ޔޫނުސްއަށް ވެރިކަމުގައި ބަގުޑި ބައްދައިގެން ހުރެވިދާނެ ބާ؟

ބަންގްލަދޭޝްގެ ވަގުތީ ވެރިޔާ މުޙައްމަދު ޔޫނުސްއާއި އަސްކަރީ އެންމެ އިސް ވެރިޔާ ޖެނެރަލް ވަޤާރުއްޒަމާން އާ ދެމެދު ހަމަނުޖެހުން އިތުރުވަމުންދާ ކަމަށް ބަނގްލަދޭޝް މީޑިއާއިން ރިޕޯޓު ކުރެއެވެ. އެ ރިޕޯޓުތަކުން ދައްކާ ގޮތުގައި ޖެނެރަލް ވަޤާރު ވަނީ، ޑރ. ޔޫނުސްއާ ބެހޭ ގޮތުން ޝަކުވާ ކުރެއްވުމަށް،  ރައީސް ޝަހާބުއްދީން ޗުޕޫގެ އަސްކަރީ ސެކްރެޓަރީ މޭޖަރ ޖެނެރަލް އާދިލް ޗައުދުރީއާ ބައްދަލު ކުރައްވާފައެވެ.

އެ ބައްދަލު ކުރެއްވުމުގައި ޑރ. ޔޫނުސް ސިފައިންގެ ތެރޭގެ ކަންކަމުގައި އަތްބާނަމުން ގެންދާނަމަ، ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރުމަށް ފަސް ނުޖެހޭނެ ކަމަށް ވިދާޅުވި ކަމަށް ވެއެވެ. ސިފައިންގެ އެންމެ އިސްވެރިޔާ ވަނީ އިންޓެލިޖެންސްގެ އިސްވެރިޔާ މޭޖަރ ޖެނެރަލް ޖަހާންގީރު އާލަމްއާ ބައްދަލު ކުރައްވައި، ސަލާމަތީ ކަންކަން މުރާޖަޢާ ކުރައްވާފައެވެ.

ކިޔަވާ ކުދިންގެ ތާއީދު ލިބިފައިވާ ފަރާތްތަކުން ކުރާ އިހުތިޖާޖުތައް ހުއްޓުވުމަށްޓަކައި ސިފައިން ކުރާ މަސައްކަތްތައް ހުއްޓުވުމަށް ސިފައިންގެ އެންމެ އިސްވެރިޔާގެ އަރިހުން، ޑރ. ޔޫނުސް އެދިވަޑައިގެންފައިވާ ކަމަށް ވެއެވެ.

ޑރ. ޔޫނުސް ގެންދަވަނީ، އިންތިޚާބުތައް ބޭއްވުން ލަސްކުރައްވައި، އޭނާގެ ބާރު ދެމެހެއްޓެވުމަށް މަސައްކަތްކުރައްކަމުންނެވެ. އަދި އޭގެ އިތުރުން، އިސްލާމީ ފިކުރުގެ ފަރާތްތަކަށް ދީލާލުމާއި އަވާމީ ލީގް މަނާ ކުރުމަކީވެސް ޔޫނުސްއަށް ސިފައިންގެ ފާޑު ކިޔުން އިތުރު ވެފައިވާ ކަމެކެވެ.

ޖެނަރަލް ވަޤާރަކީ، އަވަސް އިންތިޚާބު ބާއްވައި ޑިކޮކްރެސީއާ ދިމާއަށް ޤައުމު މިސްރާބު ޖެހުމަށް ބޭނުންފުޅުވާ ބޭފުޅެކެވެ. އަދި ޤާނޫނުއަސާސީއަށް ބަދަލު ގެނައުމާއި ނިޒާމާ ކުޅެލުމުގެ ޕްލޭންތަކާ އޭނާ ދެކޮޅު ހައްދަވައެވެ.

ބަނގްލަދޭޝްގެ ސިފައިންގެ ބިރަކީ މިހާރު ކުރިއަށްދާ ހަމަނުޖެހުން އެގޮތަށް ދަނީނަމަ، ޤައުމުގެ ހަމަޖެހުން ގެއްލި ބޭރުގެ ފަރާތްތަކުގެ ނުފޫޒު އިތުރު ވުމުގެ ބިރެވެ. ޔޫނުސް ވެސް ޖެނަރަލް ވަޤާރުއާ ބައްދަލު ކުރެއްވުމަށް މަސައްކަތް ކުރައްވާ ކަމަށް އޭނާގެ ގާތް ފަރާތްތަކުން ބުނެއވެ. ނަމަވެސް މަސްރަހު ދައްކަނީ ހަލަބޮލިކޮށެވެ.

ހިއްސާ ކުރައްވާ!