ރޭޕް: ސީއައިއޭ އެޖެންޓު 30 އަހަރަށް ޖަލަށް

ދެކުނު އެމެރިކާގައި ސީއައިއޭގެ ޖާސޫސެއްގެ ގޮތުގައި މަސައްކަތް ކުރިދުވަސްވަރު، އެއްދޮޅަހަށް ވުރެން ގިނަ އަންހެނުންނަށް މަސްތުވާތަކެތި ދީގެން  ރޭޕްކޮށް، ޖިންސީ ގޯނާކުރި މައްސަލައިގައި އެމެރިކާގެ ޖާސޫސީ އިދާރާގެ އޮފިސަރަކު 30 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފި އެވެ. ސީއައިއޭގެ ޖާސޫސުގެ ކޮމްޕިއުޓަރުން އަންހެނުންނަށް ގޯނާކުރާ އެތައް ތަސްވީރެސް ތަހުގީގުކުރާ ފަރާތްތަކަށް ފެނިފައި ވެއެވެ.

ބްރިއަން ޖެފްރީ ރޭމަންޑް 30 އަހަރަށް ޖަލަށް ލުމަށް ޙުކުމް ކޮށްފައި ވަނީ، ވޮޝިންޓަން ޑީސީގެ ކޯޓަކުންނެވެ. އޭނާއަށް ޙުކުމް އިއްވާފައި ވަނީ އޭނާއާ ދެކޮޅަށް އިއްވާފައިވާ ދައުވާއަކަށް އިއުތިރާފުވިތާ ގާތްގަނޑަކަށް އަހަރެއްހާ ދުވަސް ފަހުންނެވެ.

ފެޑެރަލް ޕްރޮސެކިއުޓަރުންނާ އެކު ހެދި އެއްބަސްވުމެއްގެ ދަށުން ރޭމަންޑް ބުނެފައި ވަނީ ހަތަރު އަންހެނަކު ރޭޕްކުރި ކަމަށާއި، ހަ އަންހެނުންނަށް ޖިންސީ ގޯނާކޮށްފައިވާނެ ކަމަށާއި، ޖިންސީ އެދުން ފުއްދުމަށް 28 އަންހެނަކު އޭނާގެ މަޅީގައި ޖައްސާފައިވާނެ ކަމަށާއި މިއެންމެންގެ ފޮޓޯއާއި ވީޑިއޯ އޭނާ ނަގާފައިވާނެ ކަމަށެވެ.

އެމެރިކާގެ ޖާސޫސް ރޭމަންޑްގެ ޖަރީމާތައް ފެށިގެން އައީ 2006 ވަނަ އަހަރު އެވެ. އަދި 20 އަހަރު ވަންދެން އޭނާ މި ޖަރީމާތައް ހިންގަމުން ގެންދިޔަ ކަމަށްވެސް ބުނެފައި ވެއެވެ.

ޕްރޮސެކިއުޓަރުން ކޯޓުގައި ބުނެފައި ވަނީ މެކްސިކޯ، ޕެރޫ އަދި އެހެން ގައުމުތަކުގައި އޭނާ ޖާސޫސެއްގެ ގޮތުގައި ބަހައްޓާފައި ހުރިއިރު ޑޭޓިން އެޕްތައް ބޭނުންކޮށްގެން އަންހެނުން ހޯދާފައިވާނެ ކަމަށެވެ.

އެމެރިކާ ސަރުކާރުން އޭނާއަށް ކުއްޔަށް ހިފާދީފައިވާ އެޕާޓްމަންޓުގައި މި މީހުންނާ ބައްދަލުކޮށް، ޑްރަގް އަޅާފައިވާ ބުއިންތައް ދީ، ހޭނައްތައިގެން ޖިންސީ ގޯނާ ކޮށްފައިވާ ކަމަށް އެއްބަސްވެފައިވެއެވެ.

ހިއްސާ ކުރައްވާ!