އީރާނުގެ ޚުއްރަމްޝެހެރް މިސައިލަކީ އީރާނުގެ ހަތިޔާރު ގުދަނުގައި ހިމެނޭ އެންމެ ދުރުރާސްތާއަށް ދަތުރުކުރާ ބެލެސްޓިކް މިސައިލެވެ. މި އީ ޓެސްޓުކޮށް ޚިދުމަތުގައި ބޭނުން ކުރުމަށް ނެރެފައިވާ މިސައިލެކެވެ.
ޚުއްރަމްޝެހެރްގެ 1 އަދި 2 އަދި 4 އަކީ، ދޮޅުހާސް ކިލޯގެ ގޮވާތަކެއްޗާއެކު ފޯޅަވައްސަށް ފޯރާވަރުގެ މިސައިލެކެވެ.
ފޯޅަވައްސާ ހަމައަށް ފޯރާވަރުގެ ޚުއްރަމްޝެހެރް މިސައިލް ޓެސްޓުކޮށް ޚިދުމަތަށް ނެރެފައިވާ ކަމަށް އީރާނުން އެންމެ ފުރަތަމަ އިއުލާން ކުރީ 2015 ވަނަ އަހަރުއެވެ. 2015 ވަނަ އަހަރަށް ފަހު އީރާނުން ވަނީ މިސައިލް އުފެއްދުމުގައި އިތުރު ކުރިއެރުންތަކެއްވެސް ހޯދާފައެވެ.
މެދުއިރުމަތީގައި އެންމެ ބޮޑު އަދި އެންމެ ގިނައިން ތަފާތު ވައްތަރުގެ މިސައިލް ގެންގުޅެނީ އީރާނުންނެވެ. އެތައް ހާސް ބެލިސްޓިކް އަދި ކްރޫޒް މިސައިލްތަކެއް އީރާނުގެ ހަތިޔަރު ގުދަނުގައި ހުރިއިރު، ބައެއް މިސައިލްތަކަކީ ފަސޭހައިން މެދުއިރުމަތީގެ ކޮންމެ ހިސާބަކަށާއި އިޒްރޭލަށް ފޯރާވަރުގެ މިސައިލްތަކެކެވެ. އަދި ބައެއް މިސައިލްތަކަކީ ދެކުނު ޔޫރަޕަށްވެސް ފޯރާވަރުގެ މިސައިލްތަކެކެވެ.
އީރާނުގެ އިންވެންޓްރީގައި 3 ހާސް މިސައިލް ހުރިކަމަށް ލަފާ ކުރެވެއެވެ. ނަމަވެސް އީރާނުގައި ބިމު އަޑީގައި ހަދާފައިވާ އެތައް މަރުކަޒެއްގައި ފޮރުވާފައި ހުރީ ކިތައް މިސައިލެއް ކަމެއް ނޭނގެއެވެ.
އީރާނުގެ އެންމެ ނުރައްކާތެރި މސައިލްތަކަކީ ޚުއްރަމްޝެހެރް މިސައިލްއާއި އިމާދުއާއި ސަފީރުއާއި ސިމޯޣް، ޤާސިދު، ޒުލްޖިނާހް އަދި ޣާނިމް 100 އެވެ. މި ހުރިހައި މިސައިލަކީވެސް ސެޓެލައިޓް ފޮނުވުމަށް ބޭނުން ކުރާ މިސައިލްތަކެވެ. ނަމަވެސް ބޭނުން ޖެހިއްޖެނަމަ ބެލެސްޓިކް މިސައިލްގެ ގޮތުގައި ބޭނުން ކުރުމަށް ބަދަލު ގެނެވޭނެއެވެ.
ސިމޯޣް، ޤާސިދު، ޒުލްޖިނާހް އަދި ޣާނިމް 100އަކީ، 4 ހާހުން ފެށިގެން 6 ހާސް ކިލޯމީޓަރުގެ ރާސްތާއަކަށް ދަތުރު ކުރެވޭ ވަރުގެ މިސައިލްތަކެކެވެ.
އީރާނާއި ފޯޅަވައްސާ ދޭތެރޭގައި 3900 ކިލޯމީޓަރު ހުންނައިރު، މިއިން ކޮންމެ މިސައިލެއްވެސް ފަސޭހަކަމާއެކު އެހިސާބަށް ފޯރާނެއެވެ.
އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާއެކުވެސް އީރާނުން ވަނީ ޓެކްނޮލޮޖީގެ ތައުލީމަށާއި އުފެއްދުންތެރިކަމަށް އިންވެސްޓުކޮށްފައެވެ. ފާއިތުވި ދިހަ އަހަރު ތެރޭގައި އީރާނުން ވަނީ މިސައިލްތައް އުފައްދައި އެ މިސައިލްތައް ޓެސްޓުކޮށް، އޭގެ އުދުހުމާއި އަމާޒަށް ވާސިލު ކުރުމުގައި ބޮޑެތި ކާމިޔާބީތަކެއް ހާސިލުކޮށްފައެވެ. އީރާނުގެ މިސައިލް ބާރުތަކަކީ އީރާނުގެ ގައުމީ ދިފާއީ ހައިސިއްޔަތާއި ބާރު ދެއްކުމަށް ވަސީލަތެކެވެ. އަދި ދުނިޔޭގެ ގައުމުތަކުން ބަލައިގަންނަ އުފެއްދުން ތެރި ބާރެކެވެ.
އީރާނަކީ، އެމެރިކާއާއި އެމެރިކާއިން ފައިސާދީގެން މެދުއިރުމަތީގައި ނުލަފާ އަރުވަން ގެންގުޅޭ ޔަހޫދީ ޒަޔނިސްޓު ބާރަށާއި އެހެން ގޮނޑިކޮއްކޮއިންނަށް ނުރައްކަލަކަށް ވެފައިވާ ބާރެކެވެ.
އީރާނުން އެމެރިކާއަށް ޙަމަލަ ދޭނެ ވަރުގެ މިސައިލެއްގެ ވާހަކަ ނުވަތަ ހަތިޔާރެއްގެ ވާހަކަ މިއަދާހަމައަށް ހާމަކޮށްފައެއް ނުވެއެވެ. ސަބަބަކީ ބޮޑު ބަސްބުނެ ފޮނި ކަނޑައި ބާރުދެއްކުމަކީ ސިޔާސަތެއްގެ ގޮތުގައި އީރާނުން ކުރާ ކަމެއް ނޫނެވެ.
ނަމަވެސް އީރާނުގެ ބެލެސްޓިކު މިސައިލްގެ ޕްރޮގްރާމަކީ ސިއްރެއް ނޫނެވެ. އަދި އީރާނުގެ ހަތިޔާރުގައި ހުރި ތަކެއްޗާއި ވަސީލަތަކީވެސް ސިއްރެކެވެ. އަދި އެންމެ ބޭނުން ޖެހޭ ވަގުތުވެސް އެންމެ ފަހު ވަގުތަށް އީރާނުން ވަނީ ގައުމީ ދިފާއަށް ބަރު ހަތިޔާރު ބޭނުން ނުކޮށް ކެތްކޮށްފައެވެ.





