އެމެރިކާގެ 100 އަށްވުރެ ގިނަ ނެޝަނަލް ސެކިއުރިޓީ ކައުންސިލްގެ އޮފިޝަލުން އެމީހުންގެ މަޤާމުތަކުން ވަކިކޮށް ނުވަތަ އެމީހުން ކުރިން މަސައްކަތް ކުރި އޭޖެންސީތަކަށް އަނބުރާ ފޮނުވާލެވިފައި ވާކަމަށް ވޮޝިންޓަނުން ބުނެފިއެވެ.
މިއީ ވަގުތީ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރުގެ ގޮތުގައި މަސައްކަތްކުރައްވާ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރުބިއޯ ގެންނަވާ އިސްލާހީ މަސައްކަތުގެ ބައެކެވެ. 100 މުވައްޒަފުންނަކީ، އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ ދެބައިކުޅަ އެއްބައެވެ.
މަސްއޫލުވެރިއަކު ބުނިގޮތުގައި މީގެ މަޤްޞަދަކީ ރައީސްގެ ޤައުމީ ސަލާމަތާއި ޚާރިޖީ ސިޔާސަތު ވިލަރެސްކުރާ އެންއެސްސީގެ މަސައްކަތްތައް އަވަސްކޮށް، ސްޓޭޓް ޑިޕާޓްމަންޓާއި ޑިފެންސް ޑިޕާޓްމަންޓަށް އިތުރު ބާރުތަކެއް ދިނުމެވެ. އޮފިޝަލުން ބުނާގޮތުގައި މި އައު އޮނިގަނޑުގެ ސަބަބުން ރައީސް ޓްރަމްޕަށް ސިޔާސަތުތައް ކަނޑައެޅުމުގައި އިތުރު ބާރުތަކެއް ލިބި، ޤައުމީ ސަލާމަތާ ގުޅޭ ނިންމުންތައް ނިންމުން އަވަސްވެގެންދާނެއެވެ.
ހުކުރު ދުވަހުގެ ހަވީރު ރުބިއޯ ވަނީ ސީނިއަރ ޑިރެކްޓަރުންނާއެކު ބައްދަލުވުމެއް ބާއްވައި، އެމީހުންގެ މަސައްކަތަށް ތަޢުރީފުކުރުމަށްފަހު ބަދަލުތަކެއް އަންނާނެކަމާއި އޮފިޝަލުން ސަރުކާރުގެ އެހެން މަޤާމުތަކަށް ބަދަލުކުރުމަށް މަސައްކަތްކުރާނެކަން އިޢުލާނުކުރައްވާފައެވެ.






