އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން އަޒުލު ކުރުމަށް ޑިމޮކްރެޓިކް ޕާޓީގެ އިންޑިއާ ދަރިކޮޅުގެ މިޗިގަންގެ މެމްބަރު ޝްރީ ތާނޭދާރު ކޮންގްރެސްއަށް މައްސަލައެއް ވައްދައިފިއެވެ. ޓްރަމްޕް ބުނެފައި ވަނީ އެމީހާއަކީ އެއްވެސް މީހަކު ނުދަންނަ، ބޯ ހަމަނުޖެހޭ ސޮރެއް ކަމަށެވެ. އަދި ޑިމޮކްރެޓިކް ޕާޓީގެ ލީޑަރުން ވަނީ އެ ބިލާ ފެއަށް ޖެހިފައެވެ. އޭނާއަށް ބިލު ވެއްދުމަށް ސޮއިކުރި ހަޔަރު މީހުންގެ ތެރޭން 3 މީހުން ވަނީ އެމީހުންގެ ސޮއި އަނބުރާ ގެންގޮސްފައެވެ.
ކޮންގްރެސްގެ މެމްބަރުން ތާނޭދާރަށް ފާޑު ކިޔަމުން ބުނެފައި ވަނީ މިއީ ބޮޑު ވާންވެގެން އޭނާ އަމިއްލަ ފައިދާއަށް ކުރާ ކަމެއް ކަމަށެވެ. އޭނާއަށް ބައި އިލެކްޝަންގައި ވާދަވެރިއަކާ ކުރިމަތިލާން ޖެހިފައި ވެއެވެ. އެމީހާއަކީ ކޮންގްރެސްގެ ފަލަސްޠީނު ދަރިކޮޅުގެ މެމްބަރު ރަޝީދާ ޠުލައިބް ސަޕޯޓު ކޮށްގެން ނިކުންނަ ކެންޑިޑޭޓެކެވެ.
ތާނޭދާރު ބުނެފައި ވަނީ އޭނާއަކީވެސް ހިޖުރަވެރިއެއްކަމުން ޓްރަމްޕް ގާނޫނުއަސާސިއާ ޚީލާފްވުމާއި ކޮރަޕްޝަންގެ އަމަލުތައް ހިންގުމައި، ޤަތަރުން ހިލޭ މަތިންދާ ބޯޓެއް ހޯދުމާއި، ސަރުކާރުގެ މަސައްކަތް ކުޑަކުރުމަށް ޑޮޖް ޑިޕާޓްމެންޓު ހެދުމާއި މުހާޖިރުން ގައުމަށް ބޭރަށް ލުން ފަދަ އމަލުތަކުން ޓްރަމްޕް މިހާރު އަޒުލު ކުރަން ޖެހިފައިވާ ކަމަށެވެ.
ތާނޭދާރުގެ ހުށަހެޅުމަށް އެއްވެސް ޕާޓީއަކުން ސަޕޯޓު ލިބިފައި ނުވާތީ މިއީ ބޭކާރު ކަމެއް ކަމަށް ބެލެވެއެވެ. ކޮންގްރސްގެ މެމްބަރން ބުނަނީ މިއީ އެމީހުންގެ ވަގުތު ބޭކާރު ކުރުމަށް ވައްދާފައިވާ މައްސަލައެއް ކަމަށެވެ.






