ބެލްޖިއަމްގެ ފޮރިން މިނިސްޓަރ މެކްސިމް ޕްރިވޯ ވަނީ ޣައްޒާގައި މީހުން ހާލުގައި ޖެއްސުމާއި ހިޞާރު ކުރުން އަދި ރައްޔިތުން ބަނޑަށް ޖެއްސުމަކީ ހަނގުރާމައިގެ ކުށެއް ކަމަށް ވިދާޅުވެފައެވެ. އޭނާ މިހެން ވިދާޅުވެފައިވަނީ ޣައްޒާގެ ހާލަތާ ގުޅޭގޮތުން ދެއްވި ބަޔާނެއްގައެވެ.
ފޮރިން މިނިސްޓަރ ވިދާޅުވީ ޣައްޒާގައި ހިނގަމުންދާ އަނިޔާވެރިކަމުގެ މަންޒަރުތަކަކީ ރުޅިއާއި ނުރުހުން އުފެދޭ މަންޒަރުތަކެއް ކަމަށާއި، މިހާރު ޔަހޫދީންގެ ނޭއްގާނިކަން ގޮސްފައިވާ ހިސާބުން ހަމައެކަނި ކުށްވެރިކުރުމުގެ މަރުހަލާ ފަހަނައަޅާ ގޮސްފައި ކަމަށެވެ. އަދި އިސްރާއީލް ބަދަލުކުރުމަށް ޓަކައި ވަކި ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
"ޣައްޒާގައި އަދި ކިހާ ބޮޑު އަނިޔާވެރިކަމެއް ހިނގަމުން މިދަނީ، މިއީ ނަސްލު ފޮހެލުމެއްކަން ބުނުމުގެ ކުރިން؟" މިނިސްޓަރ ޕްރިވޯ ސުވާލު ކުރެއްވިއެވެ.
މީގެ އިތުރުން، އިސްރާއީލްގެ މައްޗަށް ދަޢުވާތަކެއް އުފުލުމާއެ ޔަހޫދީންގެ ގައުމުގެ މައްޗަށް ފިޔަވަޅުތަކެއް އެޅުމަށް ބެލްޖިއަމްގެ ސަރުކާރަށް ހުށަހަޅާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި ޣައްޒާގެ ކުޑަކުދިން ބަނޑަށްޖެހިގެން މަރުވިޔަ ނުދިނުމަށް ޓަކައި ހިޞާރު ނިމުމަކަށް ގެންނަން ޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މިއީ ޣައްޒާގައި ހިނގަމުންދާ އަނިޔާވެރިކަމާ ގުޅޭގޮތުން ބެލްޖިއަމްގެ ސަރުކާރުން އަޑުއުފުލާފައިވާ އެންމެ ފަހުގެ ހަރުކަށި ބަޔާނެވެ. ޣައްޒާގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް ގިނަ ޤައުމުތަކުން ގޮވާލަމުންދެއެވެ.




