ޔޫރަޕިއަން ކޮމިޝަންގެ ރައީސާ އުރްސުލާ ފޮން ޑަރް ލިއަން ވަނީ ޣައްޒާގައި ހިނގަމުންދާ ހަނގުރާމައާ ގުޅޭގޮތުން ބަޔާނެއް ނެރެ، އިޒްރޭލުގެ ޢަމަލުތަކާމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. މި ބަޔާނުގައި އޭނާ ވަނީ އިޒްރޭލުން ޣައްޒާގައި ހިންގަމުންދާ ނއްގާނީ އުދުވާނީ އަމަލުތައް ފުޅާކުރުމާއި، ސްކޫލުތަކަށް ބޮން އެޅުމާއި ކުޑަކުދިންނާއެކު އާންމު ރައްޔިތުން ޝަހީދުކޮށްލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ.
ފޮން ޑަރް ލިއަން ވިދާޅުވީ އިޒްރޭލަށް އަމިއްލަ ދިފާޢުގައި މަސައްކަތްކުރުމުގެ ޙައްޤު އޮތްނަމަވެސް، އާންމު ރައްޔިތުންނާ ދެކޮޅަށް މިހާ ބޮޑަށް ހަނގުރާމަ ގަދަކުރުމަކީ އެކަށީގެންވާ ކަމެއް ނޫން ކަމަށެވެ. އަދި އިޒްރޭލުން ވަގުތުން ޣައްޒާއަށް އެހީ ފޯރުކޮށްދިނުން އަލުން ފަށަންޖެހޭ ކަމަށާއި، މިކަން ކުރަންވާނީ އދ އާއި ބައިނަލްއަޤްވާމީ އިންސާނީ އެހީގެ ޖަމާޢަތްތަކާ ގުޅިގެން ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، އިޒްރޭލަށް ވަގުތުން ހަނގުރާމަ ހުއްޓާލުމަށް ގޮވާލައްވާފައިވާއިރު، ހަމާސްއަށްވެސް ހިފަހައްޓާފައިވާ ރަހީނުން ޝަރުޠަކާ ނުލައި ދޫކޮށްލުމަށް ގޮވާލައްވާފައިވެއެވެ. އަދި ދެ ދައުލަތުގެ ހައްލެއްގެ މައްޗަށް ބިނާކޮށް، ޢަދުލުވެރި އަދި ދެމެހެއްޓެނިވި ސުލްޙައަކަށް ޔޫރަޕުގެ އެއްބާރުލުން ދެމިއޮންނާނެ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
މި ބަޔާނަކީ ޣައްޒާގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން އާންމު ރައްޔިތުންނަށް ކުރިމަތިވަމުންދާ ގެއްލުންތަކާމެދު ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ކަންބޮޑުވުން އިތުރުވަމުން އަންނަ ދަނޑިވަޅެއްގައި ނެރެފައިވާ ބަޔާނެކެވެ.




