ރާއްޖޭގެ އިޤްތިޞާދުގައި ދައުރުވާ ޑޮލަރުގެ ޢަދަދު އިތުރު ކުރުމަށް ސަރުކާރުން މުހިންމު ފިޔަވަޅުތަކެއް އަޅާނެއެވެ. އެގޮތުން އާމްދަނީ އިތުރު ކުރުމަށް އަޅާ ފިޔަވަޅުތަކާއި، ޤާނޫނަށް ބަދަލު ގެނަސްގެން މާލީ ނިޒާމުގައި ދައުވާ ބޭރު ފައިސާގެ ޢަދަދު އިތުރު ކުރުމަށް އަޅާ ފިޔަވަޅުތައް ހިމެނެއެވެ.
ސަންގު ޓީވީއަށް ދެއްވި ބަސްދީގަތުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ތަފްޞީލުތަކެއް ވިދާޅުވެ ދެއްވާފައެވެ. ރައީސް ވިދާޅުވީ މި ވަގުތު އެންމެ އިސްކަމެއް ދެއްވާ ކަމަކީ، ޤައުމުގެ އިޤްތިޞާދީ ޙާލަތު ރަނގަޅު ކުރުމުގެ މަސައްކަތް ކަމަށެވެ. އަދި އެކަމަށް ރަނގަޅު ބިންގަލެއް އެޅިގެންދާ ކަމަށާއި، އެމަސައްކަތުން އެދެވޭ ރަނގަޅު ނަތީޖާއެއް ނިކުންނާނެ ކަމުގެ ޔަޤީންކަން ރައީސަށް އޮތް ކަމުގައި ވިދާޅުވިއެވެ.
“މި ބަދަލުތައް ގެންނަނީވެސް އިޤްތިޞާދީ ޙާލަތު ރަނގަޅު ކުރުމަށް. އެހެންވީމަ ކުރިއަށް އޮތް ތާނގަ ރިޒާވް ވަރުގަދަ ވެގެންދާނެ.” ޤާނޫނީ އޮނިގަނޑަށް ގެންނަ ބަދަލާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން، ރައީސް ވިދާޅުވިއެވެ.
ސަރުކާރުން އަމިއްލަ ވިޔަފާރިތަކަށް ދޭން ހުރި ފައިސާ ނުދެވި ހުރިކަމަށާއި އަދި އެކަން ނިންމާލުމަކީ، ރައީސްގެ އަމާޒެއް ކަމުގައި ވިދާޅުވިއެވެ. އެ ގޮތުން އެ ފައިސާ ނޮވެމްބަރު މަސް ނިމެންވާއިރަށް، ބަހާލައިގެން ދިނުމަކީ އަމާޒެއް ކަމުގައި ވިދާޅުވިއެވެ. އަދި މަސްވެރިންނަށް ނުދެވި ހުރި ފައިސާގެ ތެރޭން، ބިލިއަނެއްހައި ރުފިޔާ މިހާރު ދީ ނިންމައިލެވިއްޖެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އެދާއިރާގެ ބައެއް ތަރައްޤީއަށް އަލިއަޅުވައި ލައްވަމުން، ރައީސް ވިދާޅުވީ، މަސްވެރިކަން ފުޅާކުރުމަށް ފެކްޓްރީތައް ރޭވިފައިވާ ކަމަށެވެ.
“އަޅުގަނޑުގެ ވައުދެއް ފައިސާ ޗާޕް ކުރުން ހުއްޓާލުމަކީ. އިރާދަކުރެއްވިއްޔާ އެކަން ވެއްޖެ. އޭރުވެސް އަޅުގަނޑު ދެންނެވިން ފައިސާ ޗާޕު ކުރުން ހުއްޓާލުމަކީ މިއީ މާލީ ޙާލަތަށް ދިމާވެފައިވާ އެތައް މައްސަލައެއްގެ ހައްލު (ކަމަށް). އަޅުގަނޑުމެން މިފެށީ އިޤްތިޞާދު ރަނގަޅު ކުރުމުގެ މަސައްކަތް. ރަނގަޅު ބިންގަލެއްގައި ކުރެވޭ މެދު ރާސްތާއާއި ދުރު ރާސްތާގެ ދެމެހެއްޓެނިވި ތަރައްޤީ (ގެ މަސައްކަތް) ދިވެހިންނަށް ފެނިގެންދާނެ.” ސަންގު ޓީވީގެ ބަސްދީ ގަތުމުމުގައި ރައީސް އިތުރަށް ވިދާޅުވި އެވެ.
އިޤްތިޞާދަށް ވަންނަ ޑޮލަރު އިތުރު ކުރުމަށް ސަރުކާރުން ވަނީ، ޤައުމީ އުފެއްދުންތެރިކަމުގެ އެއް ޕަސެންޓު ފަތުރުވެރިކަމުގެ ދާއިރާ ފިޔަވައި އެހެން ދިމާއަކުން ހޯދުމަށް ނިންމާފައެވެ. ރާއްޖޭގެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރަށް ތެޔޮ ސަޕްލައި ކޮށްދީގެން އަހަރަކު 600 މިލިއަން ޑޮލަރު ލިބޭނެކަމަށް ސަރުކާރުން ލަދާކޮށްފައި ވެއެވެ. މި މަސައްކަތް ފެށުމަށް ރޭވި، މިހާރު ޢަމަލީ ސިފަޖެހެމުން ދެއެވެ. އޭގެ އިތުރުން ޤާނޫނީ އޮނިގަނޑަށް ބަދަލު ގެނަސް ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތަކުގެ ޓެކުހާއި އާމްދަނީ، ޑޮލަރުން ބަލައި ގަތުމަށް މަސައްކަތް ކުރުންވެސް ހިމެނެއެވެ. މިފިޔަވަޅުތަކުންވެސް ދައުލަތުގެ އާމްދަނީއަށް ކުރިން ނުވަންނަ 40 އާއި 80 މިލިއަން އާ ދެމެދުގެ ޢަދަދެއްގެ ޑޮލަރު އަލަށް ވަންނާނެ ކަމަށް ލަފާ ކުރެވެއެވެ.