ޒަޔަނިސްޓުންގެ އިސްތިއުމާރީ ބާރުތަކާއި ސެޓްލަރުންގެ މިލިޝިއާތަކުން ރާބައިގެން ހިންގި ހަމަލާތަކެއްގައި ހުޅަނގު އައްސޭރީގެ ގެތަކެއްގައި މިއަދު ފަތިހު ހުޅުޖަހައިފިއެވެ. މި ހަމަލާތައް އަމާޒު ކޮށްފައި ވަނީ ހުޅަނގު އައްސޭރީގެ އެކި ހިސާބުތަކަށެވެ. މިކަން ހިންގަމުން ދިޔައިރު ފަލަސްޠީނު މީހުންނާ ދެކޮޅަށް ބަޑި ޖެހުމާއި ގެތަކުގައި އަލިފާން ރޯކުރުމާއި، ފުޅާ ދާއިރާއެއްގައި ތަންތަން ހަލާކު ކުރުން މުގެ ކަންކަން ކުރިއަށް ގެންދިޔައެވެ.
ހުޅަނގު އައްސޭރީގެ ސަލްފީތުގެ ހުޅަނގުގައިވާ ބުރޫޤީން ރަށުގައި، ޔަހޫދީ ސެޓްލަރުން ވަނީ މިއަދު ހުކުރު ދުވަހުގެ މެންދުރުފަހު އަލުން ހަމަލާތައް ދީފައެވެ. އެމީހުންނާ ދެކޮޅަށް ފަލަސްތީނުގެ މީހުން ނުކުތުމުން އެމީހުންނަށްވެސް ބަޑިޖަހާފައި ވެއެވެ. އަދި މިސްކިތްތަކުގެ ތާޅަފިލިތަކުން އާންމު ރައްޔިތުންނަށް ގޮވާފައި ވަނީ، އެންމެ ނުކުމެ ރަށް ދިފާއު ކޮށްދޭށެވެ.
ހުކުރު ދުވަހުގެ ފަތިހުގެ ހަމަލައަކީ، ކުރީ ރޭ ޔަހޫދީ ޒަޔަނިސްޓު ސެޓްލަރުންގެ މިލިޝިއާތަކުން ދިން ބޮޑު ހަމަލާއެއްގެ ފަހުން ދީފައިވާ ހަމަލައެކެވެ.
ކުރީ ރޭގެ ހަމަލާގައި ފަލަސްތީނުގެ ގެތައް ރޯކުރަން މަސައްކަތް ކޮށްފައި ވެއެވެ. އަދި ފަލަސްޠީނު މީހުންގެ ބައެއް އުޅަނދުތައްވެސް ރޯކޮށްފައ ވެއެވެ.
މި ހަމަލަތަކާ ދެކޮޅަށް ކުރިމަތި ލުމަށް ނިކުތް ދެ މީހެއްގެ ގެ ތަޅާލާނެ ކަމުގެ އިންޒާރު ޔަހޫދީ ސިފައިން ވަނީ ދީފައެވެ.އަދި އިތުރަށް އެމީހުންނަށް ތުހުމަތުކޮށްފައި ވަނީ، ޝަހީދު ނާއިލް ސަމާރާއަށް އެހީތެރިވި ކަމަށެވެ. ނާއިލް ސަމާރާއަކީ ސަލްފީތު ކައިރީގައި ހިންގި ހަމަލާއެއްގައި ޔަހޫދީންގެ ނުލަފާ ސެޓްލަރަކު މަރާލައި އިތުރު ޔަހޫދީ ސެޓްލަރަކު ޒަޚަމްކުރި މީހާއެވެ.
މިއަދު ހެނދުނު ސެޓްލަރުންގެ ގްރޫޕުތަކެއް ވަނީ ރާމަﷲގެ އުތުރުގައިވާ ސިންޖީލް އަވަށަށް ވަދެ، ފަލަސްޠީނު މީހުންގެ ދަނޑުތަކަށް ގެއްލުން ދީފައެވެ.






