ހަންގޭރީގެ ޕާލިމަންޓުން ވަނީ އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓުން (އައިސީސީ) އިން އެ ޤައުމު ވަކިވުމަށް ނިންމައިފައެވެ. އަދި އަހަރެއްގެ ތެރޭގައި އެކަން ނިންމުމަށް ހުށަހެޅި ގާނޫނުވެސް ފާސްކޮށްފައެވެ. މިއީ ބޮޑުވަޒީރު ވިކްޓަރ އޯބަންގެ ސަރުކާރުން އައި.ސީ.ސީ އަކީ "ސިޔާސީ" މުއައްސަސާއެއްކަމަށް ދެކޭތީ ނިންމާފައިވާ ނިންމުމެކެވެ.
އަންގާރަ ދުވަހު ހަންގޭރީގެ ޕާލިމަންޓުން އައިސީސީން ވަކިވުމަށް ހުށަހެޅި ޤާނޫނު ފާސްކޮށްފައިވަނީ 134 މެންބަރުންގެ ތާއީދާއެކުގައެވެ. އެ ބިލަށް 37 މެންބަރުން ދެކޮޅަށް ވޯޓު ދިނެވެ.
ނާއިބް ބޮޑުވަޒީރު ޒޯލްޓް ސެމްޖެން ހުށަހަޅުއްވާފައިވާ އަދި ޕާލިމަންޓުގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ ޤާނޫނުގައި ބަޔާންކޮށްފައިވަނީ ހަންގޭރީއަކީ ބައިނަލްއަޤްވާމީ ޖަމްޢިއްޔާތައް، ޚާއްޞަކޮށް ޖިނާއީ ކޯޓަށް ސިޔާސީ ނުފޫޒު ފޯރުވުމަށް ދެކޮޅު ހަދާ ގައުމެއް ކަމަށެވެ.
އޯބަންގެ ސަރުކާރުން ވަނީ މި ގާނޫނު ފާސްކުރާނެކަން އޭޕްރިލް މަހުގެ 3 ވަނަ ދުވަހު އިއުލާން ކޮށްފައެވެ. މިއީ އިޒްރޭލުގެ ބޮޑުވަޒީރު ނެތަންޔާހޫ ހަންގޭރީއަށް ރަސްމީ ދަތުރެއްގައި ދިއުމުގެ ފަހުން ކުރި އިއުލާން ކުރުމެކެވެ. އައިސީސީން ވަނީ ނަތަންޔާހޫ ހައްޔަރު އަމުރެއް ނެރެފައެވެ. އެއަމުރާ ދެކޮޅަށް ނެތަންޔާހޫ ކޮށްފައިވާ ދަތުރުތަކުގެ ތެރޭން ހަންގެރީއަކީ އޭނާ ދިޔަ އެއްގައުމެވެ.







