްޗަށް ސައިކަލު އަރުވައިގެން ދުއްވޭތޯ ވެސް ބެލިން.. ދެން އެތާގެ ތިރީގައި އަޅާފައި އޮންނަ ލޭޔަރ، އެއީކީ އަސްލު ހަޤީގަތުގައި ހެވީ ވެހިކަލްސް ނޫނީ ސައިކަލު ވެސް ދުއްވާކަށް އޮންނަ ސްލެބެއް ނޫން.. އެއީ ބައިސްކަލު ދުއްވަން ނޫނީ، ހަމަ ހިނގަން ހާއްސަކޮށްފައި އޮތް ތަނެއް..”
އެކަމާހެދި ރައީސް ޔާމީން ބްރިޖު ހުޅުވުމުގެ މަސައްކަތް ކެންސަލް ކުރައްވަން ވެސް ބޭނުންފުޅުވި ކަމަށް ވިދާޅުވިއެވެ.
އެމްއެމްޕީއާރްސީގެ ފައިސާ ލިބިވަޑައެއް ނުގަންނަވާ:
ރައީސަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތުގެ ފައިސާ ލިބިވަޑައިގަތްކަމަށް ކުރެވޭ ތުހުމަތުތަކަށްވެސް ރައްދު ދެއްވިއެވެ. ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މެދުވެރިކޮށް ލިބުނުކަމަށް ރައީސަށް ކޮށްފައިވާ ތުހުމަތުތަށް ރައްދު ދެއްވަމުން ވިދާޅުވީ،
“އެއްވެސް އިރަކު ނުހުންނާނެ، (އަދީބު) ނައިބު ރައީސަކަށްވި ފަހުން ވެސް ނުހުންނާނެ މީޓެއް ކޮށްފައެއް.. ވަކިން މީޓު ކުރަން ވެސް ނާންގަވާ.. ދެން އެހެން އޮއްވައި ބޮން ގޮއްވުމުގެ ހާދިސާ ހިނގީ”
ރައީސް ވިދާޅުވީ އަދީބާ ގުޅުމެއް ނުބާއްވަވާ ކަމަށާއި އަދި ކުރިންވެސް އޭނާއާ ބައްދަލުކޮށް ނޫޅުއްވާ ކަމަށެވެ. ރައީސަށް އެމްއެމްޕީއާރްސީގެ ފައިސާ ލިބިވަޑައިގަތް ކަމަށް ތުހުމަތު ކުރައްވަނީ ކުރީގެ ރައީސް ޔާމީނެވެ.
ރައީސް ޔާމީންގެ މިނިވަންކަމަށް ދެންނެވުން:
ރައީސް ވިދާޅުވީ ރައީސް ޔާމީން މިނިވަން ކޮށްދެއްވުމަށް ކުރީގެ ރައީސް ސޯލިޙަށް ދަންނަވާފައިވާނެ ކަމަށެވެ. އެކަމުގެ ތަފްޞީލު ރައީސް ދެއްވިއެވެ.
ރައީސް ވިދާޅުވީ ޔާމީން ރޯދައަށް ގެއަށް ގެނެސް ބަދަލުކޮށް ދިނުމަށާއި، އޭނާގެ ދަރިފުޅުގެ އޯލެވެލް ގާތް ވާތީ އެ ދުވަސްކޮޅަށްވެސް ގެޔަށް ގެނެސްދިނުމަށް ރައީސް ސޯލިޙަށް އާދޭސް ދެންނެވި ކަމަށެވެ. އަދި ބާރު ހުރި އެތަކެއް ވަޒީރަކަށް މެސެޖުކުރައްވައި، ގިނަ ކަންކަން ކުރެއްވި ކަމަށް ވިދާޅުވިއެވެ.
“އަޅުގަނޑުމެން މަސައްކަތް ކުރީ އެމަނިކުފާނު މިނިވަން ކުރެވޭނެ ގޮތްތަކެއް ހޯދޭތޯ. އިބާރާހީމް މުހައްމަދު ސޯލިޙްގެ ފޯނުގައި ޑިލީޓު ނުކުރައްވަންޏާ ހުންނާނެ އަޅުގަނޑު ފޮނުވި ހުރިހާ މެސެޖެއް. ބެލޭނެކަމެއް ނޭނގެ. މާތު ރަނގަޅު ކަންނޭގެ އިބްރާހިމް މުހައްމަދު ސޯލިޙާ ސުވާލުކޮށްލަން އަޅުގަނޑު ފޮނުވި ކިތައް މެސެޖު އެބައޮތްތޯ (އައްސަވަން)”
ރައީސް ވިދާޅުވީ، ސުޕްރީމް ކޯޓުން ރައީސް ޔާމީން ފުރަތަމަ ޖަލު ހުކުމުން ސަލާމަތްވެވަޑައިގަތް ދުވަހުވެސް ހީނުކުރާ ކަހަލަ އުފާވެރި އިޙުސާސްތަކެއް ލިބިވަޑައިގަތް ކަމަށެވެ. އަދި އެ އުފަލުގައި ހުންނަވަނިކޮށް، ދެވަނަ ފަހަރަށް އަނެއްކާވެސް ޖަލަށް ގެންދެވީ ކަމަށް ވިދާޅުވިއެވެ.
