ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާގެ އަހަރީ ބައްދަލުވުމުގައި ފަލަސްޠީނުގެ ދިދަ އުފުލުމުގެ ހައްގު ލިބިއްޖެއެވެ. މި ކާމިޔާބީއަކީ އދ. އާއި އެހެނިހެން ބައިނަލްއަގުވާމީ ފޯރަމްތަކުގައި ފަލަސްޠީނަށް އިތުރަށް ބަސް ބުނުމަށް ލިބިގެންދާނެ ފުރުސަތެއް ކަމަށް ފަލަސްޠީނުގެ މަންދޫބު އުއްމީދު ކުރައްވައެވެ.
ޗައިނާ، ޕާކިސްތާން އަދި ސައޫދީ އަރަބިއްޔާ ފަދަ ގައުމުތަކުން ހުށަހެޅި މި ހުށަހެޅުން ފާސްވެފައިވަނީ 95 ވޯޓު ލިބިގެންނެވެ. އިޒްރޭލު، ހަންގޭރީ، ޗެކް ރިޕަބްލިކް އަދި ޖަރުމަނުވިލާތުން މި ހުށަހެޅުމާ ދެކޮޅަށް ވޯޓު ދިނެވެ. އަދި 27 ގައުމަކުން ވޯޓުގައި ބައިވެރިނުވެ ތިއްބެވެ.
މިއީ ފަލަސްޠީނަށް އދ. ގެ ޖެނެރަލް އެސެމްބްލީގެ މެމްބަރުކަން ލިބުނު ފަހުން ލިބުނު އިތުރު ކުރިއެރުމެކެވެ. އަދި ފްރާންސްއިން ފަލަސްޠީނު ދައުލަތެއްގެ ގޮތުގައި ބަލައިގަތުމުގެ އިޝާރާތްތަކެއް ފެންނަމުންދާ ދަނޑިވަޅެއްގައި މި ކާމިޔާބީ ލިބިފައިވާކަން ފާހަގަކުރެވެއެވެ.
ލެބަނާންގެ މަންދޫބު ރާނާ އަލްޚޫރީ ވިދާޅުވީ މި ވޯޓުގެ ނަތީޖާއަކީ "ނުތަނަވަސްކަމުގައި އެންމެ މަތީ ދަރަޖައަށް ގޮސްފައިވާ ހިތްވަރުގަދަ ފަލަސްޠީނު ރައްޔިތުންނަށް ލިބުނު ކުޑަ އުއްމީދެއް" ކަމަށެވެ. މި ބަސްތަކުން އިޝާރާތް ކުރެވެނީ ޣައްޒާގައި ހިނގަމުންދާ އިޒްރޭލުގެ ނަސްލު ނައްތާލާ ޓެރަރިސްޓް ހަމަލަތަކަށެވެ.
އިޒްރޭލުން މި ހުށަހެޅުމާ ދެކޮޅު ހަދަމުން ފޮނުއަރުވަމުން ދިޔައެވެ. އިޒްރޭލަށް ނައްލު ނައްތާލައި ހަނގުރާމައިގެ ޖަރީމާތައް ހިންގުމަށް ހަތިޔާރުދީ ވގިވެރިވާ އެމެރިކާއިން މި ވޯޓުގައި ބައިވެރިނުވިއެވެ. އެމެރިކާއިން ވަނީ ޑަބްލިއެޗްއޯއިން ވަކިވާން ނިންމާފައެވެ.
150 އަށްވުރެ ގިނަ ގައުމުތަކުން ފަލަސްޠީނު ދައުލަތެއްގެ ގޮތުގައި ބަލައިގަނެފައިވީ ނަމަވެސް، އެމެރިކާ، ޔޫކޭ ފްރާންސް، ޖަރުމަނުވިލާތު އަދި ޖަޕާން ފަދަ ބޮޑެތި ބާރުތަކުން އަދިވެސް ފަލަސްޠީނު ދައުލަތެއްގެ ގޮތުގައި ބަލައިގަނެފައެއް ނުވެއެވެ. ނަމަވެސް މި ހުށަހެޅުމަށް ފްރާންސް އާއި ޖަޕާނުން އެއްކޮޅަށް ވޯޓު ދިން އިރު، ޔޫކޭއިން ވޯޓުގައި ބައިވެރިނުވެ ތިއްބެވެ.





