އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އާއި ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް ވަޑޯދާރާގައި ހުންނަ ޓާޓާ-އެއާބަސް އެއާކްރާފްޓް އެސެމްބްލީ ފެސިލިޓީ މިއަދު އިފްތިތާހު ކޮށްދެއްވައިފި އެވެ.
މި ފެސިލިޓީގައި ސީ-295 މަތިންދާބޯޓު އުފެއްދުމަކީ، މިހާރު ނިޔާވެފައިވާ ރަޓަން ޓާޓާ ފެށްޓެވި މަސައްކަތެއް ކަމަށް މޮދީ ސިފަ ކުރައްވައި ޓާޓާގެ ހަނދާންތައް އައު ކުރެއްވިއެވެ.
ސްޕެއިންގެ ބޮޑު ވަޒީރު އިންޑިއާއަށް ވަޑައިގަތީ، ތިން ދުވަހުގެ ދަތުރުފުޅެއްގައެވެ. އޭނާ ވަޑޯދަރާއަށް ވަޑައިގެންނެވީ މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ.
މި ޕްލާންޓަކީ ޓާޓާ އެޑްވާންސްޑް ސިސްޓަމްސް އިން އެއާބަސް ސްޕެއިންއާ ގުޅިގެން ގާއިމްކޮށްފައިވާ ޕްލާންޓެކެވެ. އިންޑިއާއިން ވަނީ ސީ-295 މަރުކާގެ ބޯޓުގެ ޖުމްލަ 56 މަތިންދާބޯޓު ހޯދަން ނިންމާފައެވެ. އެއިން 16 މަތިންދާބޯޓު ސީދާ ސްޕެއިންގެ އެއާބަސް ކުންފުނިން ޑެލިވަރީ ކުރާނެއެވެ. ބާކީ އޮތް، 40 މަތިންދާބޯޓު އުފައްދަން ޖެހެނީ އިންޑިއާގެ މި މަރުކަޒުގައެވެ.
މިއީ އިންޑިއާގައި އަސްކަރީ މަތިންދާބޯޓެއް އެސެންބަލް ކުރުމަށް ގާއިމްކޮށްފައިވާ ޕްރައިވެޓް ސެކްޓަރގެ ފުރަތަމަ އެސެމްބްލީ ލައިން އެވެ.
މި ތާނގައި، މަތިންދާބޯޓު އެސެމްބްލްކުރުމާއި، ޓެސްޓްކުރުމާއި، އޭގެ ފެންވަރު ބަލާ ޓެސްޓާ ހަމައަށް، މަތިންދާބޯޓުގެ ލައިފްސައިކަލް ގެ ހުރިހައި ކަމެއް ކުރާނެއެވެ.
މި މަސައްކަތުގައި ޓާޓާއާއެކު، ބާރަތު އިލެކްޓްރޯނިކްސް ލިމިޓެޑާއި ބާރަތު ޑައިނަމިކްސް ލިމިޓެޑް ފަދަ ދިފާއީ ދާއިރާގައި އުޅޭ ސަރުކާރު ކުންފުނިތަކުންނާއި އަމިއްލަ ކުދި، އަދި މެދުފަންތީގެ ވިޔަފާރިތަކުންވެސް އުފެއްދުމުގެ އެކި މަސައްކަތުގައި ބައިވެރިވާނެއެވެ.
ސީ295 މަތިންދާބޯޓަކީ އަސްކަރީ މަތިންދާބޯޓެކެވެ. މި މަތިންދާބޯޓު އުފެއްދުމުން އިންޑިއާގެ އެއަރޮސްޕޭސް ސިނާއަތް ހަރުދަނާވެ، އަމިއްލަ ނަފްސަށް ބަރޯސާވުމަށް މަގުފަހިވާނެ ކަމަށް ބެލެވެއެވެ.
އިންޑިއާއިން 2021 ވަނަ އަހަރު އެއާބަސްއާ އެކު 56 ސީ-295 ޓްރާންސްޕޯޓް މަތިންދާބޯޓު ގަތުމަށް އެއްބަސްވުމެއްގައި ސޮއިކުރިއިރު އެއްބަސްވެފައި ވަނީ މޭކް އިންޑިއާ ޕްރޮގްރާމުގެ ދަށުން ބައެއް އިންޑިއާގައި އުފައްދާށެވެ.