އަމިއްލަ ޚަރަދުތަކަށް ދައުލަތުގެ ފައިސާ ބޭނުން ނުކުރައްވާ:
ރައީސް ވަނީ އަމިއްލަ ޚަރަދުތަކަށް ދައުލަތުގެ ފައިސާ ބޭނުން ނުކުރައްވާ ކަމަށް ވިދާޅުވެފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ޚަރަދުތައް ހަމަޖެހިފައި އޮންނަ ގޮތާ ބެހޭ ގޮތުން މަޢުލޫމާތު ދެއްވަމުން ރައީސް ވިދާޅުވީ، ބޭރު ޢައުމުތަކަށް ރައީސް ކުރައްވާ ދަތުރުތަކުގެ ޚަރަދުތައް އުސޫލުގައި އޮންނަ ގޮތަށް ކުރެއްވޭނެ ކަމަށެވެ. ނަމަވެސް އަމިއްލަފުޅު ކަންކަމުގައި ދައުލަތުގެ ފައިސާ ބޭނުން ނުކުރައްވާކަމަށާއި އަދި ނުވެސް ކުރައްވާނެ ކަމަށެވެ.
މުލިއާގޭ މަރާމާތުގެ މަސައްކަތް ހިނގަމުން ދިޔަ މުއްދަތުގައި ރައީސްގެ ޚަރަދުތައް ހަމަޖެއްސެވި ގޮތާ ބެހޭގޮތުން ވެސް މަޢުލޫމާތު ދެއްވިއެވެ. ރައީސް ވިދާޅުވީ، ދިމްޔާތުގައި މުލިއާގެ މަރާމާތުކޮށް ނިމެންދެން ހުންނެވި މަސްތަކުގައިވެސް ހުރިހާ ޚަރަދެއް އަމިއްލަފުޅަށް ކުރެއްވި ކަމަށާއި ސެކިއުރިޓީންނަށް ސެޓަޕެއް ހައްދަވައި ދެއްވި ކަމަށެވެ.
ރައީސް ޔާމީންގެ ޝަރީޢަތަށް ހުރަސް އެޅުމެއް ނެތް:
ރައީސް ޔާމީންގެ މައްސަލާގައި، ޝަރުއީ ނިޒާމަށް ނުފޫޒު ފޯރުވުމަށް އެއްވެސް މަސައްކަތެއް ނުކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ޝަރީޢަތަށް ނުފޫޒު ފޯރުވައިގެން ކަމެއް ކުރައްވާނަމަ، ރައީސް ޔާމީން މިއަދު ހުންނަވާނީ ގެކޮޅުގައި ނޫންކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރައީސް ޔާމީނަށް އައި ޙުކުމާ އެކު ޕާޓީގެ ލީޑާޝިޕުން މަސައްކަތް ކޮށްފައި ވާނީ، އެމަނިކުފާނުގެ ޙައްޤުގައި ކަމަށާއި، ކުރީގެ ސަރުކާރުން ޔާމީނު ފުލުހަށް ގެންގޮސް މައްސަލަ ބަލަން ފެށުމުން އެކަމާއި ދެކޮޅަށް އެންމެ ފުރަތަމަ ތެދުވެފައިވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
އިޤްތިޞާދު ރަނގަޅު ކުރުމަށް ކުރައްވާ މަސައްކަތް:
ރަނގަޅު ގޮތަކަށް އިޤްތިޞާދީ ބިންގާ އެޅެމުންދާ ކަމަށާއި، އެކަމުގެ ނަތީޖާ ފެންނަމުންދާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ ދުވަހު އެޅުއްވި ފިޔަވަޅުތައް ތަފްސީލުކޮށް ދެއްވަމުން، ފުރަތަމަ ހަތަރު ހަފްތާ ތެރޭގައި ފައިސާ ޗާޕު ކުރުން ހުއްޓާލާފައި ވާނެ ކަމަށާއި، ދައުރުވާ ޑޮލަރު އިތުރު ކުރުމަށްޓަކައި ގިނަ ބަދަލުތަކެއް ގެންނަ ރާއްވަވާފައިވާ ކަމަށާއި ބައެއް ބަދަލުތަކަކީ ޤާނޫނީ ނިޒާމުގެ ތެރޭން ގެނެވޭ ބަދަލުތައް ކަމަށް ވިދާޅުވިއެވެ. އަދި އެކަންކަމުން ރިޒާވް ވަރުގަދަ ވެގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.
“ސަރުކާރެއްގެ ތެރޭގައި ސަރުކާރެއް ހިނގުމަށް އުޅެފަހުރި ކޮންމެ ބޭފުޅަކަށް އެނގިލައްވާނެ، އިނިޝިއަލް ސްޓޭޖްގައި ވަރަށް ގިނަ ވަގުތު ދާކަން. ޕްރެލިމެންޓް ސްޓޭޖުން ގޮސް ބައިވަރު ސްޓޭޖްތަކުން ގޮސް ފައިނޭސް ހަމަޖެހިގެން (ދަމުން) ގޮސް ގިނަފަހަރު ހަމަ އަހަރެއްހައި ދުވަސް (ހޭދަވެގެން) ގޮސްގެން ބޮޑެތި މަޝްރޫއުތައް މި ފެށެނީ. (ފަރުދާގެ ފުރަގަހުގައި) ވަރަށް ގިނަ މަސައްކަތްތައް އެބަ ހިނގާ. އަޅުގަނޑުމެން ކުރި ދަތުރުތަކުގެ ނަތިއްޖާއަކީ ވެސް އެއީ”