ތުރުކީން ހައިސްޕީޑް ރޭލުގެ ޓެސްޓްތައް ކުރިއަށް ގެންދަނީ

ތުރުކީވިލާތުން އަމިއްލައަށް އުފައްދާފައިވާ ހައިސްޕީޑް ރޭލުގެ ޓެސްޓްތައް 2025 ވަނަ އަހަރުގެ ފަހު ކުއާޓަރުގައި ފަށާނެ ކަމަށް އެޤައުމުން ބުނެފިއެވެ.

މި ޓެސްޓްތަކުގެ ކުރިން ފެކްޓްރީގައި ޓެސްޓްތައް ކުރިއަށް ގެންދާނެ ކަމަށް ޓްރާންސްޕޯޓޭޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު އަބްދުލްޤާދިރު އުރަލޮގްލޫ ވިދާޅުވެއެވެ.

ތުރުކީގެ ހައިސްޕީޑް ރޭލުގެ ބާރުމިނަކީ، ގަޑިއަކު 225 ކިލޯމީޓަރު (ގަޑިއަކު 139.8 މޭލު) އަށް ދަތުރުކުރާނެ ރޭލެކެވެ. އޭގައި ކޮންމެ ސެޓެއްގައި އަށް ކާރާއެކު ޖުމްލަ 584 ފަސިންޖަރުންނަށް ދަތުރުކުރެވޭނެ ކަމަށް އުރަލޮގްލޫ ވިދާޅުވި އެވެ. މި ރޭލަކީ، ތުރުކީގެ ރޭލްވޭ ވެހިކަލްސް އިންޑަސްޓްރީސް އިންކް  އިން އުފައްދާ ރޭލެކެވެ.

އުރަލޮގްލޫ ފާހަގަކުރެއްވި ގޮތުގައި މި ރޭލު އުފެއްދުމުގެ މަސައްކަތް ކުރިއަށް ދަނީ މުޅިން ވެސް އެޤައުމުގެ އަމިއްލަ ވަސީލަތްތައް ބޭނުން ކޮށްގެންނެވެ. މި އަހަރުގެ ފަހު ކުއާޓަރުގެ ތެރޭގައި ޑިޒައިން މަރުހަލާ ނިންމާލެވޭނެއެވެ. އަދި އޭގެ ފަހުން އެސެމްބްލީ މަރުހަލާ ކުރިއަށް ގެންދާނެއެވެ.

އުރަލޮގްލޫ ވަނީ ރޭލްވޭ ވެހިކަލް އުފެއްދުމުގައި ތުރުކީއަކީ އަމިއްލައަށް ފުދުންތެރި ޤައުމަކަށް ވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ތުރުކީއަކީ މިހާރު ހައިސްޕީޑް ރޭލު އުފައްދާ ޤައުމެއްކަމުގައިވެސް އޭނާ ފާހަގަ ކުރެއްވިއެވެ.

މި މަޝްރޫއަކީ ސައިންޓިފިކް އެންޑް ޓެކްނޮލޮޖިކަލް ރިސާޗް ކައުންސިލް އޮފް ތުރުކިއޭ ގެ ރޭލް ޓްރާންސްޕޯޓޭޝަން ޓެކްނޮލޮޖީސް އިންސްޓިޓިއުޓާ ގުޅިގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. އެ މުއައްސަސާއިން ވަނީ ހައިސްޕީޑް ރޭލު މަޝްރޫއުގައި ބޭނުންކުރާނެ “ނޭޝަނަލް ޓްރެކްޝަން ސިސްޓަމް އެންޑް ޓްރޭން ކޮންޓްރޯލް މެނޭޖްމަންޓް ސިސްޓަމް” ތަރައްގީކޮށްފައެވެ.

މި ރޭލުގެ ހުރިހައި ކަމެއްގައިވެސް ބައިނަލްއަގްވާމީ މިންގަނޑުތަކަށް ތަބާވެފައިވާނެ ކަމަށްވެސް ތުރުކީން ބުނެއެވެ.

ހިއްސާ ކުރައްވާ!
ގުޅުންހުރި ލިޔުންތައް