ޣައްޒާގައި 18 މަސް ދުވަހަށް ވުރެ ގިނަ ދުވަހު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން، އިޒްރޭލް ވަނީ ބައިނަލްއަޤްވާމީ މުޖުތަމަޢުގައި އެކަހެރިވެފައެވެ. މިކަން ހާމަވެގެން ދިޔައީ އެ ޤައުމުގެ ގާތް އެކުވެރިންވެސް އިޒްރޭލްގެ ޢަމަލުތަކާ ދެކޮޅަށް އަޑު އުފުލަން ފެށުމުން ކަމަށް ނިއުޔޯކް ޓައިމްސްއިން ބުނެއެވެ.
ނިއުޔޯކް ޓައިމްސްގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި، އެމެރިކާ، ޔޫކޭ އަދި ފްރާންސް ފަދަ ޤައުމުތަކުން ވަނީ އިޒްރޭލަށް ފިއްތަން ފަށާފައެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ވަނީ އާދީއްތަ ދުވަހު ހަނގުރާމަ މަޑުޖައްސާލުމަށް ގޮވާލާފައެވެ.
"އަޅުގަނޑުމެން އިޒްރޭލާ ވާހަކަ ދައްކައިފިން. މި ހާލަތު ވީހާވެސް އަވަހަކަށް ނިމުމަކަށް ގެނެވޭތޯ ބަލަން ބޭނުން،" ޓްރަމްޕް ވިދާޅުވިއެވެ. މިއީ ކުރިން އޭނާ ހަމާސްގެ ކުށްދައްކަމުން ދިޔައެވެ.
ޖަރުމަނުވިލާތުގެ އާ ޗާންސެލަރ ފްރިޑްރިޗް މަރޓްސް އަދި އިޓަލީގެ ބޮޑުވަޒީރު އަންޓޯނިއޯ ޓަޖާނީ ވެސް ވަނީ ނަތަންޔާހޫ ޣައްޒާއަށް ދޭ ހަމަލާތައް ހުއްޓާލުމަށް ގޮވާލާފައެވެ. މީގެ ކުރިން ޔޫކޭ. ކެނެޑާ އަދި ފްރާންސްއިން ވަނީ އިޒްރޭލްގެ ޢަމަލުތައް "އެއްވެސް ގޮތަކަށް އެކަށީގެންނުވާ" ކަމަށް ބުނެ، އެ ޤައުމުގެ ސިޔާސަތު ބަދަލު ނުކޮށްފިނަމަ ނުރައްކާތެރި ނަތީޖާއެއް ނުކުމެދާނެ ކަމަށް އިންޒާރު ކޮށްފައެވެ.
ޔޫކޭ ވަނީ އިޒްރޭލާއެކު ކުރިއަށްދިޔަ ވިޔަފާރީގެ މަޝްވަރާތައް މެދުކަނޑާލާފައެވެ. އަދި ފްރާންސްއިން ވަނީ ސަޢޫދީ ޢަރަބިއްޔާއާ ގުޅިގެން ޖޫން މަހު ފަލަސްޠީނު ދައުލަތެއް ޤާއިމުކުރުމާ ބެހޭ ގޮތުން މަޝްވަރާކުރުމަށް ބައްދަލުވުމެއް ބޭއްވުމަށް ރާވަމުންދެއެވެ.
މި ހުރިހާ ކަމަކުން ދައްކުވައިދެނީ އިޒްރޭލްގެ ޢަމަލުތަކާ ދެކޮޅަށް ބައިނަލްއަޤްވާމީ މުޖުތަމަޢު އެއްބައިވަމުންދާކަމެވެ. މިއީ އިޒްރޭލަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއް ކަމަށް ނިއުޔޯކު ޓައިމްސްއިން ބުނެއެވެ.





