ނޭނގި ތިއްބައި މުހިންމު ދުވަހެއް ފާއިތުވެގެން ހިނގައްޖެއެވެ. މަރުހޫމް މަޑުލު ވަޙީދު އަވަހާރަވިތާ 9 ދުވަސް ފަހުން ލައިގަތީ، ދުނިޔޭގެ ފޮތް ކިޔުމާއި ފިކުރީ މިނިވަންކަމުގެ ދުވަހެވެ. ތިމާވެށްޓާއި ރަށްޓެހިކޮށް އުޅުނު ޒާމާނެއްގައި ހަނޑޫ، ހަކުރު އަދި ފުށް އެޅުމަށް ކަރުދާސް ގޮށި ބޭނުން ކުރި އިރު ދިވެހިންނަކީ މިހާރަށް ވުރެން ޗާޕު ކަރުދާހާއި، ފޮތާއި ރަޙުމަތްތެރި ބަޔެއް ކަން ޔަގީނެވެ.
ދުނިޔޭގައި، މިހާރުވެސް ކޮންމެވެސް ބަޔަކު ފޮތް ކިޔައި އުޅޭތީވެ، އަހަރަކު އެއްފަހަރު އޭޕްރީލް މަހުގެ 23 ވަނަ ދުވަސް ޔުނެސްކޯއިން ދުނިޔޭގެ ފޮތާއި ކޮޕީރައިޓް ދުވަހުގެ ގޮތުގައި ދުވަހެއް ފާހަގަ ކުރެއެވެ. ފިކުރީ އުފެއްދުންތެރިކަމާއި ޚިޔާލާތު މުއްސަނދި ކުރުމަށާއި އަދަބިއްޔާތުގެ ދައުރު، ޖަމާއަތުގައި އިތުރު ކުރުމުގެ މަގްސަދުގައި މި ދުވަސް ފާހަގަ ކުރެވެމުން ދެއެވެ.
މިއަހަރު ފާހަގަ ކުރި ފޮތުގެ ދުވަހުގެ ޝިއާރަކީ، "ފޮތް ކިޔަމުން ކުރިއަށް ދާށެވެ!" ކޮންމެ ފަދަ ވަސީލަތެއް ބޭނުންކޮށްގެން ވިއަސް ފޮތް ކިޔުމަށް ހިތްވަރު ދީފައި ވެއެވެ.
މިއަހަރަށް، ދުނިޔޭގެ ފޮތުގެ ވެރިރަށުގެ ގޮތުގައި ޔުނެސްކޯއިން އިޚުތިޔާރު ކުރީ ބްރެޒިލްގެ ރިއޯ ޑި ޖެނީރޯ އެވެ. އެސިޓީ އިޚުތިޔާރު ކުރީ، މުއްސަނދި އަދަބީ ތަރިކައާއި އަދަބިއްޔާތާއި ދެމެހެއްޓެނިވި ގޮތަކަށް އަދިވެސް ފޮތްތައް ޝާއިއުކުރަމުން ދިއުމާއި، ޒުވާނުންގެ ލިޔަންކިޔަން ދަތުން ކުރިއެރުވުމަށް ހަރުދަނާ ޕްލޭނެއް އެކުލަވާލާފައި އޮތުމުގެ ސަބަބުންނެވެ.

ރިއޯ ޑި ޖެނީރޯ އިން ވަނީ އެސިޓީގެ ބިއެނަލް ޑޯ ލިވްރޯ ޕާކަކީ ފޮތް ޕާކަކަށް ހެދުމަށް ނިންމާފައެވެ. ޔައުނީ، އެ ޕާކުގައި ފޮތް ކިޔާލެވޭ ގޮތަށް ތަންތަން ޚާއްސަ ކޮށްފައި ހުރުމާއި އަދަބީ ސަގާފީ ހަރަކާތްތައް ބޭއްވުމަށް ޖަގަހަ ޚާއްސަކޮށްފައި ވުމާއި މީހުންނަށް ފޮތާއި ގުޅިގެން ވާހަކަ ދެއްކޭފަދަ ތަންތަން ޕާކުގައި ހަދާފައި ހުންނާނެއެވެ.
ބްރެޒިލްގެ އބާދީގެ ތޭވަންނަ އިންސައްތަ މީހުންނަކީ ފޮތް ކިޔައި އުޅޭ ބަޔެއް ނޫނެވެ. ނަމަވެސް މި ހަރަކާތުގެ މަގްސަދަކީ މީހުން ފޮތް ކިޔުމާއި ޗާޕު ދެއްޔަށް ހިތް ޖެއްސުމެވެ.
