ޔަމަނުން ހައިފާ ސިޓީގެ ބަނދަރަށް ހަމަލަ ދޭނެކަމަށް ބުނެފި

ހިފާފައިވާ ފަލަސްޠީނުގައި ޔަމަނުގެ ސިފައިން އަމާޒު ކުރާނެ ތަންތާނގެ ތެރޭގައި ހިފާފައިވާ ފަލަސްތީނުގެ ހައިފާ ސިޓީގެ ބަނދަރު ހިމެނޭނެ ކަމަށާއި ޔަމަނުގެ ކަނޑުގެ ސިފައިން އެ ބަނދަރު ހިސާރަކުރުމަށް މަސައްކަތް ފަށާފައިވާކަން ހޯމަ ދުވަހު އިއުލާންކޮށްފި އެވެ. އަންސާރުޣ ޖަމާއަތުން ބުނެފައި ވަނީ މިއީ ޒަޔަނިސްޓުން ޣައްޒާއަށް ކުރާ އަނިޔާތައް އިތުރުވެ، ހިސާރަކޮށް ބަނޑަށް ޖައްސަމުންދާތީ އަޅާ ފިޔަވަޅެއް ކަމަށެވެ.

ޔަމަނުގެ ސިފައިންގެ ތަރުޖަމާނު ބްރިގޭޑިއާ ޖެނެރަލް ޔަހްޔާ ސަރީއު ވަނީ ހައިފާ ބަނދަރަށް ދަތުރުކުރާ ބޯޓުތައް ދުއްވާ ހުރިހާ ކުންފުނިތަކަށް އިންޒާރު ދެއްވައި ފައެވެ.

ހައިފާ ސިޓީ ބަނދަރަކީ، އިންޑިއާގެ އަދާނީ ކުންފުނިން ހިންގާ ބަނދަރެކެވެ. މިއީ ބަނދަރެއްގެ އިތުރުން ގޭސް ޕްލާންޓަކާއި ކަރަންޓު އުފައްދާ މައި އިންޖީނުގެ ހިމެނޭ ތަނެކެވެ.

ހައިފާއަކީ އިޒްރޭލުން އިސްތިއުމާރު ކުރުމުގެ ކުރިން ފަލަސްޠީނުގެ އައްސޭރިފަށުގެ އެންމެ ރީތި ދެ ސިޓީގެ ތެރޭން އެއް ސިޓީއެވެ. އަނެއް ސިޓީއަކީ ޔާފާއެވެ.

ސަރީއު ފާހަގަކުރެއްވި ގޮތުގައި މި ނިންމުން ނިންމާފައިވަނީ ހިފަފައިވާ ފަލަސްޠީނުގެ އުއްމުއްރަޝްރާޝް ބަނދަރު (އިޒްރޭލުން ކިޔާ ގޮތުން ނަމަ އީލާތު ބަނދަރު) ހިސާރަކޮށް ކާމިޔާބުކަމާއެކު އެބަނދަރު އިފްލާސް ކުރުމަށް ފަހުއެވެ.

ސަރީޢު ވިދާޅުވީ އަޅަން ޖެހޭ އިތުރު ފިޔަވަޅުތައްވެސް ޔަމަނުން އަޅަމުން ދާނެ ކަމަށެވެ. އަދި އޭނާ ވަނީ ހިފާފައިވާ ފަލަސްޠީނުގެ އައްލައްދު އެއާޕޯޓު (އިޒްރޭލުން ކިޔާ ގޮތުން ނަމަ ބެންގުރިއޮން އެއާޕޯޓު)އަށް ވެސް ހަމަލަ ދޭނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

ހިއްސާ ކުރައްވާ!