އެމެރިކާގެ ޔަހޫދީންގެ ދެބައިކުޅަ އެއްބައި މީހުން ދެކެނީ ރައީސް ޑޮނަލްޑް ޓްރަމްޕަކީ ޔަހޫދީންނާ ދެކޮޅު މީހެއްގެ ގޮތުގައެވެ. އަދި އެމެރިކާގެ ޔަހޫދީންގެ ތެރޭން ނަތަންޔާހުއަށް ފާޑު ކިޔާ މީހުންވެސް އިތުރުވެފައި ވެއެވެ.
ޚިޔާލު ހޯދުމުން ދައްކާ ގޮތުގައި ނަތަންޔާހޫއާ ހެދި އިޒްރޭލާ މެދު ހަމްދަރްދީވާ މީހުންގެ އަދަދު ދަނީ މަދުވަމުންނެވެ.
މި ޚިޔާލުހޯދުމަކީ އެފަދަ މަސައްކަތް ކޮށްދޭ ކުންފުންޏެއް ކަމަށްވާ ޖީބީއޭއޯ ސްޓްރެޓެޖީސް އިން އެމެރިކާގައި ވޯޓުލާން ރަޖިސްޓްރީ ކޮށްފައިވާ ޔަހޫދީންގެ މީހުން ހިމަނައިގެން ކުރި ސާވޭ އެކެވެ.
އެއިން ދައްކާ ގޮތުގައި %52 މީހުން ބުނަނީ ޓްރަމްޕަކީ ޔަހޫދީންނާ ދެކޮޅު ވިސްނުމުގެ މީހެއް ކަމަށެވެ.
މީގެ އިތުރުން ޓްރަމްޕް ރައީސްގެ މަގާމުގައި ކުރައްވަމުން ގެންދަވާ މަސައްކަޓާ މެދު ނު ރުހޭ ޔަހޫދީން ގިނަ ކަމަށް ދައްކައެވެ. %74 މީހުން ބުނަނީ ޓްރަމްޕްގެ ސިޔާސަތަށް އެމީހުން ނުރުހޭ ކމަށެވެ. ރުހޭ ކަމަށް ބުނަނީ %26 މީހުންނެވެ. %70 އާ ގާތްކުރާ އަދަދަކަށް މީހުން ބުނީ ޓްރަމްޕަކީ ނަސްލީ ތަފާތު ކުރާ މީހެއް ކަމަށެވެ.
މިއަދު އިޒްރޭލު މީޑިއާގައި ޝާއިއުކޮށްފައިވާ މި ޚިޔާލުހޯދުން ކުރިއަށް ގެންދިޔައީ ކޮން ހިސާބެއްގައި ކަން ސާފެއް ނުވެއެވެ.