ރަސްމީ ތަފާސްހިސާބުން 98 އިންސައްތައަށް ލިޔަންކިޔަން ދަންނަ މީހުން އުޅޭ އަދި ސައްތައިންސައްތަ ސިޔާސީ މުފައްކިރުން އުޅޭ މި ޤައުމަށްވެސް ފޮތްތެރިކަމުގެ ސަގާފީ އިންގިލާބެއް ވަނީ ބޭނުން ވެފައެވެ.
އަހުރެމެންގެ މިހާރުގެ ހާލަތު އެންމެ ފުރިހަމައަށް ބަޔާން ކޮށްދީފައި ވަނީ، ނޯބެލްގެ އިނާމު ހާސިލުކުރި އިކޮނޮމިސްޓެއްކަމަށްވާ ހަރބަރޓް ސައިމަން އެވެ. 1971 ވަނަ އަހަރު އޭނާ ބުނެފައި ވަނީ، މަޢުލޫމާތު ތިޔާގި ޒަމާނެއް އަންނާނެ ކަމަށެވެ. އެޒަމާނުގައި މައުލޫމާތު ބޭނުން ކުރާ މިންވަރު އިތުރު ވުމުން އެހެން އެއްޗެއް ތަދު އެއްޗަކަށް ވެގެން ދާނެއެވެ. އެއެއްޗަކީ، މީހާގެ ސަމާލުކަމެވެ. ސައިމަން ވަނީ އެފަދަ ޒަމާނެއްގައި މަޢުލޫމާތުގައި މީހާ ޣަރަގު ވެގެންދާއިރު ސަމާލުކަން ދިނުމަކީ އޭނާއަށް އުގަންނައި ދޭން ޖެހޭނެ ކަމެއް ކަމަށް ބުނެފައެވެ.
މީސްމީޑިއާގެ މިޒަމާނުގައި ކޮންމެ މީހަކުވެސް މިވަނީ އިނގިލި ކުރީގައި އެނބުރޭ މައުލޫމާތަށް ޣަރަގު ވެފައެވެ. އެކަމަކު އެ މައުލޫމާތު އުފެއްދުންތެރި ގޮތުގައި ބޭނުން ކުރުމަށް ސަމާލުކަމެއް ނުދެވެއެވެ.
ޤައުމީ ފެންވަރުގައި ސިޔާސީ މަސައްކަތާ އެއްވަރަކަށް އަދަބިއްޔާތާއި ފިކުރީ އުފެއްދުމަށްވެސް ޖާގަ ދޭން އެބަ ޖެހެއެވެ. ފިނި ކޮޓަރިން ބޭރުގައި، އަދަބިއްޔާތަށް ޖާގަ ނުދެވިއްޖެނަމަ، ފިކުރީ ގޮތުން ދިވެހި އިންސާނާ މުސްތަގްބަލަށް ތަރުބިއްޔަތު ކުރުމުގެ ފުރުސަތު ގެއްލިގެން ހިނަގއި ދާނެއެވެ.
ލައިބްރަރީތަކާއި ފޮތްތެރިކަމާއި ފޮތް ކިޔުމަށް ހިތްވަރު ދިނުމަށް ގައުމީ މަޝްރޫއެއް ބޭނުން ވެއެވެ. ލައިބްރަރީ އަކީ، ކޮންމެހެން އިމާރާތެއް ނޫނެވެ. ކަންމަތީ ދުއްކާނަކީވެސް ލައިބްރަރީއެއް ކަމުގައި ހެދިދާނެއެވެ. އަދި ފޮތް ގާޑިއާކީވެސް ލައިބްރީއެއް ކަމުގައިވެސް ބެލެވިދާނެއެވެ.
މަގްސަދަކީ ފިކުރީ މުއްސަނދިކަމެއް ތައާރަފް ކޮށް، ފޮތާއި ބަގުޑި ބައްދާ މުޖުތަމައެއްގެ ގޮތުގައި މި މުޖުތައު ރިސެޓް ކޮށްލުމެކެވެ. ޑްރަގާއި ހަވާނަފްސުން ދުރަށް ޖެހިލުމަށް މިވެރިންގެ ސިކުނޑި ހާނާލުމެވެ.








