މައިކްރޯސޮފްޓު މުވައްޒަފުން އެތެރޭގައި ބަދަލު ކުރާ އީމެއިލްތަކުގައި "ފަލަސްތީން"، "ޣައްޒާ" ނުވަތަ "ޖެނޮސައިޑް" މި ބަސްތައް ހިމެނޭ މެސެޖުތައް ބްލޮކްކުރަން ފަށާއިފިއެވެ. މި ސިޔާސަތުގެ ދަށުން މި ބަސްތައް ހިމެނޭ އީމެއިލްތައް ފޮނުވާ ފަރާތްތަކަށް ނުވަތަ ލިބެންވާ ފަރާތްތަކަށް އެންގުމަކާ ނުލައި އެފަރާތަށް އީމެއިލް ޑެލިވަރީ ނުކޮށް އެއީމެއިލް ސާވާގައި ބްލޮކް ކޮށްލާނެއެވެ.
މި ސިޔާސަތު ތަޢާރަފުކޮށްފައިވަނީ އިޒްރޭލުގެ ނަސްލު ނައްތާލުމުގެ ހަނގުރާމައަށް ބޭނުންވާ ސޮފްޓްވެއާ މައިކްރޯސޮފްޓުން އުފައްދައި ދިން ކަމަށް ބުނެ މުވައްޒަފުން އިހުތިޖާޖުކުރުމާ ގުޅިގެންނެވެ.
މައިކްރޯސޮފްޓުގެ ތަރުޖަމާނެއް ދަ ޕޯސްޓަށް ބުނެފައިވަނީ، ކުންފުނީގެ އިސް މުވައްޒަފުންނަށް އެމީހުންގެ ރުހުމާއި އެދުމަކާ ނުލައި އީމެއިލް ފޮނުވުމަކީ މުނާސިބު ކަމެއް ނޫން ކަމަށެވެ. އަދި "އެ ސަބަބަށްޓަކައި ކުންފުނިން ވަނީ އެކި ކަންކަމާ ގުޅޭ ވަކި ވަކި މުވައްޒަފުންގެ ގްރޫޕުތައް ހަދައި އިޚްތިޔާރުކޮށްފައިވާ މުވައްޒަފުންނަށް ވަކި ފޯރަމެއް ޤާއިމުކޮށްދީފައި" ކަމަށް އެ ތަރުޖަމާނު ވިދާޅުވިއެވެ. އަދި އިތުރަށް ވިދާޅުވެފައިވަނީ އެފަދަ ބަސްތައް ފިލްޓާ ކުރުން ތަޢާރަފުކޮށްފައިވަނީ ކުންފުނީގެ އިސް ދިހަ ހާސް މުވައްޒަފުންނަށް ގަނޑުކޮށް ފޮނުވާ އީމެއިލްތައް މަދުކުރުމަށް ކަމަށެވެ.
މި ފިޔަވަޅު އަޅާފައިވަނީ އިޒްރޭލުގެ ގަތުލުއާންމާ ދެކޮޅު ހަދާކަމަށް ބުނާ މުވައްޒަފުންގެ ގްރޫޕަކުން އިސްނަގައިގެން ކުރަމުންދާ އިހުތިޖާޖުތަކާ ގުޅިގެންނެވެ.
މި ގްރޫޕުން ގޮވާލަނީ މައިކްރޯސޮފްޓުން އިޒްރޭލުގެ ސިފައިންނާއި ސަރުކާރާއެކު ވެފައިވާ އެއްބަސްވުންތައް ނިމުމަކަށް ގެނައުމަށެވެ. މި ގްރޫޕުން ބުނާ ގޮތުގައި އިޒްރޭލު ސިފައިން، މައިކްރޯސޮފްޓުގެ އަޒުރު ކްލައުޑް ޕްލެޓްފޯމް ބޭނުންކުރަނީ ކޮމްޕިއުޓިންގ، ސްޓޯރޭޖް އަދި އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ހަނގުރާމަ ހިންގާށެވެ. އަދި މި ޕްލެޓްފޯމް މެދުވެރިކޮށް އިޒްރޭލުގެ ސިފައިންގެ ހަރަކާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭ ކަމަށާއި، އޭގެ ތެރޭގައި ޣައްޒާގައި ހިންގާ ހަނގުރާމައާއި ޖާސޫސީ ހަރަކާތްތައް ހިމެނޭ ކަމަށް މި ގްރޫޕުން ބުނެއެވެ.
ލީކުވެފައިވާ ލިޔެކިޔުންތަކުން ދައްކާ ގޮތުގައި މައިކްރޯސޮފްޓުން ޣައްޒާގެ ހަނގުރާމައިގައި ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދިނުމަށް ގާތްގަނޑަކަށް 10 މިލިއަން ޑޮލަރު ޔަހޫދީން އަތުން ހޯދުމަށް އެއްބަސްވުންތަކެއް ވެފައިވެއެވެ.
"ނޯ އަޒުރު ފޮރ އަޕާތައިޑު" ނަމަކަށް ކިޔާ މުވައްޒަފުންގެ ގުރޫޕުން ތުހުމަތުކުރާ ގޮތުގައި މި އީމެއިލް ފިލްޓަރަކީ ފަލަސްތީނަށް ތާއީދުކުރާ ވާހަކަތައް ހުއްޓުވުމަށް ކުންފުނިން ބޭނުންކުރާ ހިންތާއކެވެ.



