ޣައްޒާގައި ޔަހޫދީންނާއި އެމެރިކާގެ އެހީތެރިކަމާއެކު ޤާއިމުކޮށްފައިވާ އެހީ ބެހުމުގެ ނިޒާމަކީ ހަނގުރާމައިގެ ޖަރީމާ ހިންގުން ކަމަށާއި އެއީ ފަލަސްޠީނުގެ ރައްޔިތުންގެ އަމިއްލަ އިޚުތިޔާރު ނިގުޅައި ގަތުމަށް އަމާޒުކޮށްފައިވާ އަނިޔާވެރި ރޭވުމެއް ކަމަށް ބުނެ ފަލަސްޠީނު މުޖާހިދީން ހަރަކާތުން އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
މި ހަރަކާތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ "ޣައްޒާ ހިއުމަނިޓޭރިއަން ފައުންޑޭޝަން" ގެ ނަމުގައި އުފައްދާފައިވާ މި ޖަމްޢިއްޔާއަކީ ޣައްޒާގެ އިޖްތިމާޢީ ފޭރާން ހަލާކުކޮށްލުމަށް އަމާޒުކޮށްފައިވާ "ސަލާމަތީ މުއައްސަސާއެއް" ކަމަށެވެ. މިއީ އެމެރިކާގެ ކުލީ ސިފައިންގެ ބަޔަކު ޔަހުދީން ފައިސާ ދިނުމުން ހިންގާރޭވުމެކެވެ. ބޭނުން ވަނީ ފަލަސްޠީނު މީހުން ކޮންސެންޓްރޭޝަން ކެމްޕަކެއްގައި ބަންދުކޮށްފައި ބައިތިއްބާށެވެ.
މި ޖަމްޢިއްޔާއާ އެއްވެސް ގުޅުމެއް ނުބޭއްވުމަށް ފަލަސްޠީނުގެ ރައްޔިތުންނަށް މުޖާހިދީން ހަރަކާތުން ގޮވާލާފައިވެއެވެ. އެހެނީ މި ޖަމްޢިއްޔާއިން ކުރިއަށްގެންދާ މަސައްކަތްތަކަކީ ފަލަސްޠީނުގެ ބިންތައް އިޒްރޭލުން އިތުރަށް ގަދަ ބާރުން ހިފުމަށް މަގުފަހިކުރުމެއް ކަމަށް އެ ހަރަކާތުން ދެކެއެވެ.
ވޮޝިންގްޓަން ޕޯސްޓުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މިސްރާއި ޣައްޒާގެ ސަރަހައްދީ ބޯޑަރުގައިވާ ފިލަޑެލްފީ ކޮރިޑޯ ކައިރީގައި ހުންނަ އެހީ ބެހުމުގެ މަރުކަޒަކަށް އެމެރިކާގެ ކުލީ ސިފައިންގެ ހިމާޔަތުގައި އެހީގެ ތަކެތި ގެންގޮސް، ކުޑަ މިންވަރެއް ބަހާފައިވެއެވެ.
ޔަހޫދީންނާއި އެމެރިކާއިން މިކަން ކުރާއިރު އަރަބިން ޗުއްޕޭވެސް ނުބުނެއެވެ.
މި އެހީ ބެހުމުގެ މަސައްކަތް ހިންގަނީ ވޮޝިންޓަން ޕޯސްޓުން ބުނާ ގޮތުގައި ގޮތް ނޭނގޭ ސިއްރު ޖަމާޢަތަކުން ކަމަށާއި، އެ ޖަމާޢަތަށް ޔަހޫދީންގެ ފަރާތަކުން 100 ބިލިއަން ޑޮލަރުގެ ފަންޑިންގ ލިބިފައިވާ ކަމަށް ބުނެފައި ވެއެވެ. ނަމަވެސް މި ފައިސާ ދިން ފަރާތްތަކުގެ ނަން އަދި ހާމަވެފައެއް ނުވެއެވެ.
މި ޖަމާޢަތުގެ އެހީ ބެހުމުގެ ހަތަރު މަރުކަޒު ހުރި ކަމަށް ބެލެވެއެވެ. އޭގެ ތެރެއިން ތިންތަން ހުރީ ދެކުނުގައެވެ. އަނެއް މަރުކަޒު ހުރީ ޣައްޒާގައި ނެޓްޒަރިމް ކޮރިޑޯ ކައިރީގައެވެ. ނަމަވެސް ޣައްޒާގެ އާބާދީގެ ބޮޑު ބައެއް ދިރިއުޅެނީ އުތުރާއި މެދު ޣައްޒާގައެވެ. އެހެންކަމުން، ދެކުނުގައި ހުރި މަރުކަޒުތަކަށް ވާސިލުވުމަށް، އުތުރާއި މެދު ޣައްޒާގެ ރައްޔިތުން އިޒްރޭލުގެ ބާރުގެ ދަށުގައިވާ ސަރަހައްދުތަކުން ހިނގާފައި ދާންޖެހެއެވެ.





