ޑޮނަލްޑް ޓްރަމްޕް، ފެށޭ ހަފްތާއަށް ޣައްޒާއާ ބެހޭ އައު ޕްލޭނެއް އިޢުލާންކުރުމަށް ވިސްނަމުންދާކަމަށް އިޒްރޭލުގެ މީޑިއާއިން ރިޕޯޓުކޮށްފައިވެއެވެ. ޢިބްރީ ނޫސް އިޒްރޭލް ހަޔޯމްއިން ބުނަނީ، އެމެރިކާ އަދި އިޒްރޭލުގެ އޮފިޝަލުންނާއި ޢަރަބި ޑިޕްލޮމެޓިކް މަޞްދަރުތަކުން އެނގޭ ގޮތުގައި އިޒްރޭލުން ޣައްޒާގައި ކުރަމުންދާ 18 މަސްދުވަހުގެ ހަނގުރާމަ ނިންމާލައި އެ ސަރަޙައްދުގައި އައު ސިޔާސީ އަދި ސަލާމަތީ އިންތިޒާމުތަކެއް ހަމަޖެއްސުމަށް އެމެރިކާއިން ބޭނުންވާ ކަމަށެވެ.
އެމެރިކާގެ އޮފިޝަލުން ބުނަނީ، މި ޕްލޭން އެކުލަވާލެވެމުންދަނީ ވައިޓްހައުސްގެ ސީދާ ތާއީދާއެކު އަދި އިޒްރޭލުގެ ބައެއް އެއްބާރުލުމާ އެކުގައެވެ. ނަމަވެސް އިޒްރޭލު ސަރުކާރުން ބޭނުންވާ ހުރިހައި ގޮތެއް މި ޕްލޭންގައި ހިމަނާފައި ނުވާ ކަމަށް ބުނެއެވެ.
މި ޕްލޭން ފައިނަލް ވެއްޖެނަމަ އިޒްރޭލުގެ ނަތަންޔާހޫ އެކަހެރި ކޮށްލެވޭނެއެވެ. އަދި ޣައްޒާ ހިންގުމުގައި ހަމާސްއަށް ދައުރެއް ދެވޭނެ އެވެ. އަދި ހަމާސްގެ ލީޑަރުންނަށް ބޮމުގެ ހަމަލަ ދިނުން ހުއްޓާލުމަށް އެމެރިކާއިން އަންގާނެއެވެ.
ވައިޓް ހައުސްއިން ބުނަނީ ޓްރަމްޕް ބޭނުން ވަނީ ނަތީޖާ ކަމަށެވެ. އަދި އެކަން އަވަހަށް އޭނާ ބޭނުންވާ ކަމަށެވެ.
ޓްރަމްޕް ނެތަންޔާހޫ ދެކެ 'ރުޅިއައިސްފައި' ހުރިކަމަށް ވެސް މީޑިއާއިން ލަފާ ކުރެއެވެ. ނަމަވެސް ވައިޓްހައުސްއިން އެއްވެސް ރަސްމީ ބަހެއް އެކަމަށް ބުނެފައެއް ނުވެއެވެ. އެހެންނަމަވެސް، އިޒްރޭލުން އެމެރިކާއާ މެދު ގެންގުޅޭ "ބޮޑާ" އަދި އޮޅުވާލާ އުސޫލާމެދު ޓްރަމްޕް ރުޅިއައިސްފައިވާ ކަމަށާއި މިހާރު ނެތަންޔާހޫއާ ގުޅުން ކަނޑާލާފައިވާކަމަށް ގިނަ ފަރާތްތަކުން ބުނެފައިވެއެވެ.
އިޒްރޭލުގެ އާމީ ރޭޑިއޯއިން ނަން ހާމަނުކުރާ އިޒްރޭލުގެ އިސް އޮފިޝަލަކާ ދީ ޙަވާލާ ދީ ބުނެފައި ވަނީ އެމެރިކާއިން އެދޭ ކަންތައްތަކުގައި ނަތަންޔާހޫގެ ފަރާތުން އެހީތެރިކަމެއް ލިބިފައި ނުވާތީ ޝަކުވާ ބޮޑު ވެފައިވާ ކަމަށެވެ.
ޓްރަމްޕްގެ ގާތް މީހުން ބުނަނީ ނެތަންޔާހޫ ޓްރަމްޕް މެނިޕިއުލޭޓް ކުރަމުންދާ ކަމަށެވެ. އަދި ޓްރަމްޕް އެންމެ ނަފްރަތުކުރާ އެއްކަމަކީ އޭނާއަށް އޮޅުވާލައި މެނިޕިއުލޭޓް ކުރުން ކަމަށްވެސް އޭނާގެ ގާތް ފަރާތްތަކުން މީޑިއާއަށް ކިޔައިދީފައި ވެއެވެ. އަދި މި ވަގުތަށް އޮތް ހާލަތަކީ ނަތަންޔާހޫއާ ގުޅުން ކަނޑާލުން ކަމަށްވެސް އެފަރާތްތަކުން ބުނެއެވެ.





