ކެލިފޯނިއާގެ ލޮސް ގޭޓޯސްގައި ހުޅުވާފައިވާ ބަރގަރ ރެސްޓޯރެންޓްގައި ހުރިހައި ކަމެއްގައި އުޅެނީ ރޮބޮޓުންނެވެ. މި ތަނުގެ ނަމަކީ، ބާގަރބޮޓްސް އެވެ. އަވަސް ޚިދުމަތާއި ތުނޑު ހެޔޮވަރުކޮށް ކަންކަން ކުރުމަށް ތައްޔާރުކޮށްފައިވާ ރޮބޮޓު ބޭނުން ކޮށްގެން މި ރެސްޓޯރެންޓުން ވަނީ ފާސްޓްފުޑްގެ ވިޔަފާރިއަށް އިންގިލާބެއް ގެނަސްފައެވެ.
ބާގަރބޮޓްސްގެ ފުރަތަމަ ފިހާރަ ރަސްމީކޮށް ހުޅުވާފައިވަނީ ކެލިފޯނިއާގެ ލޮސް ގޭޓޯސްގައި މިދިޔަ މަހުއެވެ.
މި އޮޓޮމެޓިކް ރެސްޓޯރެންޓުން އެންމެ 27 ސިކުންތުގެ ތެރޭގައި އޯޑަރުކޮށް ބަރގާއެއް ލިބޭނެ އެވެ.
މި ރެސްޓޯރެންޓަކީ، ވިޔަފާރިވެރިޔާ އެލިޒަބަތު ޓްރޫއޮންގް އާއި ރޮބޮޓުންގެ ވިޔަފާރީގައި އުޅޭ އޭބީބީ ރޮބޮޓިކްސް ކުންފުންޏާ ގުޅިގެން ތަރައްގީކޮށްފައިވާ ރެސްޓޯރެންޓެކެވެ. މި ތާނގައި ބޭނުންކޮށްފައިވާ ރޮބޮޓްތައް އުފައްދާފައި ވަނީ އެހެން ދެ ކުންފުންޏެއް ބައިވެރިވެގެންނެވެ.
މި ރެސްޓޯރެންޓްގައި ބަސްނަސް ނަގާ ހިސާބުން ފެށިގެން ބަރގާ އެއްކޮށް ތައްޔާރުކޮށް ނިންމާލާނީ ރޮބޮޓެވެ. އެކުންފުނިން ބުނަނީ، މި ސެޓަޕްގެ ސަބަބުން ވަގުތުން އިންވެންޓްރީ ބަލާލެވި، އިސްރާފު މަދުކޮށް، ޚަރަދުތައް ކުޑަކޮށް ޚިދުމަތް ދެވޭ ކަމަށެވެ.
މިތަނުން ވިއްކާ ބާރގާއެއްގެ އަގަކީ 18 ޑޮލަރެވެ.
މި ކުންފުންޏަށް ރޮބޮޓްތައް އުފައްދައި ދިން މީހުން ބުނާ ގޮތުގައި ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި ރޮބޮޓުތައް ބޭނުންކޮށްގެން ރެސްޓޯރެންޓްއް އޮޓޮމޭޓު ކުރާތަން ފެނިގެން ދާނެއެވެ.
މި ރެސްޓޯރެންޓުގެ ރޮބޮޓުން ތައްޔާރު ކުރާ ބާރގާތަކަކީ އެއްވައްތަރެއްގެ ބާރގަރތަކެއް ނޫނެވެ. އޭގެ ތެރޭގައި ވެޖެޓޭރިއަނުންނަށް ޚާއްސަ ވީގަން ބަރގާއާއި، އަދި ގްލޫޓެން ފްރީ ކޮށް ބޭނުންވާ މީހުންނަށް ޚާއްސަ ބަރގާތައްވެސް އޮޅުމަކާ ނުލައި އުފައްދައި ކަސްޓަމަރާ ހަމައަށް ގެނަސް ދެއެވެ.




