ޣައްޒާގެ ސިވިލް ޑިފެންސްއިން ހާމަކުރި ގޮތުގައި، ޣައްޒާގެ ދެކުނުގައިވާ ޚާން ޔޫނިސްގެ ޤިޒާން އައްނައްޖާރު ސަރަހައްދުގައި ހުރި ގެއަކަށް އިޒްރޭލުން ދިން ހަމަލާއެއްގައި 8 މީހަކު ޝަހީދުކޮށްފިއެވެ.
ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ޣައްޒާގައި ޝަހީދުވި މީހުންގެ އަދަދު 60 އަދި ޒަޚަމްވި މީހުންގެ އަދަދު 185 އަށް އަރާފައިވާކަމަށް ހެލްތު މިނިސްޓްރީން ހާމަކޮށްފައިވެއެވެ.
މިނިސްޓްރީން ފާހަގަކޮށްފައިވާ ގޮތުގައި މި ތަފާސްހިސާބުގައި ޣައްޒާގެ އުތުރު ޕްރޮވިންސް ގައި ގަތުލުއާންމު ގައި ޝަހީދުކޮށްފައިވާ މީހުން ހިމެނިފައެއް ނުވެއެވެ. އެއީ ޔަހޫދީން ދެމުންދާ ހަމަލާތަކުގެ ސަބަބުން އެ ސަރަހައްދުގެ ހޮސްޕިޓަލްތަކަށް ވާސިލުވުމަށް ދަތިވެފައިވާތީއެވެ.
އެމިނިސްޓްރީން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި ގިނަ އަދަދެއްގެ މީހުން އަދިވެސް ވަނީ ޢިމާރާތްތަކުގެ ދަށުގައެވެ. ނޫނީ މަގުމަތީގައެވެ. އެމްބިއުލާންސް އަދި ސިވިލް ޑިފެންސްގެ ޓީމުތަކަށް އެ މީހުންނާ ހަމައަށް ވާސިލުވުމަށް ނުކުޅެދިފައިވާ ކަމަށްވެސް ބުނެއެވެ.
މިއާއެކު، އަގްސާ ޠޫފާނުން ފެށިގެން ޣައްޒާއަށް އިޒްރޭލުން ދެމުންދާ ނާޒީ ހަމަލާތަކުގެ ސަބަބުން ޝަހީދުވި މީހުންގެ އަދަދު 53،822 އަށް އަދި ޒަޚަމްވި މީހުންގެ އަދަދު 122،382 އަށް އަރާފައިވެއެވެ.
18 މާރޗް 2025 ގައި ފެށުނު އިޒްރޭލުގެ އެންމެ ފަހުގެ އަނިޔާވެރި ޢަމަލުތަކުގެ ސަބަބުން ޝަހީދުވި މީހުންގެ އަދަދު 3،673 އަށް އަދި ޒަޚަމްވި މީހުންގެ އަދަދު 10،341 އަށް އަރާފައިވެއެވެ.






