މަސްތުވާތަކެތި ރާއްޖެއިން އަތުލައިގަންނަ މިންވަރު އިތުރުވެއްޖެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ. އަހާ ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ މިހާރު އަތުލައިގަންނަ މަސްތުވާތަކެތީގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ.
މިނިސްޓަރު އިހްސާން ވިދާޅުވީ ފިލާތިބެ ޑްރަގު ވިޔަފާރިކުރާ މީހުން ހުއްޓުވުމަށް މަސައްކަތްކުރާނެ ކަމަށެވެ. މިގޮތުން ސީ ކާގޯ ކޮންޓެއިނަރު ސްކޭން ކުރެވޭނެ ސްކޭނަރެއް ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށާއި، އެ ސްކޭނަރު ގެނެވުމުން ކަނޑުމަގުން އެތެރެކުރާ މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރެވިގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ.
"މަސްތުވާތަކެތީގެ ވިޔަފާރި ކުރީގެ ފިލައިގެން އެކި ނަންނަމުގައި ފިލާތިބެގެން. މަސްތުވާތަކެތީގެ ވިޔަފާރިކުރަމުން އަންނަ މީހުންނަށް މިކަން ދެނެއް ނުކުރެވޭނެ ރާއްޖެއަކު. އެހެންވީމާ އެމީހުން ފަހާ އަޅުގަނޑުމެން ދުވާނީ" މިނިސްޓަރު ވިދާޅުވިއެވެ.
ވަޒީރު ހާމަކުރެއްވި ގޮތުގައި މިހާރު މަސްތުވާތަކެތި ހުއްޓުވުމަށް ފޯކަސްކޮށްގެން މަސައްކަތް ކުރަނީ މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުން ހުއްޓުވުމަށެވެ. އެހެނީ މަސްތުވާތަކެތި އެތެރެކުރާ މީހުން އެ ތަކެތި ވިއްކަނީ އެހެން ބަޔަކު ލައްވާ ކަމަށް ފާހަގަކުރެއްވިއެވެ.
މިނިސްޓަރު އިހްސާން އިތުރަށް ވިދާޅުވީ މިހާރު މަސައްކަތް ކުރަމުންދަނީ މަސްތުވާތަކެތީގެ މުގުލުގައި ތިބޭ މީހުންނާއި އަތޮޅުތެރޭގައި ވިއުގަތައް ހިންގާ މީހުން ހޯދުމަށް ކަމަށެވެ. މިކަމަށްޓަކައި ޚާއްސަ އޮޕަރޭޝަންތަކެއް ކުރިއަށް ގެންދާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.





