ޔަހޫދީން، ދިރި ތިއްބައި އަންދާލި އާއިލާގެ މައްސަލަ ކްރިމިނަލް ކޯޓުން ބަލަން ޖެހޭނެ: އެމްނެސްޓީ

ޣައްޒާގައި ނަސްލު ސާފުކޮށް ހަނގުރާމައިގެ ޖަރީމާ ހިންގާ ޔަހޫދީން، ޑރ. ޢަލާ އައްނައްޖާރުގެ އާއިލާއެއްކޮށް ޝަހީދުކޮށް ލުމާ ގުޅިގެން އެ މައްސަލަ ހަނގުރާމައިގެ ޖަރީމާއެއްގެ ގޮތުގައި ބެލުމަށް އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓަށް އެމްނެސްޓީ އންޓަރނޭޝަނަލުންގޮވާލައިފިއެވެ. އިޒްރޭލުން ހަނގުރާމައިގެ ޖަރީމާތައް ބިރަކާއި ނުލައި ހިންގަނީ އެމެރިކާގެ ވާގިވެރިކަމާއެކު އެމެރިކާއިން ދޭ ހަތޮޔާރު ބޭނުންކޮށްގެންނެވެ. ޑރ. އަލާ ޔަހޫދީން އައްނައްޖާރުގެ ޢާއިލާގެ ކުދިން ޝަހީދުކޮށްފައި ވަނީ ދިރިތިއްބައި އަންދާލައިގެންނެވެ.

އެމްނެސްޓީ އިންޓަނޭޝަނަލްއިން ވަނީ ވަގުތުން ހަނގުރާމަ ހުއްޓާލުމަށް ގޮވާލާފައެވެ. އެމްނެސްޓީއިން ބުނާ ގޮތުގައި އައްނައްޖާރުގެ އާއިލާއަށް އަމާޒުކޮށް ދިން ވައިގެ ހަމަލައަކީ، ބައިނަލްއަޤްވާމީ އިންސާނީ ޤާނޫނާ ޚިލާފު ޢަމަލެއް ކަމުގައެވެ.

ޔަހޫދީ ޒަޔަނިސްޓުންގެ މި ޓެރަރިސްޓް ޖަރީމާއާ ގުޅިގެން ދަ ގާޑިއަން ނޫހާ ވާހަކަ ދައްކަމުން، ޔޫކޭގެ ސަރޖަން ގްރޭމް ގްރޫމް ބުނެފައި ވަނީ، ޑރ. ޢަލާ އައްނައްޖާރުގެ އާއިލާއަކީ ހަމާސްއާ ގުޅުމެއްވާ އާއިލާއެއް ނޫން ކަމަށެވެ. އަދި އެއީ އޭނާ ދަންނަ ބަޔެއް ކަމަށެވެ.

ހުކުރު ދުވަހު ޔަހޫދީން މި ޖަރީމާ ހިންގި އިރު ޑރ. އަލާ ހުރީ ޣައްޒާގެ ނާސިރު ހަސްފަތާލުގައި ބަލި މީހުންނަށް ފަރުވާ ދޭށެވެ.

ޝަހީދުކޮށްފައިވާ ޑރ. އަލާގެ ކުދިންނަކީ 7 މަހާއި 12 އަހަރާ ދެމެދުގެ ކުދިންނެވެ. އެ ކުދިންނަކީ: ޔަހްޔާ ހަމްދީ އައްނައްޖާރު (12 އަހަރު) ރަކްއާން ހަމްދީ އައްނައްޖާރު (10 އަހަރު) ރުސްލާން ހަމްދީ އައްނައްޖާރު (9 އަހަރު) ޖުބްރާން ހަމްދީ އައްނައްޖާރު (8 އަހަރު) ރާވަލް ހަމްދީ އައްނައްޖާރު (6 އަހަރު) ސާދިން ހަމްދީ އައްނައްޖާރު (5 އަހަރު) ލުޤްމާން ހަމްދީ އައްނައްޖާރު (3 އަހަރު) އީވް ހަމްދީ އައްނައްޖާރު (1 އަހަރު) ސިދާރު ހަމްދީ އައްނައްޖާރު (7 މަސް) އެވެ.

މި ހަމަލާއާ ގުޅިގެން ޔަހޫދީންގެ ޣަދަރުވެރި އަނިޔާވެރި އަމަލުތައް ދުނިޔެއިން ދަނީ ކުށްވެރި ކުރަމުންނެވެ.

ޔޫރޯ-މެޑިޓެރޭނިއަން ހިއުމަން ރައިޓްސް މޮނިޓަރއިން ބުނާ ގޮތުގައި ނަސްލު ސާފުކޮށްލުމުގެ މި ހަނގުރާމައިގައި މަރުވެފައިވާ މީހުންގެ ތެރެއިން 90 އިންސައްތައަކީ އާންމު ރައްޔިތުންނެވެ.

ދަ ލެންސެޓް މަޖައްލާގައި ޝާއިޢު ކޮށްފައިވާ ގޮތުގައި ޝަހީދުކޮށްފައިވާ މީހުންގެ ތެރެއިން 68.1 އިންސައްތައަކީ ކުޑަކުދިންނާއި، އަންހެނުންނާއި، އުމުރުން ދުވަސްވީ މީހުންނެވެ.

ޔޫރޯ-މެޑިޓެރޭނިއަން ހިއުމަން ރައިޓްސް މޮނިޓަރ ޖަމިއްޔާއިން ވަނީ އަލާ އައްނައްޖާރުގެ އާއިލާ ޝަހީދު ކުރި ޖަރީމާގެ ބައިނަލްއަޤްވާމީ ތަޙުޤީޤެއް ހިންގުމަށް ގޮވާލާފައެވެ.

ހިއްސާ ކުރައްވާ!