ޣައްޒާގައި އިންސާނީ އެހީ ފޯރުކޮށްދިނުމަށް އިޒްރޭލުން ރާވާފައިވާ އައު ނިޒާމާމެދު ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ކަންބޮޑުވުން އިތުރުވަމުންދާކަމަށް ވޮޝިންގްޓަން ޕޯސްޓުން ހާމަކޮށްފިއެވެ.
މި ނިޒާމުގެ ދަށުން، އިޒްރޭލުގެ ސިފައިންނާއި އެމެރިކާގެ ކުލީ ސިފައިން ގުޅިގެން ޣައްޒާ ހިއުމަނމަނިޓޭރިއަން ފޯރަމް (ޖީއެޗްއެފް) އިން އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށް ގެންދާނެއެވެ. މިހާރު ހިންގަމުންދާ ސަތޭކަ އެތައް އެހީ ބެހުމުގެ މަރުކަޒުތައް ހަތަރު މަރުކަޒަކަށް ކުޑަކުރާނެއެވެ. އެ މަރުކަޒުތައް ޣައްޒާގެ ދެކުނުގައި ޤާއިމުކޮށް މީހުން އެތަނަށް ހިޖުރަ ކުރުމަށް މަޖުބޫރު ކުރާނެއެވެ.
ވޮޝިންގްޓަން ޕޯސްޓަށް ލިބިފައިވާ އެތެރޭގެ ލިޔެކިޔުންތަކުން ދައްކާގޮތުގައި، މި މަރުކަޒުތަކުގައި ފިންގާޕްރިންޓާއި ލޮލުގެ ކަޅިއާއި މޫނަށް ބަލައިގެން މީހާ ދަނެގަނެވޭ ޓެކްނޮލޮޖީ މައިކްރޯސޮފްޓްގެ އެހީގައި ބޭނުންކޮށްގެން އެހީ ލިބޭނެ މީހުން ކަނޑައަޅާނެއެވެ. އެބާރު އޮންނާނީ ޔަހޫދީ ސިފައިންގެ އަތުގައެވެ. އެމީހުން ބްލެކް ލިސްޓުކޮށްފައިވާ ނޫނީ ނޭދޭ މީހަކަށް އެހީ ނުލިބޭނެއެވެ.
އަދި "ހިއުމަނިޓޭރިއަން ޓްރާންސިޝަން އޭރިއާ" ތަކެއް ޤާއިމުކޮށް، އެތަންތަނުގައި ދިހަ ހާސް ފަލަސްތީން މީހުން ބަންދުކޮށް ނާޒީން ހިންގިފަދަ ކޮންސެންޓްރޭޝަން ކޭމްޕް ހިންގާނެއެވެ.
މި ނިޒާމާމެދު އދއާއި އިންސާނީ އެހީގެ ޖަމާޢަތްތަކުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. އަދި މި ނިޒާމަކީ އިންސާނީ އެހީދޭ ބައިނަލްއަގްވާމީ އުސޫލުތަކާ ޚިލާފު ކަމެއްކަމަށް ބުނެ، އެފަރާތްތަކުން މި ނިޒާމާއެކު މަސައްކަތްކުރުމަށް އިންކާރުކޮށްފައިވެއެވެ. އަދި މިއީ ހަނގުރާމައިގެ ޖަރީމާއެއް ކަމަށާއި ނަސްލު ސާފުކޮށްލުމުގެ އަމަލެއް ކަމަށް ބުނެއެވެ. އަރަބިން ވަނީ މިއަށް އޯކޭ ދީފައެވެ.
އދ. އިން ވަނީ މި ނިޒާމަކީ ފަލަސްތީނު މީހުން ގަދަކަމުން ވަޒަނުން ބޭރުކުރުމަށް މަގުފަހިކުރުމަމަށް ފަރުމާކުރެވިފައިވާ ނިޒާމެއްކަމަށް ބުނެފައެވެ. އިޒްރޭލުގެ ވަޒީރުން ވެސް ވަނީ ޣައްޒާގެ އާބާދީ އެއްކޮށް ދެކުނަށް ބަދަލުކޮށް، ޣައްޒާ ސާފުކޮށްލުމުގެ ވާހަކަ ދައްކާފައެވެ.
އިޒްރޭލުން ބުނާގޮތުގައި މި ނިޒާމު ތަޢާރަފުކުރަނީ ހަމާސްގެ ބާރު ކަނޑުވާލައި މިނިވަންކަމަށް މަސައްކަތް ކުރާ ރޫހު ނިގުޅައި ގަންނާށެވެ.






