ތެލާއި ތެލުގެ އުފެއްދުންތަކާއި ޚިދުމަތްތައް އިޝްތިހާރު ކުރުން މަނާކޮށްފި

ތެލާއި ތެލުގެ އުފެއްދުންތަކާއި ތެޔޮ އަޅައިގެން ދުއްވާ ތިމާވެށި ތަޣައްޔަރުކުރާ އުޅަނދުތަކާއި އެފަދަ އެއްވެސް އުފެއްދުމަކާއި އޭގެ ޚިދުމަތެއް އިޝްތިހާރު ކުރުމަކީ ނެދަރލެންޑްސްގެ ހޭގްގައި މަނާކަމެއް ކަމަށް ކަނޑައަޅައިފިއެވެ. މިއީ ތިމާވެށީގެ ޙިމާޔަތުގައި ދުނިޔޭގެ ޤައުމެއްގެ ސިޓީއެއްގައި ފާސްކުރި މިފަދަ އާދަޔާ ޚިލާފު ފުރަތަމަ ފިޔަވަޅެވެ. މި ޤަވާޢިދުތައް އެކުލަވާލައި ބަހުސްކުރުމަށް ހޭގްއިން ދެ އަހަރު ހޭދަ ކޮށްފައެވެ. މިޤަވާޢިދާއެކު އުޅަނދުތަކާއި ކްރޫޒްލައިނަރގެ އިޝްތިހާރުތައް ހޭގްގައި ބެހެއްޓުން މަނާވާނެއެވެ.

މިއަހަރުގެ ޖަނަވަރީ މަހު އދގެ ސެކްރެޓަރީ ޖެނަރަލް އެންތޯނިއޯ ގުޓަރޭސް ޤައުމުތަކަށް ގޮވާލެއްވީ، ދުންފަތުގެ ބާވަތްތަކުގެ އިޝްތިހާރުތައް މަނާ ކުރި ފަދައިން ޤައުމުތަކުން ތެލުގެ އުފެއްދުންތަކާއި ތެޔޮ ބޭނުންކުރާ އާލާތްތައް އިޝްތިހާރު ކުރުން މަނާކޮށްދިނުމަށެވެ.

ސްކޮޓްލެންޑުންވެސް ތެލުގެ އުފެއްދުންތަކާއި އެއާ ގުޅުންހުރި ޚިދުމަތާއި ތަކެތި އިޝްތިހާރު ކުރުން މަނާކުރުމަށް އެއްބަސްވެފައި ވެއެވެ. އެ ގޮތުން ތެލާއި މަތިންދާބޯޓާއި އެއަރޕޯޓާއި ތެޔޮ ބޭނުންކޮށްގެން ދުއްވާ އުޅަނދުތައް އިޝްތިހާރު ކުރުން މަނާކުރުމަށް ސްކޮޓްލެންޑުން ވަނީ ނިންމާފައެވެ.

ހޭގްއިން ނިންމާފައިވާ ނިންމުމަށް ޢަމަލު ކުރަން ފަށާނީ ޖަނަވަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ.

ކެނެޑާގެ ޓޮރޮންޓޯއާއި ނެދަރލެންޑްސްގެ ބައެއް އެހެން ސިޓީތަކާއި އޮސްޓްރިއާގެ ބައެއް ސިޓީތަކުންވެސް ދަނީ މިފަދަ ނިންމުން ނިންމުމަށް ވިސްނަމުންނެވެ.

ހިއްސާ ކުރައްވާ!