ހިއުމަން ޓްރެފިކިންގ އާއި ދެކޮޅަށް މަސައްކަތްކުރުމުގައި މުހިންމު ކުރިއެރުމެއް ލިބިއްޖެ

ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) އަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ތަޞްދީޤު ކުރެއްވުމަކީ، ރާއްޖޭގައި، އިންސާނުންގެ ވަގުފާރިއާ ދެކޮޅަށް ފިޔަވަޅު އަޅައި، ބިދޭސީ މަސައްކަތްތެރިންގެ ހައްޤުތައް ޙިމާޔަތް ކުރުމަށް އެޅިގެން ދިޔަ ވަރަށް މުހިންމު ފިޔަވަޅެކެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިޒު އިއްޔެ ތަޞްދީޤު ކުރައްވާފައިވާ މި އިޞްލާޙުތަކަކީ ރާއްޖޭގައި މަސައްކަތްކުރާ އެންމެހައި މަސައްކަތްތެރިންގެ ޙައްޤުތަކާއި ކަރާމާތް ކަށަވަރުކުރުމަށް މުހިންމު މަސައްކަތެއް ރަމްޒުވެގެންދާ އިޞްލާޙުތަކެކެވެ.

ބިދޭސިން ގެންގުޅުމުގެ މަސައްކަތް ހަރުދަނާ ކުރުމަށް އަޅާ ފިޔަވަޅުތަކުގައި، ޤާނޫނުގައި، ބިދޭސީ މީހާ މަސައްކަތްކުރާނެ ވަރކްސައިޓް ރަޖިސްޓަރީކުރުމާއި، އެ ކަމާގުޅޭ ހުއްދަތައް ހޯދުމާއި، އެ ބިދޭސީއަކު ގެނައުމަށް ބޭނުންވާ ކޯޓާ ހޯދުމާއި ވަރކް ޕަރމިޓް ހެއްދުން ލާޒިމުކޮށްފައި ވެއެވެ.

މި އިޞްލާޙުތަކާއެކު، ބިދޭސީ މަސައްކަތްތެރިންގެ ހައްޤަށް އިހުމާލުވާ އަދި އެމީހުންނަށް އަދާ ކުރަން ޖެހޭ ޒިންމާ އަދާކުރުމުގައި އިހުމާލުވާ ވަޒީފާދޭ ފަރާތްތަކަށް މާލީ އަދި ޤަނޫނީ ބޮޑެތި ހުރަސްތަކާއި އަދަބުތައް ކަނޑައަޅާފައި ވެއެވެ. އޭގެ ތެރޭގައި އިހުމާލުވާ ކޮންމެ މުވައްޒަފަކަށް 50،000 ރުފިޔާއިން ޖޫރިމަނާ ކުރުންވެސް ހިމެނެއެވެ. އަދި އެފަދަ ފަރާތްތައް އާންމުކޮށް އިޢުލާން ކޮށް، އިޖުތިމާޢީ ގޮތުން ޖަވާބުދާރީވުމުގެ އިތުރު ފަށަލައެއް ތައާރަފް ކޮށް، ވިޔަފާރިތައް އުޞޫލަށް ފެއްތުމަށްވެސް މަޖުބުރު ކުރުވައެވެ.

އިންސާނުންގެ ވަގުފާރީގެ މައްސަލައަކީ މިއަދާހަމައަށް ކޮންޓްރޯލެއް ނުކުރެވި ކުރިއަށް ގޮސްފައިވާ މައްސަލައެކެވެ. ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުން، މިހާތަނަށް 3 ހާހެއް ހައި މީހުން އެމީހުންގެ ޤައުމަށް ފޮނުވާލާފައި ވެއެވެ. އަދި އެމީހުން މަސައްކަތްކުރާ ތަންތަނާއި އެމީހުން ހިންގާ އޮޕަރޭޝަންތައް ބެލުމަށް އެތައް އިދާރާއެއް ގުޅިގެން މަސައްކަތް ކުރަމުން ގެންދެއެވެ. މި ފިޔަވަޅުތައް ކުރިއަށް ގެންދާއިރު، ވަޒީފާއާ ބެހޭ ގާނޫނަށް އިޞްލާޙު ގެނައުމަށް ސަރުކާރުން ނިންމި ނިންމުމަކީ އިންސާނީ ވަގުފާރިއަށް އޮތް މި ކަންބޮޑުވުންތައް ޙައްލުކުރުމަށް ސަރުކާރުން ސީރިއަސް ފިޔަވަޅުތަކެއް އެޅުމަށް ބޭނުންވާ ކަން ދައްކައިދޭ މުހިންމު ފިޔަވަޅެކެވެ.

ވަޒީފާއާ ބެހޭ ޤާނޫނަށް ގެނަސްފައިވާ މި އިޞްލާހަކީ، މިދިޔަ މަހުގެ 19 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކުރި އިޞްލާޙެކެވެ. މި އިޞްލާޙުގައި ބުނާ ގޮތުން ރާއްޖޭގައި ބިދޭސީއަކަށް ވަޒީފާ އަދާ ކުރެވޭނީ، ވަޒީފާއާބެހޭ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ދިވެހިރާއްޖޭގައި މަސައްކަތްކުރުމުގެ ހުއްދަ ހޯދުމަށްފަހުގަ އެވެ.

ބިދޭސީ މަސައްކަތްތެރިންގެ ދުޅަހެޔޮކަމަށް ފަރުވާކުޑަކުރާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އެޅުމުގެ ބާރު ކަމާބެހޭ ފަރާތްތަކަށް ލިބިގެން ދިއުމުން، އިންސާނީ ޙައްޤުތަކަށް އިސްކަންދިނުމުގެ ވެށްޓެއް ރާއްޖޭގައި ޤާއިމްވެ، ދިގު ދެމިގެން ގޮސްފައިވާ، ހިއުމަން ޓްރެފިކިންގެ ނިޒާމީ މައްސަލަތައް ހައްލުކުރުމަށް މާނަހުރި ފިޔަވަޅުތަކެއް އެޅިގެންދާނެ ކަން މި އިޞްލާހުން ފެނިގެން ދެއެވެ.

މި ޤާނޫނުގެ ދަށުން ހަދާފައިވާ ގަވައިދުތައް އިޞްލާޙުކޮށް، ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 3 މަސްދުވަހުގެ ތެރޭގައި ގަވައިދުތައް އެކުލަވާލައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރަންވާނެކަމުގައި ބަޔާންކޮށްފައި ވެއެވެ.

ހިއްސާ ކުރައްވާ!