ޕާކިސްތާންގެ އިދިކޮޅު ޕާޓީގެ އެމްޕީން މަޖިލިސް ތެރޭން ހައްޔަރުކޮށްފި

ކުރީގެ ބޮޑު ވަޒީރު އިމްރާން ޚާންގެ ތަޙުރީކޭ އިންޞާފް ޕާޓީން ބޭއްވި ބައްދަލުވުމަކާ ގުޅިގެން އެޕާޓީގެ 12 އެމްޕީންނާއި އިތުރު އެހެން ބައެއް ސިޔާސީ ހަރަކާތްތެރިން ޕާކިސްތާން ފުލުހުން ހައްޔަރުކޮށްފިއެވެ. ބައެއް އެޕްޕީން ހައްޔަރުކޮށްފައި ވަނީ ޚައިބަރު ޕަޚުތޫން ޚުވާ ޕްރޮވިންސްގައެވެ. އަދި އަނެއް ބައި އެމްޕީން ހައްޔަރުކޮށްފައި ވަނީ ޤާނޫނު ހަދާ މަޖިލީހުގެ އެތެރޭގައި ތިއްބަވަނިކޮށެވެ. އަދި އެހެން ބަޔެއް މެމްބަރުން ހައްޔަރުކޮށްފައި ވަނީ މަޖިލީހުން ބޭރަށް ނިކުމެ ވަޑައިގަތްތަނާއެވެ.

ޕާކިސްތާންގެ ޤާނޫނު ހަދާ މަޖިލީހުގެ ޤަވާޢިދު ބުނާ ގޮތުން އެމްޕީއަކު ހައްޔަރު ކުރެވޭނީ އެކަން މަޖިލީހުގެ ރައީސަށް އެންގުމަށްފަހު ހުއްދަ ދިނުމުންނެވެ.

ތަޙުރީކޭ އިންޞާފު ޕާޓީން ޤާނޫނު ހަދާ މަޖިލީހުގެ ރައީސް އަޔާޒް ޞާދިޤްއަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ “މިއަދު ތަޙުރީކޭ އިންޞާފުގެ މެމްބަރުން ހައްޔަރު ކުރާ ފުލުހުން، މާދަމާ ތިބާގެ ޕާޓީގެ މެމްބަރުންނާއި ތިބާ ހައްޔަރު ކޮށްގެން ގެންދާނީ ގިރުއާނުގައި ހިފައި ދަމަމުންނެވެ. އަހުރެން ތިބާގެ ގާތުން ކަމެއް ރަނގަޅަށް ގެންދާނެ ކަމަކަށް އުންމީދެއް ނުކުރަމެވެ. އަދި އެއްވެސް ކަމެއްގައި ތިބާ ގާތު ފަރިޔާދު ދަންނަވާކަށްވެސް ނެތީމުއެވެ.”

ޤާނޫނު ހަދާ މަޖިލީހުގެ ރައީސް އަޔާޒް ޞާދިޤް ވަނީ މި މައްސަލައާ ގުޅިގެން، އިސްލާމްއާބާދުގެ ފުލުހުންގެ އިންސްޕެކްޓަރ ޖެނަރަލްއާއި ފުލުހުންގެ އިސް ވެރިން، މަޖިލިސްއަށް ހާޟިރުވުމަށް އަމުރެއް ފޮނުއްވާފައެވެ.

އިދިކޮޅު ފަރާތްތަކުން ބުނެފައި ވަނީ ފުލުހުން ވަނީ މަޖިލީހުގެ އިމްތިޔާޒަށް އަރައިގެންފައެވެ. އިދިކޮޅު ލީޑަރުން ބުނެފައި ވަނީ މިދާ ގޮތަށް ދަނީނަމަ، ޝާހްބާޒް ޝަރީފްގެ ސަރުކާރު ވެރިކަމުގައި މާގިނަ ދުވަސްވަންދެން ދެމިއެއް ނޮންނާނެއެވެ.

ފުލުހުން އިދިކޮޅު ފަރާތްތައް ހައްޔަރުކޮށްފައި ވަނީ ޕަޚުތޫން ޚުވާގައި ބޭއްވި ސިޔާސީ އެއްވުމެއް 7 ޖަހާއިރު ނިންމާ ގޮތަށް ހުއްދަ ދީފައި ވަނިކޮށް، އެޖަލްސާ އެރޭ ދޮޅުގަޑި އިރު ފަހުން ނިންމުމާ ގުޅިގެންނެވެ. އަދި އެ ތަނަށް ދިޔަ ފުލުހުންނަށް ހުރަސް އެޅުމާއި ފުލުހުންނަށް ހަމަލަ ދިނުމަށް ހިތްވަރު ދިންކަމަށްވެސް ސިޔާސީ ލީޑަރުންނަށް ފުލުހުން ތުހުމަތުކޮށްފައި ވެއެވެ.

ހައްޔަރުކޮށްފައިވާ 12 އެމްޕީން ހައްޔަރުކުރުމަށް، ޤާނޫނުލްޢުޤޫބާތުގެ އެންމެހައި ހަރުކަށި މާއްދާތަކާއި ޓެރަރިޒަމާ ދެކޮޅަށް ފާސްކޮށްފައިވާ ޤާނޫނުގެ މާއްދާތަކާ ފުލުހުން ޙަވާލާދީފައި ވެއެވެ.

ހިއްސާ ކުރައްވާ!