ޗައިނާ ޕާކިސްތާން އިކޮނޮމިކް ކޮރިޑޯ ސީޕެކްގެ ޕްރޮޖެކްޓްތަކުގައި މަސައްކަތް ކުރާ ޗައިނާގެ މަސައްކަތްތެރިނަށް ދެމުންދާ ޓެރަރިސްޓް ހަމަލާތަކާ ގުޅިގެން ޕާކިސްތާނާއި ޗައިނާގެ ނުތަނަވަސްކަން އިތުރު ކޮށްދީފިއެވެ.
ޕާކިސްތާނުގައި ހުންނަވާ ޗައިނާގެ ސަފީރު ޖިއާންގް ޒައިޑޮންގް ދާދިފަހުން ދެއްކެވި ވާހަކަފުޅުތަކުގައި ވިދާޅުވީ، ސީޕެކްގެ މަޝްރޫއުތަކުގައި މަސައްކަތްކުރާ ޗައިނާގެ ރައްޔިތުންނަށް ސަލާމަތީ ކަންބޮޑުވުންތައް އިތުރުވަމުންދާ މައްސަލައަކީ، ދެގައުމަށް އެއިން ނުތަނަވަސްކަން ކުރިމަތިވާ ކަމެއް ކަމަށެވެ.
ސަފީރު ޖިއާންގް ވަނީ ސަލާމަތީ ފިޔަވަޅުތައް ހަރުކަށި ކުރުމަށް ޕާކިސްތާން ސަރުކާރަށް ގޮވާލައްވާފައެވެ. އެކަމާ ގުޅިގެން ޕާކިސްތާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު މުމްތާޒް ޒަހުރާ ބަލޫޗް ވަނީ ސަފީރުގެ ބަޔާނަކީ، ޕާކިސްތާނާއި ޗައިނާގެ ދެމެދު އޮންނަ ޕޮޒިޓިވް ޑިޕްލޮމެޓިކް އެންގޭޖްމަންޓާ ފުށުއަރާ ބަޔާނެއް ކަމުގައި ވިދާޅުވެ ހައިރާންކަން ފާޅުކުރައްވާފަ އެވެ.
މި ނުތަނަވަސްކަން އުފެދިފައިވަނީ ޕާކިސްތާނުގައި ޗައިނާގެ މަސައްކަތްތެރިންނަށް އަމާޒުކޮށްގެން އެތައް ހަމަލާތަކެއް ދިނުމާ ގުޅިގެންނެވެ. މިދިޔަ މަހު ކަރާޗީގެ އެއާޕޯޓް ކައިރީގައި ބަލޫޗިސްތާން ލިބަރޭޝަން އާމީ (ބީއެލްއޭ) އަށް ނިސްބަތްވާ ބަޔަކު ދިން ޓެރަރިސްޓް ޖާނު ގޮއްވާލުމުގެ ހަމަލާގައި ޗައިނާގެ ދެ ރައްޔިތެއް މަރުވެ ދިހަ މީހަކު ޒަހަމްވެފައިވެ އެވެ.
މި އަހަރުގެ ކުރީކޮޅު ތަހްރީކޭ ތާލިބާން ޕާކިސްތާން (ޓީޓީޕީ) ނުވަތަ އިސްލާމިކް ސްޓޭޓް ޚުރާސާން (އައިއެސް-ކޭ) އާއި ގުޅުން ހުރި ޓެރަރިސްޓުންތަކެއް ވަނީ ބެޝާމްގައި ޗައިނާގެ ފަސް ރައްޔިތެއް މަރާލާފަ އެވެ.
މި ހާދިސާތަކުގެ ސަބަބުން ބެއިޖިންގެ ބިރުވެރިކަން ބޮޑުވެފައިވެއެވެ. އަދި ޗައިނާއިން ގައުމުން ބޭރުގައި މަސައްކަތް ކުރާ ރައްޔިތުންގެ ސަލާމަތަކީ، ބެއިޖިންގ އިން އެންމެ އިސްކަމެއްދޭ ކަމެއްގެ ގޮތުގައި ފާހަގަ ކޮށްފައިވާ މަސައްކަތެކެވެ.
ދެ ޤައުމުގެ ގުޅުމަށް އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ހަރަކާތެއްގައި ސަފީރު ޖިއާންގް ވަނީ ޗައިނާ މީހުންނަށް ދޭ ހަމަލާތައް “ގަބޫލު ނުކުރެވޭ” ކަމަށް ވިދާޅުވެފައެވެ.
ޕާކިސްތާންގައި ޗައިޏާ ރައްޔިތުންގެ ސަލާމަތީ މައްސަލައަކީ ރައީސް އާސިފް އަލީ ޒަރުދާރީ ޗައިނާއަށް ކުރައްވާ ދަތުރުފުޅުގައި މުހިންމު ބަހުސަކަށް ވާނެ މައްސަލައެއް ކަމަށް ބެލެވެއެވެ.
ޗައިނާގެ ރައްޔިތުންނަށް ރައްކާތެރިކަން ޔަގީން ކުރުމަށް އަޅާ ފިޔަވަޅުތައް ހަރުދަނާ ކުރާނެ ކަމަށް ޕާކިސްތާނުން ވައުދުވާ ކަމަށް، ފޮރިން މިނިސްޓަރު އިސްހާގު ދާރު ވަނީ ވިދާޅުވެފައެވެ. އަދި ސަލާމަތީ ފިޔަވަޅުތައް އިތުރުކުރުމާ ބެހޭ މަޝްވަރާތައް މަތީ ފެންވަރުގައި ކުރިއަށްދާނެ ކަމަށް ވެސް ޕާކިސްތާނުން ބުނެއެވެ.