ހެންވޭރު ގެއެއްގެ ފުރާޅު މައްޗަށް ޔުމްނު ރަޝީދު ވެއްޓުނު ހާދިސާގެ ތަހުގީގުގައި ފުލުހުން އަމަލުކުރި ގޮތުގައި މިހާތަނަށް އެއްވެސް ގޯހެއް ފާހަގަވެފައި ނުވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ފަތިހު ހިނގި މި ހާދިސާއާ ގުޅޭގޮތުން "އަހާ" ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އިހުސާން ވިދާޅުވީ، މި މައްސަލައިގެ ތަހުގީގު އަދިވެސް ފުލުހުންގެ އިދާރާއިން ކުރިއަށް ގެންދާ ކަމަށެވެ. އަދި މި ހާދިސާއާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ފުރަތަމަ ދެކެވުނު ވާހަކަތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ.
"ހާދިސާގެ ހަގީގަތަށް ވާސިލުވުމަށް ފުލުހުން ކުރި މަސައްކަތުން އަވަހަށް މައުލޫމާތު އާންމުކުރި. އަދި މި މައްސަލާގައި ފުލުހުން އަމަލު ކުރަމުން ގެންދަނީ މިންގަނޑުތަކާއި އެއްގޮތަށް،" މިނިސްޓަރު އިހުސާން ވިދާޅުވިއެވެ.
މި މައްސަލައިގައި އިހުސާން އިސްތިއުފާ ދެއްވަން ޖެހޭ ކަމަށް ބައެއް ފަރާތްތަކުން ގޮވާލަމުންދާ ގޮވާލުންތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން، މައްސަލައިގައި ފުލުހުން އަމަލުކުރި ގޮތް ގޯސްވެ، ފުލުހުންގެ މައްސަލައެއް ފާހަގަވެއްޖެ ހާލަތެއްގައި ފިޔަވަޅު ނާޅައި ދޫކޮށްލައިފިނަމަ އިސްތިއުފާ ދެއްވަން ޖެހޭނެ ކަމަށް ވިދާޅުވިއެވެ. ނަމަވެސް މިހާތަނަށް އެފަދަ ހާލަތެއް އަދި މެދުވެރިވެފައި ނުވާ ކަމަށް ވިދާޅުވިއެވެ.
"އަދި އަދަށް ދާންދެން އަޅުގަނޑާއި ހިސާބަކަށް ފުލުހުން މި މައްސަލައިގައި އަމަލުކުރި ގޮތުގެ އެއްވެސް ގޯހެއް އަދިއެއް … ފާހަގަވެފައެއް ނެތް،" މިނިސްޓަރު އިހުސާން ވިދާޅުވިއެވެ.






