ޕާކިސްތާންގެ ޕާލަމެންޓް މެމްބަރުން ގެންގުޅުމަކީ ހޭދަ ބޮޑު ކަމެއް

ޕާކިސްތާންގެ ޤާނޫނުހަދާ މަޖިލީހުގެ މެމްބަރުން ގެންގުޅުމަކީ ހޭދަ ބޮޑު ކަމެއް ކަމަށް ޑޯން ނޫހުން ބުނެއެވެ. އެނޫހުގައި ގެނަސްދީފައިވާ ދިރާސާއެއްގައި ބުނެފައި ވަނީ ޕާކިސްތާނުގައި ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރު ކަން ހޯދަނީ ބާރާއި ނުފޫޒު ލިބިގަނެ، އެއިން ފައިދާ ނަގާށެވެ. ޤާނޫނު ހަދާ މަޖިލީހުގެ ފޮރުވިގެންވާ ހޭދައިގެ ނަމުގައި ގެނަސްދީފައިވާ ދިރާސާގައި ބުނަނީ، ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރުން އަވަދި ނެތި އުޅެނީ ޤާނޫނުތައް އެކުލަވާލުމުގެ ބަދަލުގައި އެމީހުންގެ ދާއިރާތަކުގެ ތަރައްޤީގެ މަސައްކަތުގައި އުޅޭ ކޮންޓްރެކްޓަރުންގެ މަސައްކަތަށް ބަޖެޓު ހޯދުމުގެ މަސައްކަތުގެ ފަހަތުން ދުވުމުގައި ކަމަށެވެ.

“ޤާނޫނު ހަދައި، ޤާނޫނު ދަމަހައްޓަން އިންތިޚާބުވެފައިވާ ޕާކިސްތާނުގެ މަޖިލީހުގެ ގިނަ މެމްބަރުން ޝައުގުވެރިވާ ކަމަށް ފެންނަނީ ލިބޭ ލަޤަބާއެކު އަންނަ ފައިދާތަކާއި އިމްތިޔާޒުތަކަށެވެ. އިމްތިޔާޒާއި ނުފޫޒާއި އަގު ބޮޑު އެކަމަޑޭޝަނާއެކު އެމީހުންގެ އަސްލު މަސައްކަތުން ކަސިޔާރު ވެއެވެ.” ޑޯންގެ ދިރާސާގައި ބުނެފައި ވެއެވެ.

އަދި މަޖިލިސް މެމްބަރުން ފޯކަސް ކުރަނީމ ވަޒީރުކަމުގެ މަޤާމަށާއި އެމީހުންގެ ދާއިރާތަކަށް ފައިސާ ޗެނަލްކުރުމުގެ މަސައްކަތަށެވެ. އަދި އެމީހުންގެ ޙަޤީޤީ މަސައްކަތް ކަމަށްވާ ސިޔާސަތުތަކާ މެދު ބަހުސް ކުރުމާއި، ޤައުމީ މައްސަލަތައް ހައްލުކުރުމުން އެއްކިބާވެގެން ދެއެވެ.

މިފަދަ އިހުމާލުތަކުގެ ސަބަބުން، ޤާނޫނު ހަދާ މަރުޙަލާ ހުއްޓުމަކަށް އައުމުގެ އިތުރުން ޤައުމީ ތަރައްޤީ ހުއްޓުމަކަށް ގެނެސްދޭ ކަމަށް ސައްދާމު ޙުސައިން ލިޔުއްވި ދިރާސާގައި ބުނެފައި ވެއެވެ. އޭނާއަކީ، ޕާކިސްތާން އިންސްޓިއުޓް ފޯރ ޑިވެލޮޕްމެންޓް އިކޮނޮމިކްސްގެ އިކޮނިމިސްޓެކެވެ.

ޕާކިސްތާންގެ ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނަށް މަހަކު ގެއަށް ގެންދަން 2 ލައްކަ 18 ހާސް ރުޕީސް ލިބެއެވެ. އެމީހުންގެ ބޯހިޔާ ވަހިކަން ދީފައި ހުންނަކީ އިސްލާމްއާބާދުގެ އެންމެ އަގުބޮޑު އޭރިއާތަކުންނެވެ. އެކަމަށްވެސް ބޮލަކަށް 1 މިލިއަން ރުޕީސް ހޭދަ ވެއެވެ. އަދި ކޮންމެ މީހަކަށް އޮފީސް ސްޕޭސް ހަމަޖައްސައި ދީފައި ހުންނައިރު އެކަމަށްވެސް 0.2 މިލިއަން ރުޕީސް ޚަރަދުވެއެވެ.

ޕާކިސްތާން ޕާލަމެންޓްގައި ބާއްވާ  ކޮންމެ ޖަލްސާއަކަށް، 66.5 މިލިއަން ރުޕީސް ހޭދަވެއެވެ. އޭގެ އިތުރުން ކޮންމެ މެމްބަރަކަށް އަހަރަކަށް 25 ބިޒްނަސް ކިލާސް ޓިކެޓްވެސް ދެވެއެވެ. އޭގެ އިތުރުން އެއްގަމު ދަތުރުތަކަށް ޚާއްސަ އެލަވަންސްތަކެއްވެސް ހަމަޖައްސާފައި ހުރެއެވެ.

ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރުންގެ ފެންވަރުމަތީ ދިރިއުޅުން ބެލެހެއްޓުމަށް، ސަރުކާރުން ކޮންމެ މީހަކަށް ދުވާލަކަށް 8 ލައްކަ ރުޕީސް ހޭދަކުރާ ކަމަށްވެސް މި ރިޕޯޓްގައި ބުނެފައި ވެއެވެ. މިހުރިހައި ހޭދައަކާއެކު މެމްބަރުން އަހަރެއްގެ ހުރިހައި ދުވަހަކު މަސައްކަތް ކުރަން ޖެހޭއިރު ޤާނޫނު ހަދާ މަޖިލީހުގައި އެވަރެޖް ޙާޒިރީ އުޅޭނީ 63 ޕަސެންޓްގައެވެ. އަދި ޖަލްސާއެއް އޮންނަ ކޮންމެ ދުވަހަކުވެސް 37 ޕަސެންޓް ގޮނޑިތައް ހުންނަނީ ހުސްކޮށެވެ. ޕާކިސްތާންގެ ޕާލަމެންޓްގެ މަސައްކަތް ވަޒަން ކޮށްލާއިރު އަހަރަކު މަސައްކަތް ކުރެވެނީ ނިސްބަތުން 56 ދުވަހު ކަމަށްވެސް މި ދިރާސާގައި ބުނެފައި ވެއެވެ.

ހިއްސާ ކުރައްވާ!