ޔަހޫދީން ހިންގި ދެ ގަތުލުއާންމެއްގައި 30 މީހުން އަންދާލައިފި

އިޒްރޭލުގެ ޒަޔަނިސްޓް ޓެރަރިސްޓް ޙަމަލާތައް އިތުރަށް ހަރުކަށިވަމުން ދާއިރު މިއަދު ފަތިހުން ފެށިގެން ޣައްޒާގައި ފަލަސްޠީނުގެ 51 ރައްޔިތުން ޝަހީދުކޮށްލައިފިއެވެ. އޭގެ ތެރޭން 30 މީހުންގެ ފެނިފައި ވަނީ ދިރިތިއްބައި އަންދާލާފައި ވަނިކޮށެވެ.

ޣައްޒާގެ ސިވިލް ޑިފެންސްއިން ބުނާ ގޮތުގައި، ޣައްޒާގެ އުތުރުގައި އޮންނަ ޖަބާލިޔާގައި ހުރި ގެއަކަށް އިޒްރޭލުން ދިން ޓެރަރިސްޓް ބޮމުގެ ޙަމަލާއެއްގައި 19 ފަލަސްޠީނު މީހުން ވަނީ ޝަހީދުވެފައެވެ. މީގެ އިތުރުން، ޣައްޒާ ސިޓީގެ މެދުތެރޭގައި އޮންނަ އައްދަރަޖް ސަރަޙައްދުގައި ހުރި ފަހުމީ އަލްޖަރުޖާވީ ސްކޫލުގައި ހިމާޔަތް ހޯދަމުންދިޔަ މީހުންނަށް އަމާޒުކޮށް ދިން ޙަމަލާގައި 36 މީހުން ޝަހީދު ކޮށްފައި ވެއެވެ،

ޔަހޫދީންގެ އެ ޙަމަލާގައި 30 މީހުންގެ އަންދާލައި ދެއްޔަށް ހަދާފައި ވެއެވެ. އިޒްރޭލުން މި ސްކޫލަށް ހަމަލަ ދިނީ ބާރުގަދަ މިސައިލްތަކުން ކަމަށް ވެސް ރިޕޯޓުކޮށްފައި ވެއެވެ. މި ޙަމަލާގައި ސްކޫލުގެ އިމާރާތް ފުނޑުފުނޑުވެ، މީހުންގެ ބޮލަށް ވެއްޓިފައި ވެއެވެ.

ޣައްޒާގެ ހެލްތު މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ޔަހޫދީންގެ ހަމަލަތަކުން މާރިޗު 18 އިން ފެށިގެން މިހާތަނަށް 3,785 މީހުން ޝަހީދު ކޮށްލައި، 10,756 މީހުން ޒަޚަމް ކޮށްފައިވާ ކަމަށް ވެސް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

މި ހަނގުރާމައިގެ ސަބަބުން ޣައްޒާގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތިތަކުގެ ތެރޭގައި ބަނޑަށް ޖެހުން ހިމެނެއެވެ.  25 ކިލޯގެ ފުށުކޮތަޅެއްގެ އަގު 500 ޑޮލަރަށް އަރާފައިވާ ކަމަށް އަލްޖަޒީރާ ރިޕޯޓެއް ގައި ވަނީ ފާހަގަކޮށްފައެވެ.

ޣައްޒާގެ ރައްޔިތުންނަށް އަޅާލާނެ ފަރާތެއް ނުވެއެވެ. މިއަދުވެސް ޔަހޫދީން ވަނީ މަސްޖިދުލްއަގްސާއަށް ވަދެ ޙުރުމަތް ކަނޑާލާފައެވެ.

ހިއްސާ ކުރައްވާ!