އިދިކޮޅު ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީގެ އެތައް ހާސް އެކްޓިވިސްޓުންނާއި ލީޑަރުން ވަނީ އިންތިޚަބަކަށް ގޮވާލައި ޑިމޮކްރެސީއަށް މިސްރާބު ޖެހުމަށް އެދި ޑާކާގައި މުޒާހަރާއެއް ބައްވާފައެވެ. ވަގުތީ ސަރުކާރު ހިންގަވާ ނޮބެލް އެވޯޑް ލިބިފައިވާ މުހައްމަދު ޔޫނުސް ވަނީ އިލެކްޝަންސް ކޮމިޝަނުން ފެށިގެން މާލީ އިދާރާތަކާއި ހަމައަށް ބަނގްލަދޭޝްގެ އެކި ދާއިރާތައް އިސްލާހު ކުރުމުގެ ގިނަ ޕްލޭންތަކެއް ތައާރަފްކުރައްވާފަ އެވެ. އެކަމަކު ބޮޑެތި ސިޔާސީ ޕާޓީތަކުން ބޭނުންވަނީ އަވަހަށް އާ އިންތިޚާބެއް ބާއްވާށެވެ. އޭގެ ތެރޭގައި ކުރިން އެންމެ ބޮޑު އިދިކޮޅު ޕާޓީކަމަށްވާ ޚާލިދާ ޟިޔާގެ ބަންގްލަދޭޝް ނެޝަނަލިސްޓް ޕާޓީ (ބީއެންޕީ) ހިމެނެއެވެ.
އެމެރިކާއިން ވާގި ލިބިވަޑައިގެން ޔޫނުސް ވެރިކަމާ ހަވާލުވެވަޑައިގަތީ މިދިޔަ މަހު އާންމުންގެ އުތުރިއެރުމެއްގެ ތެރެއިން ކުރީގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ އިންޑިއާއަށް ފިއްލަވައިގެން ވަޑައިގަތުމުންނެވެ. ހަސީނާގެ 15 އަހަރުގެ ވެރިކަމާ ދެކޮޅަށް ޖުލައި މަހު ފެށި މުޒާހަރާތައް ސަރުކާރާ ދެކޮޅު ހަރަކާތަކަށް ބަދަލުވި އެވެ.
ޔޫނުސްގެ ސަރުކާރުން އިންތިޚާބެއް ބާއްވާނެ ތާރީޚެއް އަދި އިޢުލާނެއް ނުކުރެއެވެ. ނޫސްތަކުގެ އެޑިޓަރުންގެ ޓީމަކުން ދާދި ފަހުން ބޭއްވެވި ބައްދަލުވުމުގައި ޔޫނުސް ވިދާޅުވީ މުހިންމު އިސްލާހުތަކެއް ފުރިހަމަކޮށް ގެނައުމަށް މަދުވެގެން ދެ އަހަރު ދުވަސް އޭނާއަށް ބޭނުންފުޅުވާ ކަމަށެވެ.