އިޒްރޭލުން ހުޅަނގު އައްސޭރިއާއި ހިފާފައިވާ އިރުމަތީ ޤުދުސްގައި ޤާއިމްކޮށްފައިވާ ފޭރިގެންފައިވާ ބިންތަކުގެ އާބާދީން އުފައްދާ މުދާ އެތެރެ ކުރުން މަނާކުރުމަށް އަޔަލެންޑުން ނިންމައިފިއެވެ.
އަޔަރލެންޑުގެ ބޮޑުވަޒީރު މައިކަލް މާޓިން ވިދާޅުވީ، "މުޅި ދުނިޔެއިން އިޒްރޭލަށް ފިއްތުން ކުރިމަތިކޮށް، މި ހަނގުރާމަ ވަގުތުން ހުއްޓުވުމަށް މަސައްކަތްކުރުމުގެ މުހިންމުކަން މިވަގުތު ކުރިމަތިވެފައިވާ ކަން" ފާހަގަ ކުރައްވާ ކަމށެވެ.
މި ބިލު ފާސްވެއްޖެނަމަ، ޔަހޫދީ ޒަޔަނިސްޓު ބަސްތީ އާބާދީތަކުން އުފައްދާ މުދާ އަޔަރލެންޑަށް އެތެރެކުރުމަކީ ކުށެއްކަމުގައި ހަދާނެއެވެ.
އދ. އިން ތަކުރާރުކޮށް ބުނަމުން އަންނަނީ، ބައިނަލްއަޤްވާމީ ގޮތުން ބަލައިގަނެފައިވާ އިޒްރޭލުގެ ސަރަޙައްދުން ބޭރުގައި ޤާއިމްކޮށްފައިވާ އާބާދީތަކަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފު ތަންތަން ކަމަށެވެ. މި ފިޔަވަޅަކީ އިޒްރޭލާ ދެކޮޅަށް އަޔަރލެންޑުން އަޅާ އެންމެ ފަހުގެ ފިޔަވަޅެވެ.
މި ބިލާ މެދު މަޝްވަރާކުރުމަށް ކެބިނެޓުން ވަނީ ނިންމާފައެވެ. ފަލަސްޠީނުގެ ޙައްޤުތަކަށް ތާއީދުކުރާ ފަރާތްތަކުން މިކަމަށް މަރުޙަބާ ކިޔާފައިވާ އިރު، އިޒްރޭލުގެ ސަރުކާރުން މިކަމާ މެދު ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. އަދި މި ބިލު ފާސްވެއްޖެނަމަ، ޔަހޫދީން އަޔަލެންޑާ ދިމާކުރާނެއެވެ. އަޔަލެންޑަކީ މިހާރުވެސް ފަލަސްޠީނުގެ ސަޕޯޓަރެކެވެ.





