ހަމާސްއާ ދެކޮޅަށް ކުރާ ހަނގުރާމައެއްކަމަށް ނުބެލެވޭކަމަށް ޖަރުމަނުގެ ޗާންސެލަރ ވިދާޅުވެއްޖެ

ޖަރުމަނުގެ ޗާންސެލަރ ފްރީޑްރިކް މެރޒް ވިދާޅުވަނީ ރައްޔިތުންނަށް ލިބެމުންދާ އިންސާނީ ގެއްލުންތަކުގެ ސަބަބުން އިސްރާއީލުން ޣައްޒާގައި ކުރަމުންދާ ހަނގުރާމައަކީ "ޓެރަރިޒަމާ" ދެކޮޅަށް ކުރާ ހަނގުރާމައެއްގެ ގޮތުގައި ދެން ނުބެލެވޭނެ ކަމަށެވެ.

ޖަރުމަނުގެ ޓީވީ ޗެނަލް ޑަބްލިއުޑީއާރުއަށް ދެއްވި އިންޓަވިއުއެއްގައި މެރޒް ވިދާޅުވީ "މިފަދަ ބޮޑު މިންވަރަކަށް މަދަނީންނަށް ގެއްލުން ދިނުމަކީ، ފާއިތުވި ދުވަސްތަކުގައި އިތުރުވަމުން ގޮސްފައިވާ ފަދައިން، ހަމާސްގެ ޓެރަރިޒަމާ ދެކޮޅަށް ކުރާ ހަނގުރާމައެއްގެ ގޮތުގައި ދެނެއް ނުބެލެވޭނެ" ކަމަށެވެ.

"އިސްރާއީލުގެ ސިފައިން މިހާރު ޣައްޒާގައި ކުރަމުންދާ ކަންތައްތައް – އަހަރެން ސާފުކޮށް ބުނަންޏާ، ބުނާނީ އަހަރެންނަކަށް އިޒްރޭލުން އެބުނާ އެއްޗެއް ނުވިސްނޭ" ކަމަށް މެރޒް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ މި ހަފްތާގައި އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫއާ ފޯނުން ވާހަކަދައްކަން ރާވާފައިވާ ކަމަށާއި، އެ ފޯނު ކޯލުގައި "ހއްދު ފަހަނައަޅާ ނުދިޔުމަށް" އަންގަވާނެ ކަމަށެވެ. ނަމަވެސް "ތާރީޚީ ސަބަބުތަކާ ހުރެ" ޖަރުމަނުން އަބަދުވެސް އިސްރާއީލަށް ފާޑުކިޔުމުގައި އެހެން ޔޫރަޕިއަން ޤައުމުތަކަށް ވުރެ ފަހަތަށް ޖެހޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިއަހަރުގެ ފެބްރުއަރީ މަހު މެރޒް ވިދާޅުވެފައިވަނީ އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓުން (އައިސީސީ) ނެތަންޔާހޫގެ މައްޗަށް އަމުރެއް ނެމުރެއް ނެރެފައިވީ ނަމަވެސް، އޭނާއަށް ޖަރުމަނަށް ޒިޔާރަތް ކުރެވޭނެކަން ކަށަވަރުކޮށްދޭނެ ކަމަށެވެ. އައިސީސީގެ މެންބަރު ޤައުމެއްގެ ހައިސިއްޔަތުން، އެ ކޯޓުން ހައްޔަރު އަމުރެއް ނެރެފައިވާ މީހަކު ޖަރުމަނަށް އަތުވެއްޖެނަމަ އޭނާ ހައްޔަރުކުރަން ޖެހެއެވެ. ނަމަވެސް އައިސީސީއަށް މިކަން ތަންފީޒުކުރުމުގެ ބާރެއް ނޯވެއެވެ.

ހިއްސާ ކުރައްވާ!