ހިޒްބުالله އާއި އެކު ހަނގުރާމައެއް ފަށަން ތައްޔާރު ކުރުމަށްޓަކައި ޣައްޒާ އާއި ހުޅަނގު އައްސޭރިން ޔަހޫދުންގެ ސިފައިން ލުބުނާނުގެ ބޯޑަރަށް ބަދަލުކުރުމަށް ނިންމައިފިއެވެ.
މިއީ ލުބުނާނުގައި އަންގާރަ ދުވަހާއި ބުދަ ދުވަހު މުވާސަލާތީ ސާމާނު މެދުވެރިކޮށް އިޒްރޭލުން ދީފައިވާ ސައިބާ ޓެރަރިސްޓް ޙަމަލަތަކުގައި ގިނަ ޢަދަދެއްގެ މަދަނީންނަށް ހާނިއްކަ ކުރުމަށްފަހު، ބަދަލު ހިފުމަށް ޙިޒުބުﷲ އިން އަޅާފާނެ ފިޔަވަޅަކަށް ބިރުން ޔަހޫދުން ނިންމާފައިވާ ނިންމުމެކެވެ.
ޔަހޫދުންގެ ގައުމުން ދީފައިވާ ދެ ޓެރަރިސްޓް ހަމަލާގައި 32 މީހުން މަރުވެ 3،200 އަށް ވުރެ ގިނަ މީހުން ޒަޚަމް ކޮށްފައި ވެއެވެ.
އިޒްރޭލު ސިފައިންގެ ރޭޑިއޯއިން މިއަދު ބުނީ “ހުޅަނގު އައްސޭރިން ލުބުނާނުގެ ބޯޑަރަށް ސިފައިން ބަދަލު ކުރަނީ ހަނގުރާމައެއް ފަށަން ޖެހިދާނެ ކަމަށް ބަލައިގެން” ނެވެ. އިޒްރޭލުގެ ނޫހެއް ކަމަށްވާ ޔެޑިއޮތު އަހްރޮނޮތު އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ޣައްޒާއިން “98 ވަނަ ކޮމާންޑޯ” ޑިވިޝަން މިހާރު އުތުރަށް ބަދަލުކޮށްފައިވާ ކަމަށެވެ.
އެމެރިކާގެ ވޯލް ސްޓްރީޓް ޖާނަލް އިން ވެސް މުހިންމު މަސްދަރަކާ ހަވާލާދީ ބުނެފައި ވަނީ ލުބުނާނުގައި (ޓެރަރިސްޓް) ހަމަލަތައް ދީފައި ވަނީ ޣައްޒާގެ ސަރަހައްދުން އުތުރަށް ސިފައިންގެ ޑިވިޝަނެއް ބަދަލުކުރުމާ ދިމާކޮށެވެ. އިޒްރޭލުގެ ޗެނަލް 12 އިން ބުނީ ހަނގުރާމައަކަށް ތައްޔާރުވުމަށް ނިންމި ނިންމުމަކީ ހިފާފައިވާ ފަލަސްޠީނުގެ އުތުރުގެ ސަރަހައްދުތަކުގައި ދިރިއުޅޭ ޔަހޫދުން އެމީހުންގެ ސަރަހައްދުތަކުން ޙިޒުބުﷲ އިން ފައްސާލާފައިވާތީ އެމީހުން އެ ސަރަހައްދުގައި އަލުން އާބާދު ވުމަށް ހިތްވަރު ދިނުމަށް ކުރާ ކަމެއް ކަމަށެވެ.